އދ. ފެންފުށީ ފަޅު.

ގާސިމް އެދުނު ގޮތަށް ވިލާއަށް ފެންފުށީ ފަޅުން ބޮޑު ބައެއް ދީފި

ފެންފުށީ ފަޅުން ގާސިމަށް ދޫކުރި ބަޔަކީ އެ ތަނާ ވަރަށް ކައިރީގައި އޮންނަ ވިލާގެ ސަން އައިލެންޑް ރިސޯޓަށް ވުރެ ފަސް ގުނަ ބޮޑު ސަރަހައްދެއް

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެދިވަޑައިގަތް ގޮތަށް އޭނާގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުންޏަށް އދ. ފެންފުށީ ފަޅުގެ ބޮޑު ބައެއް ޓޫރިޒަމް މިނިސްޓްރީން ދީފި އެވެ.

މައްސަލައިގެ ފެށުން - ފެންފުށީ ފަޅު ދޭން މިދިޔަ އޮގަސްޓް މަހު ގާސިމް އެދިވަޑައިގަތީ އޭނާގެ ކުންފުންޏަށް ދޫކޮށްފައިވާ ތ. އެލާ ހިމަނައިގެން އެ އަތޮޅު ވޭމަންޑޫ އާއި ކިނބިދުއާ ދެމެދު ކޯސްވޭ އެޅުމަށް ނިންމާފައިވާތީ އެލާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުންނެވެ.

ވީ ކިހިނެއް؟ - މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ދައުރު'ން ޓޫރިޒަމް މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީން ފޯރުކޮށްދިން މައުލޫމާތުތަކުގައިވާ ގޮތުގައި:

  • ފެންފުށީ ފަޅުން ބޮޑުފިނޮޅުގެ ހުޅަނގަށް އޮންނަ ބައި ގާސިމްގެ ވިލާ ޝިޕިންއަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައި ވަނީ މިދިޔަ އޭޕްރީލް 18ގައި

  • އެ ފަޅު ދިނީ އެލާ ސަރުކާރަށް ނަގާތީ އޭގެ ބަދަލުގައި ކަމަށް ވެސް މިނިސްޓްރީން ބުނި 

  • ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ޑރ. އަބްދުﷲ މައުސޫމް މިނިސްޓަރަކަށް ހުންނެވި ޓޫރިޒަމް މިނިސްޓްރީން އެ ތަން ވިލާއަށް ދޫކޮށްފައި ވަނީ 99 އަހަރަށް

ގާސިމް އެންމެ ފުރަތަމަ އެދިވަޑައިގަތީ އެލާގެ ބަދަލުގައި ތ. ކަނިމީދު ނުވަތަ އެ އަތޮޅު ކަޅުފަހަލަފުށި ދިނުމަށެވެ. އެކަމަކު އެ ދެ ރަށް ވެސް ދޫކުރެވެން ނެތް ކަމަށް މިނިސްޓްރީން އޭރު އެންގި އެވެ.

އެނގުން މުހިންމު - ފެންފުށީ ފަޅުން ގާސިމަށް ދޫކުރި ބަޔަކި އެ ތަނާ ވަރަށް ކައިރިގައި އޮންނަ ވިލާގެ ސަން އައިލެންޑް ރިސޯޓަށް ވުރެ ފަސް ގުނަ ބޮޑު ސަރަހައްދެކެވެ. އެ ތަނުގައި ރިސޯޓް ހެދުމުގެ މަސައްކަތް ވިލާ އިން އަދި ފަށާފައެއް ނުވެ އެވެ.

ގުޅުންހުރި މައްސަލައެއް - ފެންފުށީ ފަޅު ހިއްކައިގެން ބޮޑުފިނޮޅު ރިސޯޓް ތަރައްގީ ކުރަން ފެށުމުން ވެސް މީގެ ކުރިން އެ ރަށުގެ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ބޮޑު ފަޅެއް އޮންނަ ފެންފުށީގެ ފަޅު ހިއްކުމަށް އެ ރަށުގެ ރައްޔިތުން އަބަދު ވެސް ދެކޮޅު ހަދަ އެވެ.

ގާސިމްގެ ރަށްތަކާ ގުޅުންހުރި މައްސަލަތައް:

  • ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2017ގައި ވިލާއަށް ދީފައި އޮތް ތ. އެލާ، ގދ. ގަޒީރާ، ރ. މާނެންފުށި، ކ. ބޮލިދުއްޕަރުފަރު އަދި އެ އަތޮޅު ވާވެއްދިފަޅު އަތުލަން ނިންމައި އެ ތަންތަނަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެ ކުންފުނިން 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ދައްކަން އެންގި

  • ނަމަވެސް ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ފަސް ރަށް ސަރުކާރުން އަތުލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެ ފަސް ރަށުގެ މައްސަލަ ވިލާ ކުންފުންޏާ އެއްކޮޅަށް ސުޕްރީމް ކޯޓުން އޭޕްރީލް 2018ގައި ނިންމި

  • އޭގެ ފަހުން އޮކްޓޯބަރު 2018ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ވަނީ އެ ރަށްތައް ދިނުމުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް ކަނޑައަޅާފައި

ކޮމެންޓް (3)

ހިމާރުލްގައުމު

27 ޖޫން 2022
ގައުމުގެ ޙަޒާނާ ލޫޓުވަނީ އިބްރާހިމް ސާލިހު. މާމިގިލީ އަޑުބަރޭ ޔާމީންގެ ވެރިކަން ވައްޓާލަން ނުކުތީ މިހެންވެ. އޭނަ ބޭނުންވަރަށް ދައުލަތުގެ ޙަޒާނާއާ މުދާތައް އޭނަގެ ބަނޑުދަށަށް ކަހައި ނުދީގެން.
0 0

އަމީރުލް

26 ޖޫން 2022
ހަމަ ވިދާޅުވުން ދޯ އޮންނާނީ!!
2 0

ގާސިން

26 ޖޫން 2022
މީނަ އެކަނި މިގައުމުގަ އުޅެންވީ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް