އެމެރިކާ އާއި ރާއްޖެއިން މިއަދު އެހީގެ އެއްބަސްވުމުގައި ސޮއިކުރަނީ
ހެޔޮ ވެރިކަމާއި ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް އެމެރިކާއިން ރާއްޖެއަށް އިތުރު ތިން މިލިއަން ޑޮލަރު (46.3 މިލިއަން ރުފިޔާ) ދިނުމުގެ އެއްބަސްވުމުގައި އެ ގައުމުން މިއަދު ދިވެހި ސަރުކާރާ އެކު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މިޝަންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާއިން ރާއްޖެއަށް އިތުރު ތިން މިލިއަން ޑޮލަރު ދެނީ އެމެރިކާގެ އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް (ޔޫއެސްއޭއައިޑީ) އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ދެމެދު 2019 ވަނަ އަހަރު ސޮއިކޮށްފައިވާ އެއްބަސްވުން އިސްލާހުކުރުމަށް ފަހު ކަމަށެވެ. އެގޮތުން އެ އެއްބަސްވުމަށް ގެނައި އިސްލާހުގައި މިއަދު ވަނީ ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފަ އެވެ.
ތަފްސީލް - އެމެރިކާގެ މިޝަންއިން ބުނި ގޮތުގައި އެއްބަސްވުމަށް ގެނައި އިސްލާހުގެ ދަށުން އެމެރިކާއިން ރާއްޖެއަށް އެހީތެރިވާނީ ދެ ދާއިރާއަކުންނެވެ. އެއީ:
ހެޔޮވެރިކަން ކުރިއެރުވުމުގެ ރޮގުން
މާލީ ކަންކަން ބެލެހެއްޓުން ހަރުދަނާ ކުރުމަށް
ބުނީ ކީކޭ؟ - ރާއްޖެއަށް ދޭ އެހީ އިތުރުކުރުމާ ގުޅޭ ގޮތުން ޔޫއެސްއޭއައިޑީގެ ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓާ އަންޖަލީ ކައުރު ވިދާޅުވީ އެމެރިކާ އާއި ރާއްޖެއިން އެއްބަސްވާ ކަންކަން ކުރިއެރުވުމުގައި އެމެރިކާއިން ރާއްޖެ އަންނަނީ އަބަދުވެސް އެހީތެރިވަމުން ކަމަށެވެ. އަދި އެ އެހީތެރިކަން ދަމަހައްޓާނޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މި އެއްބަސްވުމަކީ ދިވެހި ސަރުކާރާއި ރައްޔިތުންނާ އެކު އަޅުގަނޑުމެން ފުޅާވެ ކުރިއަރަމުންދާ ގުޅުން ދައްކުވައިދޭ ހަރުދަނާ ހެއްކެއް،" ބަޔާން މެދުވެރިކުރައްވައި އަންޖަލީ ވިދާޅުވި އެވެ.
އެމެރިކާ-ރާއްޖެ ސޮއިކޮށްފައިވާ ބައިލެޓްރަލް އެހީގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް އެމެރިކާއިން ރާއްޖެއަށް 28 މިލިއަން ޑޮލަރުގެ އެހީ ދީފައިވާނޭ ކަމަށް އެމެރިކާގެ މިޝަންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެހީ ދީފައިވާ ދާއިރާތަކަކީ:
މާލިއްޔާ ބެލެހެއްޓުން ހަރުދަނާކުރުން
ހިންގުމުގެ ނިޒާމު ލާމަރުކަޒީ ކުރުން
ތިމާވެށި ރައްކާތެރިކުރުން
ހިންގުމުގެ ނިޒާމު ހަރުދަނާކުރުން
މީގެ އިތުރުން ވެސް ކޮވިޑް-19 އިން އަރައިގަތުމާއި ފުވައްމުލަކާއި އައްޑޫގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް މޫސުމީ ބަދަލުތަކުން ވާ ގެއްލުން ކުޑަކުރުމަށް އެހީވުން ފަދަ މުހިންމު ކަންކަމަށް އެމެރިކާއިން ވަނީ ރާއްޖެއަށް އެހީވެފަ އެވެ.
ކޮމެންޓް
(1)