އިޒްރޭލުގެ ސުޕްރީމް ކޯޓް ބަދަލުކުރުމަށް ހުށަހެޅި އިސްލާހާ ދެކޮޅަށް 80،000 މީހުން މުޒާހަރާކުރި (ފޮޓޯ/ގެޓީ އިމޭޖަސް)

އިޒްރޭލް

އިޒްރޭލުގެ ސުޕްރީމް ކޯޓް ބަދަލުކުރުމާ ދެކޮޅަށް 80،000 މީހުން މުޒާހަރާކޮށްފި

އިޒްރޭލުގެ ކަނާތު ފިޔައިގެ ކޯލިޝަންގެ އާ ސަރުކާރުން ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ބަދަލުތަކެއް ގެންނަން ރާވާފައިވާތީ އެކަމާ ދެކޮޅަށް އެ ގައުމުގެ 80،000 އަށް ވުރެ ގިނަ މީހުން ވެރިރަށް ތެލްއަވީވްގައި އިއްޔެ މުޒާހަރާކޮށްފި އެވެ.

އެ އިސްލާހުތަކުގެ ސަބަބުން ސުޕްރީމް ކޯޓުގެ ހުކުމްތައް ބާތިލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފަސޭހަވެގެންދާނެ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހެޅުއްވި ބަދަލުތަކަކީ ޑިމޮކްރެޓިކް ވެރިކަމަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އިޒްރޭލުގައި މިހާރު ވެރިކަން ކުރަމުން ދަނީ އެ ގައުމުގެ ތާރީހުގައި ވެސް ދީނީ ގޮތުން އެންމެ ހަރުކަށި އެއް ސަރުކާރެވެ.

ގުދުސްގައި ހުންނަ ބޮޑުވަޒީރު ދިރިއުޅުއްވާ ގޭގެ ބޭރުގައި ވެސް ވަނީ އެއްވުންތައް ބާއްވައިފަ އެވެ. އަދި އުތުރުގެ ސިޓީއެއް ކަމަށްވާ ހައިފާގައި ވެސް މުޒާހަރާތައް ބާއްވާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުންޏެވެ.

ތެލްއަވީވްގެ ބޮޑު ހައިވޭއެއް ބަންދުކުރަން އުޅުމުގެ ތެރޭގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ފުލުހުންނާ ވަނީ ކުރިމަތިލައިފަ އެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެ އިސްލާހުތަކުގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލި، ކޮރަޕްޝަނަށް މަގުފަހިވެ، ބައި މަދު މީހުންގެ ހައްގުތައް ފަހަތަށް ޖެހި، އިޒްރޭލުގެ ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލޭނެ ކަމަށެވެ.

ނަތަންޔާހޫ އިސްވެ ހުންނަވާ އާ ކޯލިޝަނަކީ ލަދުވެތި ސަރުކާރެއް ކަމަށް ބެނާތަކުގައި ވަނީ ސިފަކޮށްފަ އެވެ.

އެކަމާ ދެކޮޅު ހެއްދެވި ބޭފުޅުންގެ ތެރޭގައި އިޒްރޭލުގެ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު އެސްޓާ ހަޔާތާއި އެ ގައުމުގެ ބަންޑާރަ ނައިބު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ތެލްއަވީވްގައި ހުންނަ ބީބީސީގެ ސަމަންތާ ގްރޭންވިލްގައި މުޒާހަރާގެ ބައިވެރިން އިޒްރޭލުގެ ދިދަތަކުގައި އޮޅާލައިގެން، ހިބްރޫ ބަހުން ޕޯސްޓަރުތައް ހިފައިގެން ތިބި އިރު، ނަތަންޔާހޫގެ އަނގަމަތީގައި 'އެކްސް' އަކުރު ޖަހާފައި ހުރި ފޮޓޯތައް ވެސް ހުއްޓެވެ.

އިޒްރޭލުގެ ސުޕްރީމް ކޯޓް ބަދަލުކުރުމާ ދެކޮޅަށް މުޒާހަރާ ކުރަނީ. (ފޮޓޯ/ގެޓީ އިމޭޖުސް)

މިއީ މިދިޔަ ޑިސެމްބަރު މަހު ނަތަންޔާހޫގެ އާ ކޯލިޝަން ސަރުކާރު ހުވާކުރި ފަހުން ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ.

އިދިކޮޅު ޕާޓީތަކުން ވަނީ "ޑިމޮކްރަސީ ސަލާމަތް ކުރުމަށް" އަދި ޝަރުއީ ދާއިރާ ބަދަލުކުރަން ރާވާފައިވާތީ އެކަމާ ދެކޮޅަށް އިޒްރޭލުގެ ރައްޔިތުން އެއްވުންތަކުގައި ބައިވެރިވުމަށް ގޮވާލައިފަ އެވެ.

ޖަސްޓިސް މިނިސްޓަރު ޔާރިވް ލެވިން މި މަހުގެ ކުރީކޮޅު އިއުލާނުކުރެއްވި ޕްލޭންތަކުގެ ދަށުން ސުޕްރީމް ކޯޓުގެ ހުކުމްތައް ހަރުދަނާ ގޮތެއްގައި ބާތިލުކުރުމުގެ ބާރު ގާނޫނު ހަދާ މަޖިލީހުގެ ސާދާ އަގުލަބިއްޔަތަކަށް ލިބިގެންދާނެ އެވެ. އެކަމުގެ ސަބަބުން ސަރުކާރަށް ބިރެއް ނެތި އެ ގާނޫނު ފާސްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ނަތަންޔާހޫގެ މައްޗަށް މިހާރު ކުރިއަށްދާ ޖިނާއީ ޝަރީއަތް ހުއްޓުވަން ވެސް އެ އިސްލާހުތަކުގެ ބޭނުންކޮށްފާނެ ކަމުގެ ބިރު  އޮތް ނަމަވެސް ސަރުކާރުން އެކަން ކުރާނެ ކަމަށް ބުނެފައެއް ނުވެ އެވެ.

ނަތަންޔާހޫގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތުގެ ދައުވާ އާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާ އާއި އިތުބާރު ގެއްލުވާލުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކުރިއަށްދެ އެވެ. ނަމަވެސް، އެ ދައުވާތަކަށް ނަތަންޔާހޫ އިންކާރުކުރައްވަ އެވެ.

މީގެ އިތުރުން، ފަނޑިޔާރުން އައްޔަންކުރުމުގައި ސިޔާސީ ފަރާތްތަކަށް އިތުރު ނުފޫޒު ފޯރާނެ ކަމަށާއި ސިލެކްޝަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގިނަ މެމްބަރުންނަކީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ބޭފުޅުން ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

އެ އިސްލާހުތައް ގާނޫނަކަށް ވެއްޖެ ނަމަ، ސުޕްރީމް ކޯޓުން ކުރިމަތިކުރާ ގޮންޖެހުންތައް ހުރަސްކުރުމަށް ފަހު، ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކުގައި ޔަހޫދީ އާބާދީތައް ވަޒަންވެރިކުރުވުމަށް ތާއީދުކޮށް ގާނޫނެއް ހެދުމަށް ސަރުކާރަށް ފަސޭހަވެގެންދާނެ އެވެ.

އިޒްރޭލުން މީގެ ކުރިން ވެސް ވަނީ އެފަދަ ފިޔަވަޅުތަކަށް ބައިނަލްއަގްވާމީ ގޮތުން އަމާޒުވާ ފާޑުކިޔުންތައް ހުއްޓުވުމުގެ ގޮތުން އެކަމާ ދެކޮޅަށް ހުކުމް ކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާކަން ފާހަގަކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް