ޓޭލާ ޝޭގެ ބޮބް ކަޓް (ފޮޓޯ: ހާޕާޒް ބަޒާރް)

ބިއުޓީ

މިިފަހުގެ އެންމެ މަގުބޫލު ސްޓައިލަށް ބޯކޮށާލިންތަ؟

ޕެރިސް އަދި ނިއު ޔޯކްގެ އެންމެ މަގުބޫލު މި ހެއާސްޓައިލް ގިނަ ބަޔަކު މިހާރު ބޭނުންވޭ
10 މާރިޗު 2022

ފިނި މޫސުމުގެ ފެޝަން ވީކްއިން ފާހަގަވީ ހަމައެކަނި ހެދުމުގެ ޓްރެންޑުތަކެއް ނޫނެވެ. މޭކަޕް އަދި ހެއާސްޓައިލް ފަދަ ބިއުޓީ ޓްރެންޑުތައް ވެސް ފެނިގެންދިޔަ އެވެ. އޭގެތެރެއިން އެންމެ މަގުބޫލު ހެއާސްޓައިލެއް ގޮތަށް ފާހަގަވީ 'ބޮބް ކަޓް' އެވެ.

އަދި އެއީ އެންމެ ވައްތަރެއްގެ ބޮބް ކަޓެއް ނޫނެވެ. 'ލިޓްލް ބޮބް ކަޓް'، 'ފްރެންޗް ބޮބް'، 'ލޮބް'، 'ކާލީ ބޮބް' އަދި50ގެ އަހަރުތަކުގެ ގޮތަކަށް ސްޓައިލުކޮށްފައި ހުންނަ ބޮބް ކަޓް ވެސް ފެނުނެވެ. ފެޝަން ވީކްގެ ޝޯތަކުގެ މޮޑެލުންނާއި ޝޯ ބަލަން ދިޔަ ގިނަ އެޑިޓަރުންނާއި، ބަޔާޒް، ސެލެބްރިޓީޒް އަދި ފެޝަން ދާއިރާގައި މަސައްކަތް ކުރާ މީހުން ތިބީ މި ސްޓައިލަށް ބޯކޮށާލައިގެނެވެ.

މިފަހުގެ ބޮބް ކަޓް ޓްރެންޑު އެންމެ މަގުބޫލުވީ ޕެންޑެމިކްގެ ތެރޭގަ އެވެ. ބޭރުގެ ހެއާސްޓައިލިސްޓުން ބުނާގޮތުގައި ބޮބް ކަޓް ސްޓައިލަށް އިސްތަށިގަނޑު ސްޓައިލުކޮށްލަން ގިނަ އަދަދެއްގެ ރިކުއެސްްޓު އާދެ އެވެ. މަޝްހޫރު ފެޝަން މަޖައްލާ ވޯގްއިން ބުނާ ގޮތުގައި މީގެ ދެ އަހަރު ކުރިން އަނެއްކާވެސް މަގުބޫލުވި މިޓްރެންޑު މި އަހަރު އެކި ގޮތްގޮތަށް ފެންނާނެ އެވެ.

މިޒަމާނުގެ ބޮބް ކަޓްއަކީ 2000ގެ ކުރީގެ އަހަރުތަކުގެ ނުވަތަ 90ގެ އަހަރުތަކުގެ އިހުގެ ސްޓައިލުގެ ބޮބް ކަޓަށް ވުރެން ހިތްގައިމު އަދި 'އެފަޓްލެސް' ވައްތަރެކެވެ. ކުރު ބޮބް ކަޓްއާ އެކު 'ފްރިންޖް' ލުމަކީ ޒަމާނީ ގޮތެކެވެ. އެއީ އިސްތަށިގަނޑުގެ ދިގުމިން ދަތްދޮޅިއާ ހިސާބަށް ބަހައްޓާފަ އެވެ. މިއީ މިފަހުގެ'ލިޓްލް ބޮބް'ގެ ވައްތަރެކެވެ. މި ސްޓައިލް އެންމެ ގިނައިން މޮޑެލް ކޮށްފައިވަނީ ޓޭލާ ޝޭ އެވެ. އޭނާގެ މި ލުކްއަކީ ވަރަށް ޔޫރަޕް އަދި ފްރާންސްއަށް ނިސްބަތްވާ ގޮތެއްގެ ސްޓައިލެކޭ ބުނެވިދާނެ އެވެ.

މޮޑެލް ސެލެބްރިޓީ އެލެކްސާ ޗަންގްގެ ހެއާސްޓައިލަކީ އަދިވެސް ވަރަށް ޑިމާންޑު އޮންނަ ސްޓައިލެއް ކަމަށް ގިނަ ސްޓައިލިސްޓުންނާއި މަޖައްލާތަކުން ބުނެ އެވެ. އޭނާގެ ދިގު ބޮބް ކަޓް އަކީ ވަރަށް ނެޗުރަލްކޮށް ސްޓައިލް ކޮށްފައި ހުންނަ ލުކް އެކެވެ. އެއީ ސެލޯން އަކުން ގޮތް ބޮޑުކޮށް ސްޓައިލު ކޮށްފައި ހުރުމެއް ނޫނެވެ. މި ލުކް އަކީ ވައި ޖެހި، އިސްތަށިގަނޑު ކުޑަކޮށް ހޭވިލައިފައި ހުންނަހެން ހީވާ ގޮތަށް އެކަމަކު އެމީހެއްގެ މޫނުގެ ބައްޓަމާއި އަމިއްލަ ސްޓައިލާ ގުޅޭ ހެއާސްޓައިލަކަށް އިސްތަށިގަނޑު ބެހެއްޓުމެވެ. މި ލުކް ގިނަ އަދަދަކަށް ފެނުނީ ނިމިގެންދިޔަ ފެޝަން ވީކްއިންނެވެ. ޝޯތަކަށް ވަދެ ނުކުތް ކޮންމެ އަންހެނެއްގެ ބޮބް ކަޓް ސްޓައިލު ޒަމާނީ ވެފައި ނެޗުރަލް އެވެ.

ބޮބް ކަޓް ހެއާސްޓައިލް ފުރަތަމަ ތައާރަފުވީ މީގެ އެތަކެއް ސަތޭކަ އަހަރު ކުރިންނެވެ. އެކި ރިޕޯޓުތައް ބުނާގޮތުގައި ބޮބް ކަޓް ސްޓައިލް ފެށުނީ 1890ގެ އަހަރުތަކުގަ އެވެ. އެއީ ފްރާންސްގެ އެކްޓްރެސް ޕޮލެއާ، އޭނާގެ އިސްތަށިގަނޑު ވަރަށް ކުރު އަދި އެ ޒަމާނުގެ ޓްރެންޑުތަކާ ހިލާފު ސްޓައިލަކަށް ކޮށާލުމާ އެކު އެވެ. އޭރު ޕޮލެއާގެ ހެއާސްޓައިލަށް އާއްމުން ވަރަށް މަލާމާތްކުރި އެވެ. އަދި އެންމެ ހުތުރު އަންހެނާގެ މަގާމު ވެސް އޭނާއަށް އޭރު ދިނެވެ. އެ ޒަމާނުގެ ހެއާސްޓައިލަކީ ދިގުކޮށް ބޮޑު ބުޅި ސްޓައިލަށް ބެހެއްޓުމެވެ. އެހެންކަމުން ޕޮލެއާގެ ސްޓައިލު ގިނަ ބަޔަކު ހައިރާން ކޮށްލި އެވެ.

އެކަމަކު 1920 ވަނަ އަހަރު ބޮބް ކަޓް އަކީ ވަރަށް ޒަމާނީ އަދި އަންހެނުންގެ ކުރިއެރުމާ ގުޅިފައިވާ ސްޓައިލަކަށް ބަދަލުވެ މަގުބޫލުކަން ލިބުނެވެ. ޕޮލެއާގެ ސަބަބުން އަންހެނުންގެ ހެއާ ސްޓައިލަށް އިންގިލާބެއް ގެނެސްދިނެވެ. ފަހުން 1920 ވަނަ އަހަރުގެ ހެއާ ސްޓައިލަށް ގިނަ ބަޔަކު 'ފްލެޕާ ގާލް' ސްޓައިލޭ ކިޔަ އެވެ. 'ގްރޭޓް ގެޓްސްބީ' ފިލުމުގައި މި ހެއާސްޓައިލު ފެންނާނެ އެވެ.

އެއަށް ފަހު އަނެއްކާވެސް ބޮބް ކަޓް މަޝްހޫރުވީ 1960ގެ އަހަރުތަކުގަ އެވެ. އެއީ ހެއާސްޓައިލިސްޓު ވިޑާލް ސެސޫންގެ ޒަމާނީ ހެއާ ކަޓްއާ އެކު އެވެ. އޭރުގެ ހޮލީވުޑް ތަރިންނާއި ފެޝަން މޮޑެލްސް ސެސޫންގެ ސްޓައިލް ބައިނަލްއަގްވާމީ ލެވެލްއަކަށް ގެންގޮސްދިނެވެ.

މިހާރު ފެންނަ ހުރިހާ ހެއާ ސްޓައިލަކީ ވެސް މިފަދައިން އެކި ޒަމާނުއްސުރެން ބަދަލުވެ ތަފާތުވަމުން އައި ސްޓައިލުތަކެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް