މުހައްމަދު ސައީދު މަސްހިފަން ބޭނުންކުރި ކަމަށް ބެލެވޭ އާލާތް: އޭތި ފެނުނީ 59 މީޓަރު އަޑިން

އެމްއެންޑީއެފް

ސައީދު މަސް ހިފަން ގެންގުޅުނު ދަގަނޑު ވަރަށް އަޑިން ފެނިއްޖެ

އޭނާ ހޯދަން ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް މިއަދު 40 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައި

ޏ. ފުވައްމުލަކު ނެރު ކައިރީގައި އޮންނަ "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް ޑައިވިނަށް ފޭބި މުހައްމަދު ސައީދު މަސްހިފަން ބޭނުންކުރި ކަމަށް ބެލެވޭ ދަގަނޑު، އެ ސަރަހައްދުގެ ވަރަށް އަޑިން މިއަދު ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - އިތުރު މީހަކާ އެކު މުހައްމަދު ސައީދު ޑައިވިނަށް ފޭބީ އިއްޔެ މެންދުރު 2:30 އެހާކަންހާއިރު އެވެ. ސައީދު ގެއްލިގެން އެ ދުވަހު 3:30ގައި ރިޕޯޓުކުރުމާ އެކު އެމްއެންޑީއެފް އިން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ތަފްސީލް - އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން ހަނާ މުހައްމަދު މިއަދު ވިދާޅުވީ މުހައްމަދު ސައީދު ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑި ބަލަމުން އަންނަ އިރު، ކޯސްޓްގާޑް ހާބާ ޕެޓްރޯލް އުޅަނދުން ކަނޑުގެ ސަރަހައްދު ބަލަމުން އަންނަ ކަމަށެވެ.

އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރު ވެސް މިއަދު ވަނީ އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފުވައްމުލަކުގައި 2 މޭ 2022 ވަނަ ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ސައީދު. (ޓުވިޓާ ފޮޓޯ/ އަލީ އިއްޒަތު)

ބުނީ ކީކޭ؟ - ހަނާ ވިދާޅުވީ ކޯސްޓްގާޑް ޑައިވަރުން އެ ސަރަހައްދު ޑައިވް ކުރުމުގެ ތެރޭގައި މިއަދު 59 މީޓަރު އަޑިން މުހައްމަދު ސައީދު މަސްހިފުމަށް ބޭނުންކުރިކަމަށް ލަފާކުރެވޭ އާލާތެއް ޑައިވަރުންނަށް ފެނިފައިވާ ކަމަށެވެ. އެ އަލާތް ފެނުމަ ގުޅިގެން ކަނޑުގެ އަޑިން 550 މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑުގެ ޑައިވިން ޓީމުން ބެލި ކަމަށް އޭނާ ވިދާޅުވި އެވެ.

ސްލޯޕެއް ގޮތަށް އުފެދިފައިވާ އެ ސަރަހައްދުގެ ފުންމިނުގައި އެ އާލާތް ފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް އެމްއެންޑީއެފް އިން ލަފާކުރެ އެވެ.

މިއަދުގެ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް 40 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާނެ ކަމަށް ހަނާ ވިދާޅުވި އެވެ.

ސްލޯޕެއް ގޮތަށް އުފެދިފައިވާ އެ ސަރަހައްދު

މޫސުން ގޯސްވުމުން އޮޕަރޭޝަނަށް ދަތިތަކެއް

މި ދުވަސްވަރަކީ އޮޔަ ބާރު އަދި ކަނޑު ގަދަ ދުވަސްވަރެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން މުހައްމަދު ސައީދު އޮޕަރޭޝަންގައި އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ހަނާ ވިދާޅުވި އެވެ.

"ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް ކޯސްޓްގާޑް ސްކޮޑްރަންއިން ހިންގަމުންދާ މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި،" ހަނާ ވިދާޅުވި އެވެ.

މުހައްމަދު ސައީދު ހޯދުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް އެމްއެންޑީއެފް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ސައީދު ހޯދުމަށް އެމްއެންޑީއެފްގެ ޑައިވަރުން ހަރަކާތްތެރިވަނީ (ފޮޓޯ/އެމްއެންޑީއެފް)

އެނގުން މުހިންމު - ގެއްލިގެން ހޯދަމުންދާ މުހައްމަދު ސައީދު ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެކެވެ. އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މުހައްމަދު ސައީދުއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުން ބަލައިދިނުމަށް ވަނީ އެދިފަ އެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް