ރައީސް މިއަދު ގދ. ތިނަދުއަށް ވަޑައިގަތް އިރު އެ ރަށުގައި އިދިކޮޅުން މުޒާހަރާ ކުރަނީ. (ދައުރު ފޮޓޯ)

އިދިކޮޅުން މުޒާހަރާގައި؛ ރައީސް ވިދާޅުވީ އެ ފެންނަނީ މިނިވަންކަން ކަމަށް

ފުވައްމުލަކުގައި އެއާޕޯޓާއި އެމްޑީޕީ ހަރުގެ ސަރަހައްދު އަދި ތިނަދޫގައި ބަނދަރާއި ހަރުގެ ސަރަހައްދުގައި ވެސް އިދިކޮޅުގެ ސަޕޯޓަރުން މުޒާހަރާކުރި
22 ޖެނުއަރީ 2023

ފުވައްމުލަކާއި ގދ. ތިނަދޫ އަދި ގއ. ވިލިނގިއްޔަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި ފުވައްމުލަކުގައި ވެސް އަދި މިއަދު ތިނަދޫގައި ޕީޕީއެމް/ޕީއެންސީގެ މެންބަރުން ރައީސް ވަޑައިގަންނަވާ ވަގުތާ ދިމާކޮށް މުޒާހަރާތައް ބޭއްވި އެވެ. ފުވައްމުލަކުގައި އެއާޕޯޓާއި އެމްޑީޕީ ހަރުގެ ސަރަހައްދު އަދި ތިނަދޫގައި ބަނދަރާއި ހަރުގެ ސަރަހައްދުގައި ވެސް އިދިކޮޅުގެ ސަޕޯޓަރުން މުޒާހަރާކުރި އެވެ. ރައީސް ވާހަކަފުޅު ދައްކަވާއިރު ވެސް އެ ސަރަހައްދަކަށް އެއްވެ، ތާޅަފިލި ބޭނުންކޮށްގެން އެ މީހުން އަޑު ގަދަކުރެ އެވެ.

އިދިކޮޅުގެ 20އަކަށް މީހަކު އެއްވެ ގޮވާލަނީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި ރައީސްގެ އިސްތިއުފާއަށެވެ. އެ މީހުން ތިބެނީ ޔާމީން މިނިވަންކުރަން ގޮވާލާ ޝިއާރުތައް ހިމެނޭ ފޮތިތަކާއި ޕީޕީއެމްގެ ފިޔާތޮށި ދިދަތައް ވެސް ހިފައިގެންނެވެ.

އެކަމަކު އެ ހަޅޭއްކުގެ ތެރެއިން ވެސް ރައީސް ކެމްޕޭން ކުރިއަށް ގެންދަވަ އެވެ. 

މިއަދު ތިނަދޫގެ ހަރުގޭގައި އެ މަނިކުފާނުގެ ސަޕޯޓަރުންނާ މުހާތަބުކުރެއްވިއިރު ވެސް ހަރުގެއާ މާ ދުރު ނޫން ހިސާބުގައި އިދިކޮޅުން ގެންދިޔައީ ތާޅަފިލި ބޭނުންކޮށްގެން މުޒާހަރާ ކުރަމުންނެވެ. ރައީސް ހަރުގެއަށް ވަޑައިގެންނެވީ މުޒާހަރާގެ ކުރިމަތިން ކަހަލަ ގޮތަކަށް ހިންގަވާފަ އެވެ. މުޒާހަރާ ކުރާ މީހުންނަށް ރައީސް ހުންނަވާ ސަރަހައްދާ މާ ބޮޑަށް ކައިރި ނުވެވޭނެހެން ބެރިކޭޑް ޖަހައިގެން ސަފެއް އަތުރާލައިގެން ތިބުން ފިޔަވާ މުޒާހަރާ ހުއްޓުވަން ފުލުހުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

މިއަދު ތިނަދޫ ޖަގަހައިގައި ރައީސް ވާހަކަފުޅު ކުރިއަށް ގެންދެވިއިރު ޕީޕީއެމް މެންބަރުންގެ މުޒާހަރާގައި ގޮވަމުން ދިޔަ އެއްޗެހީގެ އަޑު ރައީސްއަށް ވެސް އިވެމުން ދިޔަ އެވެ. އެ ހަޅޭއްކުގެ ތެރެއިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ އެމްޑީޕީން ރާއްޖެއަށް ގެނައި އެންމެ ބޮޑު އެއް އިސްލާހީ ބަދަލަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށާއި ކޮންމެ ފަރާތަކަށް ވެސް އެ މީހަކު ބޭނުންވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ. ދެން ޕީޕީއެމްގެ މުޒާހަރާއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ "އެ ފެންނަނީ މިނިވަންކަން" ކަމަށެވެ.

"އަޅުގަނޑުމެން ހިޔާލު ފާޅުކުރުމަށް ހުރަހެއް ނާޅާނަން. އެ ދަނީ މިހާރު ވެސް މިތާ ކައިރީގައި މުޒާހަރާ ކުރަމުން. އެއީ އަޅުގަނޑަށް އެއްވެސް މައްސަލައެއް ނޫން. ހިޔާލު ފާޅުކުރަންވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދު ގދ. ތިނަދޫ އެމްޑީޕީ ހަރުގޭގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވަނީ (ފޮޓޯ/ރައީސް ސޯލިިހުގެ ކެމްޕޭން އޮފީސް)

ޕީޕީއެމްގެ މެންބަރުން ވެސް ސުލްހަވެރިކަމާ އެކު ހިޔާލު ފާޅުކުރުމަށް ފަހު މާ ގިނައިރުތަކެއް ނުވެ އެ ސަރަހައްދު ދޫކޮށް ދިޔަ އެވެ.

ރައީސް ސޯލިހު ރޭ ވެސް އަދި މިއަދު ވެސް ވިދާޅުވީ މިނިވަންކަން ކަށަވަރުކުރުމަށް އެމްޑީޕީން ވެރިކަން ދިފާއުކުރަން ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު ނުކުމެ ހުންނެވީ އެމްޑީޕީ އަލުން މަގުމައްޗަށް ނުގޮސް، ވެރިކަން ދިފާއުކުރަން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރެވޭނީ މަގުމަތިން ނޫން ކަމަށާއި ވެރިކަމާ ހަވާލުވެގެން ކަމަށް ވިދާޅުވާ ވާހަކަ ވެސް އެ މަނިކުފާނު ތަކުރާރުކުރެއްވި އެވެ.

ރައީސް ވިދާޅުވާ ގޮތުގައި، އެ މަނިކުފާނަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިނުގެންފި ނަމަ، އެމްޑީޕީއާ އިއްތިހާދުވާނެ ބަޔަކު އެމްޑީޕީއަށް ނުވެ، ދެން ތިބެން ޖެހޭނީ "ދުކޮށްލާ، ދޫކޮށްލާ" ގޮވަން މަގުމަތީގަ އެވެ. އެކަމަކު އެއީ އެތައް ހާސް މެންބަރުންނާއި ދިވެހިންގެ އުންމީދުތައް ގުޅިފައިވާ ޕާޓީއަކަށް އޮތް "ޗޮއިސް"ތޯ ރައީސް ސުވާލުކުރައްވަ އެވެ.

"މިއީ އެދާ ގޮތަށް ގޮސް އަޅުގަނޑުމެން މަގުމައްޗަށް ދާނީތޯ، ނޫނީ މި އިސްލާހީ ހެޔޮ ބަދަލުތަކާއި ހައްގުތައް ކަށަވަރުވެފައި އޮތް އޮތުން ދަމަހައްޓާނީތޯ ނިންމާނެ ވޯޓެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް