Majlis 2024

ކޮސޯވޯއާ ދެކޮޅު ދިދަ ހަރުކޮށްފައި.

ވޯލްޑް ކަޕް

ސާބިއާ ޓީމުން ކޮސޯވޯއާ ދެކޮޅު ދިދަ ހަރުކުރި މައްސަލަ ބަލަން ފަށައިފި

27 ނޮވެމްބަރު 2022

ވޯލްޑް ކަޕްގައި ބްރެޒިލްއާ ދެކޮޅަށް ނުކުތް އިރު ފުޓްބޯޅަ ޓީމުގެ ޑްރެސިން ރޫމްގައި ސާބިއާގެ ނޭޝަނަލިސްޓް ދިދައެއް ހަރުކޮށްފައި ހުރި ފޮޓޯތަކެއް ލީކުވުމާ ގުޅިގެން ފީފާއިން އެ މައްސަލަ ބަލަން ފަށައިފި އެވެ.

އަލްބޭނިއާގެ އަގުލަބިއްޔަތު އޮންނަ ކޮސޯވޯ އިން ސާބިއާގެ ކިބައިން މިނިވަންކަން ހޯދީ 2008 ވަނަ އަހަރު އެވެ. އަދި މިހާރު ފީފާގެ މެމްބަރެއްގެ ގޮތުގައި އޮތް ނަމަވެސް ސާބިއާ އިން އެ ގައުމުގެ ސިޔާދަތު ގަބޫލެއް ނުކުރެ އެވެ.

"ބްރެޒިލް އާއި ސާބިއާ ބައްދަލުކުރި މެޗުގެ ތެރެއިން، ސާބިއާގެ ޑްރެސިން ރޫމްގައި ދިދައެއް ޖަހާފައި ހުރުމުން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އެ މައްސަލަ ބަލަން ނިންމާފައި،" ފީފާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ.

"ފީފާގެ ޑިސިޕްލިނަރީ ކޯޑްގެ 11 ވަނަ މާއްދާ އާއި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ މައްޗަށް ބިނާކޮށް އެ މައްސަލަ ބަލަނީ."

ކޮސޯވޯ ފުޓްބޯލް ފެޑެރޭޝަން (އެފްކޭކޭ) އިން ބުނީ ކޮސޯވޯއާ ދެކޮޅަށް ސާބިއާގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ވޯލްޑް ކަޕަކީ އުފާވެރިކަމާއި އެއްބައިވަންތަކަމުގެ ހަރަކާތެއް. އެ މުބާރާތުން ފޮނުވަން ޖެހޭނީ އުއްމީދާއި ހަމަޖެހުމުގެ މެސެޖުތައް، ނަފްރަތުގެ މެސެޖްތަކެއް ނޫން،" އެފްކޭކޭގެ ޓުވީޓްގައި ބުންޏެވެ.

"އަދި އެފަދަ އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފީފާއަށް ގޮވާލަން."

ވޯލްޑް ކަޕްގައި ބުރާސްފަތި ދުވަހު ގަތަރުގައި ބްރެޒިލް އަތުން 2-0 އިން ބަލިވި މެޗުގައި ސާބިއާގެ ގިނަ ސަޕޯޓަރުން ވަނީ "އަހަރެމެން އަމާނެއް ނުދެން" ލިޔެފައިވާ ދިދަ ވެސް ސްޓޭޑިއަމްގައި ދައްކާލައިފަ އެވެ.

އެ ދިދައިގެ ފޮޓޯ ސޯޝަލް މީޑިއާގައި ވައިރަލްވީ ކޮސޯވޯގެ ކަލްޗާ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ހާޖްރުالله ސެކޫ އެ ދިދަ އާންމު ކުރުމުންނެވެ.

"ފީފާ ވޯލްޑް ކަޕް ޕްލެޓްފޯމްގެ ބޭނުން ހިފައިގެން ކޮސޯވާއާ މެދު ނަފްރަތު އުފެދޭ، ޒެނޯފޯބިކް އަދި ޖެނޯސައިޑަލް މެސެޖްތައް ސާބިއާގެ ލޮކަރު ރޫމްގެ ތެރޭގައި ޖަހައިފި،" އޭނާ ކުރެއްވި ޓުވީޓެއްގައިވެ އެވެ. 

"ކޮސޯވޯ ފުޓްބޯލް ފެޑެރޭޝަނަކީ ފީފާ އާއި ޔުއެފާގެ ފުރިހަމަ މެމްބަރަކަށް ވާތީ ފީފާއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުންމީދު ކުރަން."

ޑްރެސިން ރޫމްގައި ހުރި ދިދައިގެ ފޮޓޯއިން އެއްވެސް ކުޅުންތެރިއަކު ފެންނާކަށް ނެތެވެ. އެ ފޮޓޯ ހަރުކޮށްފައި އިނީ ޑިފެންޑަރު މިލޯސް ވެލްޖްކޮވިޗް އާއި މިޑްފީލްޑަރު އަންދްރީޖާ ޒިވްކޮވިޗްގެ ޖޯޒީ އާއި ލޮކަރުތަކުގެ މަތީގަ އެވެ.

ސާބިއާގެ ކުޅުންތެރިން ދަނޑުމަތީގައި (ފޮޓޯ/ އީޕީއޭ)

ވެލްޖްކޮވިޗް ކުޅެނީ ވާޑާ ބްރެމެންއަށް ކަމަށާއި ބުންޑަސްލީގާ ކްލަބުގެ ތަރުޖަމާނަކު ޑެއިޗްސްޓިއުބް ވެބްސައިޓަށް ވިދާޅުވީ އެ ފޮޓޯގެ މައުލޫމާތު ކުޅުންތެރިއަކަށް އެނގުނީ މެޗަށް ފަހު ކަމަށެވެ.

ސާބިއާގެ ކުޅުންތެރިން އެނބުރި ޑްރެސިން ރޫމަށް ދިޔައިރު އެތަނުގައި ދިދައެއް ނެތް ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ބްރެޒިލް އަތުން 2-0 އިން ބަލިވި ސާބިއާ ދެން ނުކުންނާނީ އަންނަ ހޯމަ ދުވަހު ކެމަރޫންއާ ދެކޮޅަށެވެ. މިކަމާ ގުޅިގެން އެ ޓީމުގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއެސްއެސް)ގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް