Majlis 2024

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު ޕާޓީގެ ހަރުގެ ސަރަހައްދުގައި ސަޕޯޓަރުންނާ އެކު މިރޭ އުފާފާޅުކުރައްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ވާދަވެރިކަން ނިމުނީ، ޕާޓީ އެކުގައި ރިޔާސީ އިންތިހާބަށް ނުކުންނަންވީ: ރައީސް

ރައީސް ވިދާޅުވީ ވާދަވެރި އިންތިހާބެއްގައި ބައެއް ކަހަލަ ނުރަނގަޅު ކަންކަން ހިނގި ނަމަވެސް، އެކަން މިހާރު ހިތަކު ނެތް ކަމަށް
28 ޖެނުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމުމާ އެކު ޕާޓީގެ އެތެރޭގެ ވާދަވެރިކަން ވެސް ނިމުނީ ކަމަށާއި ދެން ޕާޓީ އެކުގައި ނުކުމެ މަސައްކަތް ކުރަންވީ ރިޔާސީ އިންތިހާބު ކާމިިޔާބު ކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހު މިއަދު ވަނީ، މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ފޯރިގަދަ އެތެރޭގެ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ބޮޑު ތަފާތަކުން އެ ޕާޓީގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރައްވައިފަ އެވެ. އެއާ އެކު އެމަނިކުފާނުގެ ސަޕޯޓަރުން އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީ ހަރުގެ ސަރަހައްދަށް ޖަމާވެ، އުފާ ފާޅުކުރަމުން ދަނިކޮށް އެ ތަނަށް ވަޑައިގެން ރައީސް ސޯލިހު ވަނީ ސަޕޯޓަރުންނާ ވާހަކަ ދައްކަވާފަ އެވެ.

 ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު ޕާޓީގެ ހަރުގެ ސަރަހައްދުގައި ސަޕޯޓަރުންނާ އެކު މިރޭ އުފާފާޅުކުރައްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ތަފްސީލް - އެމަނިކުފާނުގެ ވާހަކަފުޅު ފެއްޓެވީ "ނިމިދިޔަ ޕްރައިމަރީގައި އެމްޑީފީން މި ދެއްކީ ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާއެއް" ކަމަށް ވިދާޅުވެ، ވޯޓު ދިން މީހުންނަށާއި ޕްރައިމަރީގެ ކެމްޕޭނުގައި އެކި ފެންވަރުގައި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށާއި އެމްޑީޕީގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވަމުންނެވެ.

ބައެއްފަހަރު ކުދިކުދި ނުރަނގަޅު ކަންތައްތައް ފާހަގަވެގެން ދިޔަ ނަމަވެސް ވާދަވެރިން ވެސް ރިވެތި ނަމޫނާއެއް ދައްކައިދީފައިވާ ކަމަށް ވިދާޅުވެ، ރައީސް ސޯލިހު ވާދަވެރިންނަށް ވެސް ޝުކުރު އަދާ ކުރެއްވި އެވެ.

ރައީސް ދެން އިއުލާނު ކުރެއްވީ "މިހާރު ވާދަވެރިކަން ނިމުނީ" ކަމަށެވެ. އެހެންކަމުން "މިވަގުތު ކުރަންވީ ކަމަކީ ޕާޓީ އެއްކޮށް ނުކުމެ ވާދަކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން" ކަމަށް ރައީސް ވިދާޅުވި އެވެ.

 ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމާ ގުޅިގެން ސަޕޯޓަރުން އާޓިފިޝަލް ބީޗު ކުރިމަތީގައި، އެމްޑީޕީގެ މައި ހަރުގޭގެ ދޮރުމަތީގައި މިރޭ އުފާފާޅުކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ވާދަވެރި އިންތިހާބެއްގައި ނުރަނގަޅު ކަންތައްތައް ހިނގި ނަމަވެސް، "އޭގެ އެއްވެސް ކަމެއް ހިތަކު ނެތް" ކަމަށް ވިދާޅުވެ ރައީސް ގޮވާލެއްވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ އިދިކޮޅު ޕާޓީއާ ވާދަކޮށް، ކާމިޔާބުކުރަން މަސައްކަތް ކުރުމަށެވެ. އަދި ޕްރައިމަރީއަށް ވުރެ ފަސޭހައިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް މިރޭ ކުރިން ވިދާޅުވި ވާހަކަ ތަކުރާރު ކުރެއްވި އެވެ.

އެތެރޭގައި މިދިޔައީ ވާދަވެރި މަސައްކަތަކަށް ވާތީ، ބައެއް ކަންތައްތައް މަޑުޖައްސާލަން ޖެހުނުކަން ފާހަގަ ކުރައްވާ، "ދެން އޮތް މަރުހަލާ މާ ފަސޭހަ ވާނެ" ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް ސަޕޯޓަރުންނާ އެކު އުފާފާޅުކުރައްވަނީ

"އެމްޑީޕީއަކީ އަބަދުވެސް އެއް ވިސްނުމެއްގައި، އެއް މަގްސަދެއްގައި ކުރިއަށްދާ ޕާޓީއެއް. މި ޕްރައިމަރީގައި އަޅުގަނޑުމެން ދެފަރާތުގައި ތިބި ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ އޮންނާނީ އެއް ވިސްނުމެއް. އެއް މަގްސަދެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެއީ ރާއްޖެއަށް ސުލްހަވެރިކަމާއި ހަމަޖެހުން ގެނެސްދިނުން. ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުން. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމާއި އަސާސީ ހައްގުތައް ހުރިހާ ފަރުދުންނަށް ހޯދައިދިނުން. މިއީ އަޅުގަނޑުމެން ދެ ފަޅީގައި ވެސް އޮންނާނެ ވިސްނުމަކީ. އެހެންކަމުން މިއަކީ އެއް ނުކުރެވޭނެ ދެ ބައެއް ނޫން."

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު އާޓިފިޝަލް ބީޗު ކުރިމަތީގައި އެމްޑީޕީ ހަރުގޭގެ ދޮރުމަތީގައި ހުންނަވައި ސަޕޯޓަރުންނާ މިރޭ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ޕާޓީގެ އެތެރޭގައި އޮންނަންވީ އެކުވެރި ގުޅުން ނެތުމުގެ ސަބަބުން އެމްޑީޕީގެ ހަރަކާތް ކުޑަދުވަސްކޮޅަކަށް މެދުކެނޑިގެން ދިޔަ ކަމަށާއި އެކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވި ކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެހެންނަމަވެސް، އެކަން ހަނދާން ނައްތާލުމަށްފަހުގައި އަޅުގަނޑުމެން އަނެއްކާވެސް ކުރިއަށް ވިސްނަންވީ. އެމްޑީޕީއާ އެކީގައި ކުރިއަށް ދާންވީ. އަޅުގަނޑު މިހުރީ އެމްޑީޕީއާ އެކީގައި، ތިހުރިހާ ބޭފުޅުންނާ އެކީގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

"މި ނަތީޖާގައި އަޅުގަނޑުމެންނަށް ވަރަށް ރީތި ވަރަށް ސާފު މަންޒަރެއް ފެނިގެން ހިނގައްޖެ."

ލިބިފައިވާ ވޯޓުގެ އަދަދަށް ބަލާއިރު ރާއްޖޭގެ ހުރިހާ ބޮޑެތި އާބާދީތަކެއް ވެސް ބޭނުންވަނީ އެމްޑީޕީއާ އެކު "ކުރިއަށް ދާން" ކަމަށް، އެމަނިކުފާނުގެ ކެމްޕެއިން ޝިއާރަތް އިޝާރާތްކުރައްވައި، ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު އާޓިފިޝަލް ބީޗު ކުރިމަތީގައި އެމްޑީޕީ ހަރުގޭގެ ދޮރުމަތީގައި ހުންނަވައި ސަޕޯޓަރުންނާ މިރޭ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ކާމިޔާބީގައި ރައީސް ވާހަކަދެއްކެވުން

އެނގުން މުހިއްމު - އިންތިހާބަށް ފަހު އެމްޑީޕީ ބައިބައި ނުވެ އެކުގައި އޮންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވަމުން އައި ނަމަވެސް، ޕްރައިމަރީން ބަލިވެއްޖެ ނަމަ ރައީސް ސޯލިހުގެ ފަހަތަށް ނާރާނެ ކަމަށް ކެމްޕޭން ތެރޭގައި ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ޕްރައިމަރީއަށް ރައީސް ސޯލިހު ނުފޫޒު ފޯރުވާ ވޯޓު އޮޅުވާލާފައިވާ ކަމަށް ނަޝީދުގެ ސަޕޯޓަރުން ދަނީ ތުހުމަތުކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް