ދިވެހި ހައްޖާޖީން: މި އަހަރު ލިބުނީ 453 ކޯޓާ. (ފޮޓޯ/ހައްޖު ކޯޕަރޭޝަން)

ރާއްޖެއަށް އެންމެ މަދުން ހައްޖު ކޯޓާ ލިބުނު އަހަރު؛ 453 ކޯޓާ

މި އަހަރު ކޯޓާ މަދުވީ އެއް މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދޭން ސައުދީ ސަރުކާރުން ނިންމާފައި އޮތުމުން
23 އޭޕްރީލު 2022

މި އަހަރު ރާއްޖޭން ހައްޖަށް މީހުން ގެންދަން ލިބޭނީ 453 ކޯޓާ ކަމަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފި އެވެ. މިއީ ރާއްޖެއަށް އެންމެ މަދުން ކޯޓާ ލިބުނު އަހަރެވެ.

އެނގުން މުހިންމު - މި އަހަރު ހައްޖުވުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ ޖުމްލަ އެއް މިލިއަން މީހުންނަށެވެ. އެހެންކަމުން، މި އަހަރު ހުރިހާ ގައުމަކަށް ވެސް ދީފައި ވަނީ ކޮވިޑްގެ ކުރިން ދެމުން ދިޔަ ކޯޓާގެ %45 އެވެ.

ވީ ކިހިނެއް؟ - މި އަހަރު އެކި ގައުމުތަކަށް ކަނޑައަޅާފައިވާ ކޯޓާގެ އަދަދު އާންމުކޮށްފައި ވަނީ އިއްޔެ މަސްޖިދުލް ހަރަމްގެ ޓުވިޓާ އެކައުންޓުންނެވެ. އެ ޓުވީޓުގައި ބުނީ މި އަހަރު ހައްޖަށް ގެންދާ މީހުންގެ %85 ހާއްސަކޮށްފައި ވަނީ ބޭރު ގައުމުތަކުގެ މީހުންނަށް ކަމަށެވެ.

ތަފްސީލް - މި އަހަރު ރާއްޖެއަށް 453 ހައްޖު ކޯޓާ ލިބުނު އިރު، ކޮވިޑްގެ ސަބަބުން ފާއިތުވި ދެ އަހަރު ވެސް ރާއްޖޭން ހައްޖަށް މީހުން ގޮސްފައެއް ނުވެ އެވެ.

ކޮވިޑްގެ ކުރިން، ކޮންމެ އަހަރަކު ވެސް ރާއްޖެއަށް 1،000 ކޯޓާ ލިބެ އެވެ. އަދި ސައުދީ ރަސްގެފާނުގެ ހާއްސަ ހުއްދައަކާ އެކު އިތުރު ކޯޓާ ދީ، އަހަރަކު 2،000 ކޯޓާ ވެސް ދީފައި އެބަހުއްޓެވެ.

މި އަހަރު އެންމެ ގިނަ ކޯޓާ ދީފައި ވަނީ، އެންމެ ގިނަ މުސްލިމުން ދިރިއުޅޭ އިންޑޮނީޝިއާ އަށެވެ. އެންމެ މަދުން ކޯޓާ ދޫކުރަން ނިންމީ އެންގޯލާ އަށެވެ. އެ ގައުމަށް ކަނޑައެޅީ 23 ކޯޓާ އެވެ.

އެންމެ ގިނަ ކޯޓާ ލިބުނު ގައުމުތައް:

  • އިންޑޮނީޝިއާ: 100،051 ކޯޓާ

  • ޕާކިސްތާން: 81،132 ކޯޓާ

  • އިންޑިއާ: 79،237 ކޯޓާ

  • ބަންގްލަދޭޝް: 57،585 ކޯޓާ

މި އަހަރު ހައްޖުވާ އެއް މިލިއަން މީހުންގެ ތެރެއިން 850،000 ފުރުސަތު ދީފައި ވަނީ ބޭރު ގައުމުތަކުގެ މީހުންނަށެވެ. ސައުދީ ރައްޔިތުންނަށް ކަނޑައަޅާފައި ވަނީ 150،000 ކޯޓާ އެވެ.

ހައްޖު ކޯޓާއާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

އެނގުން މުހިންމު - ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން މި އަހަރު ހައްޖުވެވޭނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް އެކަންޏެވެ. 

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ ޖުލައި 8 އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް