Majlis 2024

ނިއުގެ ޝަމްވީލް މުހައްމަދު (ކ) ކުރިން ކުޅުނު މެޗެއްގައި އެލްޓީ ސްޕޯޓްސް ކުޅުންތެރިޔަކާ އެކު ބޮލުން ޖަހަން އަރާފައި

ނިއު ވެސް އުއްމީދު ފުރިހަމަ ނުވެ ކަޓައި، އިންތިޒާރު ދިގުވެއްޖެ

ނިއު ސެމީގައި ބަލިވީ ބުރު އަތުން، ވިކްޓަރީ ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައި
14 އޯގަސްޓު 2022

މުހިންމު ނުކުތާތައް

ދެ ޓީމަށް ވެސް ދެން އޮންނާނި އަންނަ އަހަރު އަލުން ދެ ވަނަ ޑިވިޒަންގައި ބައިވެރިވުން

ނިއުގެ ފީފާ އާއި އެފްއޭއެމްގެ ސަސްޕެންޝަން އުވާލީ 3.3 މިލިއަން ރުފިޔާ ދެއްކުމުން

ނިއު އާއި ވިކްޓަރީއަކީ ރާއްޖޭގައި ސަޕޯޓަރުން އެންމެ ގިނަ ދެ ކްލަބް

ރާއްޖޭގެ އެންމެ ދުވަސް ވީ އަދި އެންމެ ސަޕޯޓަރުން ގިނަ ނިއު ރޭޑިއަންޓައި ވިކްޓަރި އެއް ވަނަ ޑިވިޒަނަށް ނަގަން މި އަހަރު ކުރި މަސައްކަތް ފެނަށް ވެ، ނިއު ވެސް ދެ ވަނަ ޑިވިޒަންގެ ފައިނަލަށް ނުގޮސް މިއަދު ކަޓައިފި އެވެ.

ގަލޮޅު ދަނޑުގައި ހަވީރު ކުޅުނު ދެ ވަނަ ޑިވިޒަންގެ ސެމީ ފައިނަލްގައި ބުރު ސްޕޯޓްސް ކްލަބާ ބައްދަލުކޮށް، ފުރިހަމަ ވަގުތު ހަމަވެ، 1-1 އިން އެއްވަރުވުމުން ޕެނެލްޓީ ޖަހައިގެން ނިއު ބަލިވީ 4-3 އިންނެވެ.

މިއީ ބޮޑު ދަރަންޏަކާ ހެދި ފީފާގެ ސަސްޕެންޝަންގައި އޮއްވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް އެހީތެރިކަމާ އެކު އަލުން އެއް ވަނަ ޑިވިޒަނަށް ގެންނަން ފެށި ކުއްލި މަސައްކަތެއްގެ ނާކާމިޔާބު ދަތުރެކެވެ. ނިއުއަށް އަލުން ފުޓްބޯޅަ ދަނޑަށް ނުކުމެވުނީ ފީފާއަށް 3.3 މިލިއަން ރުފިޔާ ދައްކައިގެންނެވެ.

ނިއު އިން ބޭރު ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހި އެކަމަކު ނުދެވި ހުރި ފައިސާގެ ސަބަބުން ފިފާގެ އިތުރުން 2019 އިން ފެށިގެން އެފްއޭއެމްއިން އޮތީ ސަސްޕެންޑްކޮށްފަ އެވެ.

ނިއު އަލުން ދެވަނަ ޑިވިޒަންގައި ބައިވެރިވީ ވަރަށް އަވަސް މުއްދަތެއްގައި ޓީމު އެކުލަވާލައިގެންނެވެ. އެކަމަކު ސެމީ ފައިނަލްގައި ބުރު އަތުން ބަލިވުމުން އެއް ވަނަ ޑިވިޒަނަށް އެރުމުގެ އިންތިޒާރު އަންނަ އަހަރަށް މިހާރު މި އޮތީ ދެމިފަ އެވެ.

ނިއުއަށް ވުރެ ވިކްޓަރީގެ ނާކާމިޔާބު ބޮޑެވެ. އެއް ގްރޫޕަކަށް ލައްވާލި ދެ ޓީމުގެ ތެރެއިން ވިކްޓަރީ ވަނީ ސެމީ ފައިނަލަށް ނުގޮސް ކަޓައިފަ އެވެ.

ވިކްޓަރީ އަލުން އެއް ވަނަ ޑިވިޒަނަށް ގެންދިއުމުގެ އުއްމީދުގައި ދައްކަން ޖެހުނު ފައިސާ ނިއުއަށް ވުރެ މާ ބޮޑަށް ވެސް މަދެވެ. އެ ދަރަނި ދައްކައިގެން އަލުން ޓީމު އެކުލަވާލައި، ދެ ވަނަ ޑިވިޒަންގައި ވާދަކުރަން ނުކުތް ނަމަވެސް، ގްރޫޕްގެ ގަދަ އެހެން ޓީމުތަކާ އެއްވަރުގެ ކުޅުމެއް ނުދެއްކުނެވެ.

ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކުގައި ވެސް ކުރިން ރަސްކަންކުރި މި ދެ ކްލަބް އަލުން ކުޅިވަރުގެ ތެރެއަށް ގެންނަން ބޭނުންވީ ސަޕޯޓަރުންގެ ބޭސްއެއް އަދިވެސް ރާއްޖޭގައި އެންމެ ބޮޑަށް އޮތް ދެ ނަމަކަށް ނިއު އާއި ވިކްޓަރީ ވާތީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް