އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރައީސް ސޯލިހާ އެކު ގުޅިފައިވާ ބަޔާނެއް ދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

އިންޑިއާއިން ހިންގާ މަޝްރޫއުތައް ނިންމަން އިތުރު 100 މިލިއަން ޑޮލަރުގެ ލޯނު ދޭން ނިންމައިފި

މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ އެކުވެރި ގުޅުމަށް ފާއިތުވި އަހަރުތަކުގައި އާ ޖޯޝެއް އައިސް، ބަދަހިކަން އިތުރުވެފައިވާ ކަމަށް
2 އޯގަސްޓު 2022

ރާއްޖޭގައި އިންޑިއާއިން ފަށާފައިވާ މަޝްރޫއުތައް އަވަހަށް ނިންމަން، އެ ގައުމުން އިތުރު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މޯދީގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފަ އެވެ. އަދި ދެ ގައުމުގެ ދެމެދު ހަ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެ އެވެ.

ތަފްސީލް - އެމްއޯޔޫތަކުގައި ސޮއިކުރުމަށް ފަހު، ރައީސް ސޯލިހާއި މޯދީ ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވައިފަ އެވެ. ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ އެކުވެރި ގުޅުމަށް ފާއިތުވި އަހަރުތަކުގައި އާ ޖޯޝެއް އައިސް، ބަދަހިކަން އިތުރުވެފައިވާ ކަމަށެވެ.

މިއަދު ރައީސްއާ އެކު ބޭއްވެވި ބައްދަލުވުމުގައި ވަރަށް ގިނަ ކަންކަމާ މަޝްވަރާކުރެއްވި ކަމަށް މޯދީ ވިދާޅުވި އެވެ. އެގޮތުން، މޯދީ ފާހަގަކުރެއްވި ކަންކަމަކީ:

  • އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން މާލޭ ސަރަހައްދުގައި އަޅަން ފަށާފައިވާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން 

  • އޭގެ އިތުރަށް، މާލޭ ސަރަހައްދުގައި 2،000 ސޯޝަލް ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމި

ބުނީ ކީކޭ؟ - "އޭގެ އިތުރުން، އިންޑިއާއިން ވާނީ ރާއްޖޭގައި މިހާރު ފަށާފައިވާ ޕްރޮޖެކްޓުތައް ކަނޑައެޅިފައިވާ ތާރީހުތަކުގައި ނިންމުމަށް، އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދިނުމަށް ވެސް ނިންމާފައި،" މޯދީ ވިދާޅުވި އެވެ.

ރައީސް ސޯލިހް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު މޯދީއާ މިއަދު ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

އިންޑިއާ ކަނޑުގެ ހަމަޖެހުމަކީ ރާއްޖެ އާއި އިންޑިއާގެ ސަލާމަތަށް ވެސް އެހާމެ މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވައި މޯދީ ވިދާޅުވީ، އިންޑިއާ ކަނޑުގައި ހިންގާ ޑްރަގް ޓްރެފިކިންނާއި، ޓެރަރިޒަމްގެ އަމަލުތަކާއި އަދި އެހެންވެސް ކުށްތައް ހުއްޓުވުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މޯދީ ވިދާޅުވީ މިއަދު ރާއްޖެ-އިންޑިއާ ގުޅުމަކީ ހަމައެކަނި ދެ ގައުމާއި، ދެ ގައުމުގެ ރައްޔިތުންގެ މަސްލަހަތުގެ އިތުރުން، ސަރަހައްދުގެ މަސްލަހަތަށް ވެސް އިސްކަންދޭ ގުޅުމެއް ކަމަށެވެ.

ފާއިތުވި ތަނުގައި ވެސް ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ގައުމަކަށް އިންޑިއާ ވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެކަން އެގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވެސް މޯދީ ދެއްވި އެވެ.

އެނގުން މުހިންމު - އިންޑިއާއިން ވަނީ ރާއްޖެއަށް 800 މިލިއަން ޑޮލަރު (12.4 ބިލިއަން ރުފިޔާ)ގެ ކްރެޑިޓް ލައިނެއް ދީފަ އެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް އެ ފައިސާ އަންނަނީ ހަރަދު ކުރަމުންނެވެ. އެގޮތުން:

  • 1-

    އެގްޒިމް ބޭންކް މެދުވެރިކޮށް ދޫކުރި އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ %1.75 

  • 2-

    އެ ލޯނު އަނބުރާ ދައްކަން ޖެހޭނީ 15 އަހަރުގެ ތެރޭގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް