ޔޯގާ ދުވަސް ފާހަގަކުރަން 21 ޖޫން 2022 ވަނަ ދުވަހު ބޭއްވި ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދީނީ އިލްމުވެރިން ކަމަށްވާ އާދަމް ނިޝާން (ކ) އަދި ފަޒްލޫން މުހައްމަދު. އެ ދެ މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް

ޔޯގާ ހަމަނުޖެހުން: ހައްޔަރު ކުރި މީހުންގެ ތަހުގީގުގެ މުއްދަތު އިތުރުކުރަނީ

ދީނީ އިލްމުވެރިން ކަމަށްފާ ޒަލްލޫން އާއި ނިޝާންގެ ތަހުގީގުގެ މުއްދަތު ވެސް ވަނީ އިތުރުކޮށްފައި
8 އޯގަސްޓު 2022

ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް އަމާޒުކޮށް ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މުއްދަތު ޕީޖީ އޮފީހުން އިތުރުކޮށްދޭން ފަށައިފި އެވެ.

މައްސަލައިގެ ފެށުން - ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން މިދިޔަ މަހުގެ 21 ވަނަ ދުވަހު ޔޯގާ ހަރަކާތެއް ބާއްވަމުން ދަނިކޮށް، ބަޔަކު ވަނީ ގަލޮޅުދަނޑަށް ވަދެ، ހަމަނުޖެހުން ހިންގައި އެ ތަނުގައި ތިބި މީހުންނަށް އިންޒާރު ދީ، ތަކެއްޗަށް ގެއްލުން ދީފަ އެވެ.

  • މި މައްސަލައިގައި 20 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވޭ

  • ހައްޔަރު ކުރި މީހުންގެ ތެރޭގައި ދެ ދީނީ އިލްމުވެރިންނާއި އިދިކޮޅު ޕީޕީއެމްގެ އިސް ދެ މީހުން ހިމެނޭ

ވީ ކިހިނެއް؟ - މިހާރު އެ މައްސަލައިގައި ތުހުމަތު ކުރާ މީހުންގެ ތަހުގީގީގުތަކަށް އޮތް އަސާސީ މުއްދަތުތައް ހަމަވަމުންދާއިރު، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދަނީ ފުލުހުންނަށް ތަހުގީގު ކުރުމަށް ލިބޭ މުއްދަތު އިތުރުކޮށްދެމުންނެވެ.

މިކަން ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ. އޭނާ ވިދާޅުވީ، ތުހުމަތު ކުރެވޭ އެކި މީހުންގެ މައްސަލަތަކުގައި ވަކިވަކިން ތަހުގީގުގެ މުއްދަތު 15 ދުވަހުން 15 ދުވަހުން އިތުރުކުރަމުންދާ ކަމަށެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި ޔޯގާ މައްސަލައިގައި ހައްޔަރުކުރުމަށްފަހު މިހާރު ކޯޓުން ދޫކޮށްލާފައިވާ ދީނީ އިލްމުވެރިން ކަމަށްވާ އާދަމް ނިޝާން އާއި ފަޒްލޫން މުހައްމަދުގެ ތަހުގީގުގެ މުއްދަތު ވެސް މިހާރު ވަނީ އިތުރުކޮށްފަ އެވެ. އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން (ފޮޓޯ/އަލްހާރިޔަ)

އެ މައްސަލައިގައި ހައްޔަރު ކުރި ބައެއް މީހުންގެ މައްޗަށް ބިރު ދެއްކުމާއި ތޫނު ހަތިޔާރު މަނާ ކުރުމުގެ ގާނޫނުގެ ދަށުން ތުހުމަތު ކުރާއިރު އެހެން ބައެއްގެ މައްޗަށް ހަމައެކަނި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ތުހުމަތު ކުރެ އެވެ. އަދި ދެ ގާނޫނުގެ ދަށުން ވެސް ބައެއް މީހުންގެ މައްޗަށް ތުހުމަތު ކުރެ އެވެ.

އެނގުން މުހިންމު - ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ބަންދު ކުރާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް 45 ދުވަސް ލިބޭ އިރު، އެ މުއްދަތު ހަމަވުމުން ވެސް ފުލުހުން އެދޭ ނަމަ، ތަހުގީގު ކުރަން އިތުރު 45 ދުވަސް ޕީޖީ އޮފީހަށް ދެވިދާނެ އެވެ.

ތޫނު ހަތިޔާރުގެ ގާނޫނުގެ ދަށުން ތުހުމަތު ކުރާ ކުށްތަކަށް ދައުވާ ކުރަން 15 ދުވަސް އޮންނަ ނަމަވެސް އެ މުއްދަތު ކޮންމެހެން އިތުރުކުރަން ޖެހިއްޖެ ނަމަ އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އިތުރުކުރެވިދާނެ ކަމަށް އެ ގާނޫނުގައި އޮވެ އެވެ.

ހާދިސާ ކުރުކޮށް:

  • ޔޯގާ ހަދަން ތިއްބާ، އިހުތިޖާޖު ކުރާ ގްރޫޕު ދަނޑަށް ވަންނަން މަސައްކަތް ކުރީ ހަރު އަޑުން ޝަހާދަތް ކިޔައި ތަކްބީރު ކިޔަމުން

  • މަގުމަތީ ބެރިކޭޑް ޖަހައި އެ މީހުން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، އެ މީހުން ފުލުހުންނާ ކުރިމަތިލައި ސަފުތައް ފޫއަޅުވާލި

  • ގަލޮޅު ދަނޑުގެ ގޭޓު ވެސް ފޫއަޅުވާލައި އެ މީހުން ވަނީ ދަނޑަށް ވަދެ ޔޯގާ ހަދަން ދަނޑުގައި ތިބި މީހުންނާ ދިމާލަށް ގޮސް އެ މީހުންނަށް އިންޒާރުދީ އެތަނުން ނުކުތުމަށް އަންގައި އަޑުގަދަކޮށްފައި

  • ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުން ތިބިި އެ ހަރަކާތަށް ހުރަސް އެޅި މީހުން 40 ވަރަކަށް މިނެޓް ވަންދެން ހަމަނުޖެހުން ހިންގި

  • އެ މީހުން އެ ތަނުން ބޭރުކުރެވުނީ ފުލުހުން ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން



އިތުރު އާޓިކަލް

އިތުރު އާޓިކަލް