ފަޅު ރަށުން ފެނުނު ފަސް ވެލާ: އެ ވެލާތައް ސަލާމަތްކޮށް މިހާރު ވަނީ މޫދަށް ދޫކޮށްލާފައި. (ފޮޓޯ/އޯއާރްޕީ)

ތިމާވެށި

ފަޅު ރަށަކުން ޓޫރިސްޓުންނަށް ފެނުނީ ފުރޮޅާފައި އޮތް ބޮޑު 5 ވެލާ

އެ ވެލާތައް ސަލާމަތްކޮށްފައި ވާއިރު، ފަސް ވެލަޔަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވޭ
20 އޭޕްރީލު 2022

މިދިޔަ އާދީއްތަ ދުވަހު، ސިިކްސް ސެންސަން ލާމުގައި މަސައްކަތް ކުރާ އޯޝަން ގްރޫޕް މޯލްޑިވްސްގެ ވޯޓާ ސްޕޯޓްސް ޓީމަކުން ތިން ޓޫރިސްޓުން ގޮވައިގެން ކުޑަ ޑިންގީއެއްގައި ނުކުތީ ޕްރައިވެޓް ޕިކްނިކް އައިލެންޑަކަށް ދިއުމަށެވެ. ނަމަވެސް، ދިޔަވަރު ހުރި ގޮތުން، ގެސްޓުން އާންމުކޮށް ގެންދާ ރަށަށް އެރޭ ގޮތެއް ނުވި އެވެ. އެހެންކަމުން، ދެން އެ މީހުން ނިންމީ ކައިރީގައި އޮތް ފަޅު ރަށެއް ކަމަށްވާ އަތަހެންދު ބަލައިލަން ދިއުމަށެވެ.

އެންމެ ފުރަތަމަ ރަށަށް އެރީ ގެސްޓުންނެވެ. އެ މީހުން ބޭނުންވީ ފިނިކޮށްލަން، ހިޔާ ތަންކޮޅެއް ހޯދާށެވެ. އެންމެ ކައިރީގައި ހުރި ގަސްތަކުގެ ހިޔަލުގައި މަޑުކޮށްލަން ގެސްޓުން ދިޔައިރު، އެ މީހުންނަށް ފެނުނު މަންޒަރުން ލިބުނީ ބޮޑު ހައިރާންކަމެކެވެ. ގަސްތަކުގެ ދަށުގައި އޮތީ ފުރޮޅާލާފައި އޮތް ބޮޑު މާސިންގާ ފަސް ވެލަ އެވެ. އެ ވެލާތަކުގެ ހަރަކާތެއް އޭރު ނެތެވެ.

ވޯޓާ ސްޕޯޓްސް ޓީމުން ވަގުތުން، ރިސޯޓުގައި ތިބި މޯލްޑިވްސް އަންޓަވޯޓާ އިނިޝިޓިވް (އެމްޔޫއައި)ގެ ޓީމަށް އެކަން އަންގައި އެހީތެރިކަމަށް އެދުނެވެ. ލާމު އަތޮޅުގައި މަސައްކަތް ކުރާ އޮލިވް ރިޑްލީ ޕްރޮޖެކްޓުގެ ވެލާ ބަޔޮލޮޖިސްޓް އިޝާ އަފީފް ވަނީ އެކަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ސަމާލުކަމަށް ގެނެސްފަ އެވެ. ވެލާތައް ސަލާމަތްކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފުލުހުންނާ ވެސް ގުޅިގެންނެވެ.

ވެލާ ރަނގަޅު ކޮޅަށް ފުރޮޅާލަން ރެސްކިއު ޓީމުން ހަރަކާތްތެރިވަނީީ. (ފޮޓޯ/އޯއާރްޕީ)
ވެލާ ރަނގަޅު ކޮޅަށް ފުރޮޅާލަން ރެސްކިއު ޓީމުން ހަރަކާތްތެރިވަނީީ. (ފޮޓޯ/އޯއާރްޕީ)

ކަމާ ގުޅުންހުރި މުއައްސަސާތައް ހިމެނޭ ޓީމުން އެ ރަށަށް ދިޔައިރު، އެހެން ތަނަކަށް ނުދެވޭ ގޮތަށް ފުރޮޅާލާފައި އޮތީ ހަތަރު ފިރިހެން ވެލަ އާއި އަންހެން ވެލައެކެވެ. ވެލާތައް ސަލާމަތްކުރުމުގައި ހަރަކާތްތެރިވި އޮލިވް ރިިޑްލީ ޕްރޮޖެކްޓުން ބުނީ ފަސް ވެލަޔަށް ވެސް އެކިވަރުގެ ގެއްލުންތަކެއް ލިބިފައި ހުރި ކަމަށެވެ. އެގޮތުން:

  • ކަރުގައި ބުޅި އެޅި ޒަހަމްވެފައި ހުރި 

  • ތޮށިގަނޑަށް ވެސް ގެއްލުންވެފައި ހުރި

  • އަންހެން ވެލާގެ އެއް ލޯ ދުޅަވެ ރަތް ވެފައި ހުރި

އަންހެން ވެލާގެ ލޯ ދުޅަވެ، ލޮލަށް ލޭ އަރާފައިި: ވެލާ މޫދަށް ދޫކޮށްލީ ލޮލަށް ލިބިފައިވާ ގެއްލުން ބަލައި ޑޮކްޓަރުގެ ލަފާގެ މަތިން. (ފޮޓޯ/އޯއާރްޕީ)

އެ ޓީމުން ދިޔައިރު، ވެލާތަކުގެ ހަރަކާތް ނެތި، ބަލިވެފައި ތިބި ނަމަވެސް، ފުށުން ޖަހައި ފެން އެޅުމާ އެކު ހަރަކާތް ކުރަން ފެށި އެވެ. އަދި ހަރަކާތް ކުރުމުގައި އުނދަގުލެއް ނެތްކަން އެނގިގެން ދިޔަ ކަމަށް އެ ޓީމުން ބުންޏެވެ. އެކަން ޔަގީންވުމާ އެކު، އެ ޓީމުން ވަނީ ފަހަރަކު ވެލައެއް ފޮތިގަނޑަކަށް ލައި އުފުލާލައިގެން ގޮނޑުދޮށަށް ގެންގޮސްފަ އެވެ.

"ވެލާތައް ބަރުކަމުން، ކޮންމެ ވެލައެއް ފުރޮޅައި އުފުލަން މަދުވެގެން ހަ މީހުން ބޭނުންވި،" އޮލިވް ރިޑްލީ ޕްރޮޖެކްޓުން ބުންޏެވެ.

އޮލިވް ރިޑްލީ ޕްރޮޖެކްޓުން ބުނީ އެއީ އެ ވެލާތަކަށް ވަރަށް ހާސްކަން ބޮޑު ތަޖުރިބާއަކަށް ވެގެންދާނެ ކަމަށާއި އަލުން މޫދަށް ފައިބައިގެން ދާން ވެސް ވަގުތުކޮޅެއް ނެގި ކަމަށެވެ. 

  • ފޮތިގަނޑަކަށް ލައިގެން ވެލާ ގޮނޑުދޮށަށް ގެންދިއުމުގައި ރެސްކިއު ޓީމުން ހަރަކާތްތެރިވަނީީ. (ފޮޓޯ/އޯއާރްޕީ)
  • ސަލާމަތްކުރިި އެއް ވެލާ ގަޔަށް ފެން އަޅަނީ. (ފޮޓޯ/އޯއާރްޕީ)
  • ވެލާ ރަނގަޅު ކޮޅަށް ފުރޮޅާލައި ގޮނޑުދޮށަށް ގެންދިއުމުގައި ރެސްކިއު ޓީމުން ހަރަކާތްތެރިވަނީީ. (ފޮޓޯ/އޯއާރްޕީ)

އަންހެން ވެލާގެ ލޮލަށް ގެއްލުންވެ، ލޮލަށް ލޭ އަރާފައި ހުރުމުގެ ސަބަބުން އަލުން މޫދަށް ދިއުން ރައްކާތެރިތޯ ބެލުމަށް މެރިން ޓާޓަލް ރެސްކިއު ސެންޓަރުގެ ޑޮކްޓަރު މިނީ އެ އޮޕަރޭޝަނުގައި ބައިވެރިވީ އޮންލައިންކޮށެވެ. ލޮލަށް ލިބިފައިވާ ގެއްލުން ވަރަށް އަވަހަށް ފަސޭހަވާނެ ކަމުގެ ޔަގީންކަން ޑރ. މިނީ ދެއްވުމުން އެ ވެލާ ވެސް ގޮނޑުދޮށަށް ދޫކޮށްލި އެވެ.

އޯއާރްޕީން ބުނީ އަލުން މޫދަށް ދިއުމަށް އެންމެ ގިނަ ވަގުތު ނެގީ އަންހެން ވެލަޔަށް ކަމަށެވެ. ނަމަވެސް، އެ ވެލާ މޫދަށް ފައިބައިގެން ފުން ހިސާބަކަށް ދަންދެން ރެސްކިއު ޓީމުން ވަނީ އެ ތަނުގައި މަޑުކޮށްފަ އެވެ.

އޯއާރްޕީން ބުނީ އެ ރަށުން ސަލާމަތް ކުރި ފަސް ވެލަޔަކީ ވެސް ލާމު އަތޮޅުގެ 'ވެލާ ފޮޓާ-އައިޑީ ޑޭޓާބޭސް'އަށް އާ ވެލާތަކެއް ކަމަށެވެ. ލާމު އަތޮޅަކީ ވެލާ "ހޮޓްސްޕޮޓް"އެކެވެ. އޯއާރްޕީގެ ސާވޭތައް ދައްކާ ގޮތުން، ލާމަކީ ދެވަނައަށް އެންމެ ގިނަ ވެލާ ފެންނަ އަތޮޅެވެ.

އަންހެން ވެލާ ފައިބައިގެން މޫދަށް ދަނީ: އަލުން މޫދަށް ފައިބަން އެންމެ ގިނަ ވަގުތު ނެގީ އެ ވެލާ. (ފޮޓޯ/އޯއާރްޕީ)
އަންހެން ވެލާ މޫދުގައި: އޭގެ ލޮލަށް ގެއްލުން ލިބިފައި ހުރި. (ފޮޓޯ/އޯއާރްޕީ)

ވެލާ އަރާ ރަށެއްގެ ގޮތުގައި ވަރަށް ކުރިއްސުރެ ފާހަގަކުރެވިފައި އޮންނަ ލ. ގާދޫ، ތިމާވެށީގެ ގޮތުން ހިމާޔަތް ކޮށްފައިވާ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ނެތި ދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ މައުލޫމާތު ހިމެނޭ ރާއްޖޭގެ 'ރެޑް ލިސްޓު' ސަރުކާރުން އާންމުކުރި އިރު، އެ ލިސްޓުގައި މުޅިން ވެސް ހުރީ އެކި ބާވަތުގެ ވެލަ އެވެ.  އެހެންކަމުން، ވެލާގެ އާބާދީ ދެމެހެއްޓުމަށް، ބޮޑެތި ވެލާތައް ހިމާޔަތްކޮށް، ސަލާމަތްކުރަން ޖެހޭ ކަމަށް އޮލިވް ރިޑްލީ ޕްރޮޖެކްޓުން ބުންޏެވެ.

  • ވެލާ "ސެކްޝުއަލް މެޗުއަރިޓީ"އަށް ދާން 15-50 އަހަރު ނަގާ 

  •  އެޑަލްޓްހުޑް އާ ހަމައަށް ދަނީ 1/1000 ބިސް

އެހެންކަމުން، ވީހާ ވެސް ގިނަ ވެލާތައް ވީ އެންމެ ގިނައަކުން ބިސް އެޅުން މުހިންމު ކަމަށް އެ ޕްރޮޖެކްޓުން ބުންޏެވެ. އެ ޕްރޮޖެކްޓުން ގަބޫލުކުރާ ގޮތުގައި ލާމު އަތޮޅުން ސަލާމަތްކުރި ފަސް ވެލާ އެ ރަށަށް އަރާފައި ވަނީ "މޭޓް" ކުރުމަށެވެ.

ވެލާތައް ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ޓީމު. (ފޮޓޯ/އޯއާރުޕީ)

ވެލަޔާއި ކަހަނބަކީ އޭޕްރީލް 2016އިން ފެށިގެން ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބާވަތްތަކެވެ. އެ ތަކެއްޗަށް ގޯނާކުރުމާއި އެ ތަކެތި ހިފައި ގެންގުޅުމަކީ ގާނޫނުން މަނާކޮށްފައިވާ ކަންތައްތަކެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް ގާނޫނުގައި ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް