ބިންހެލުމުގެ ސަބަބުން ޑޫޝެ ކޯޓަށް ލިބިފައިވާ ބައެއް ގެއްލުންތައް (ފޮޓޯ/އޭއޭ ފޮޓޯ)

ތުރުކީ

ހުޅަނގު ތުރުކީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

މި ކާރިސާގައި އެއްވެސް މީހަކު މަރުވިކަން އަދި އެނގިފައި ނުވާކަމަށް އޮފިޝަލުން ވަނީ ބުނެފައި

ތުރުކީގެ އިސްތަންބުލް އާއި 130 މޭލު ދުރުގައި އޮންނަ ޑޫޝެ އަވަށް ކައިރިއަށް ރިކްޓާ މިންގަނޑުން ހައެއްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. 

މި ބިންހެލުމުގެ އަސަރު އިސްތަންބުލް އާއި ވެރިރަށް އަންކާރާއަށް ވަނީ ކޮށްފަ އެވެ. އަދި މަދުވެގެން 46 މީހަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ވަނީ މައުލޫމާތު ދީފަ އެވެ. އަދި ބިންހެލުމާ ގުޅިގެން ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑި، ބެލްކަނީ ފަދަ އުސް ތަންތަނުން ބައެއް އާންމުން ސަލާމަތް ވާންވެގެން ފުންމާލާފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. 

މި ބިންހެލުން އައިސްފައި ވަނީ ބިމުގެ 2-10 ކިލޯމީޓަރު އަޑިން ކަމަށް ބައެއް ފަރާތްތަކުން ދަނީ އަންދާޒާ ކުރަމުން ނެވެ. އަދި ފުރަތަމަ ބިންހެލުމަށް ފަހު 20 މިނެޓު ފަހުން ރިކްޓާ މިންގަނޑުން 4.7 ބާރުގަދަ ދެވަނަ ބިންހެލުމެއް ވެސް މިސަރަހައްދަން ވަނީ އައިސްފަ އެވެ. 

މި ހާދިސާއާ ގުޅިގެން އެއްވެސް މީހެއް މަރުވެފައިވާ ކަމުގެ ހަބަރު އަދި ލިބިފައި ނުވާ ކަމަށް ތުރުކީގެ ދާހިލީ ކަންތައްތަކާ ބެހޭ ވަޒީރު ސުލޭމާން ސޮއިލޫ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޑޫޝެ އިން 37 މީހުން، އިސްތަންބުލް އިން އެކަކު، ޒޮންގުލްދަކް އިން ހަ މީހަކު އަދި ސަކަރްޔާ އާއި ބޯލޫ އިން އެކަކަށް އަނިޔާވެފައިވާ ކަމަށް ތުރުކީގެ ކާރިސާތަކާ ބެހޭ އެޖެންސީން ވަނީ ރިޕޯޓުކޮށްފަ އެވެ. 

ބިންހެލުމާ ގުޅިގެން ޑޫޝެގެ ރައްޔިތުން ވަނީ މަގުތައް މައްޗަށް ނުކުމެފައި (ފޮޓޯ/ގެޓީ އިމޭޖެސް)

މި ކާރިސާއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުގައި ރޭގަނޑު ގަޑީގައި ޑޫޝެގެ ގިނަ ބަޔަކު އިމާރާތްތަކުން ބޭރަށް ނުކުމެ ރައްކާތެރިކަން އެކުގައި ހޯދައިގެން ތިބޭ މަންޒަރު ފެނިގެން ދެއެވެ.

ތުރުކީގެ ޑޫޝެ އަށް މިއަދު  ފަތިހު އައި ބިންހެލުމާ ގުޅޭ (ވީޑިއޯ/10 ނިއުސް ފަސްޓް)

މީގެ ވިއްސަކައް އަހަރު ކުރިން 1999ގައި ޑޫޝެ އަށް ވަނީ ރިކްޓާ މިންގަނޑުން 7.2 ބާރުގަދަ ބިންހެލުމެއް އައިސްފަ އެވެ. އެ ފަހަރުގެ ކާރިސާގައި 845 މީހަކު މަރުވެފައިވެ އެވެ. ޑޫޝެ އަށް އައި އެ ބިންހެލުން ކުރިމަތިވީ އެ އަވަށާއި 100 ކިލޯމީޓަަރު ދުރުގައި  ހުޅަނގަށް އޮންނަ އިޒްމީތަށް ބޮޑު ބިންހެލުމެއް އައިސް 17،000 އަށް ވުރެއް ގިނަ މީހުން މަރުވި ހާދިސާ ހިނގިތާ މަދު މަސްތަކެއްގެ ތެރޭގަ އެވެ. 

ކޮމެންޓް (2)

ޖަމީލް

23 ނޮވެމްބަރު 2022
މި ފަހަރު ޗުއްޓީއަށް މަ އުޅުނީ ތި ތަނަށް ދާން. އެކަމަކު ދެން ނުކެރޭނެ ދާކަށް
0 0

ތަކުރު

23 ނޮވެމްބަރު 2022
ނަސީބެއް މީހެއްގެ ފުރާނަ ނުދިޔަ ކަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް