ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ މައްސަލަ ބަލަން އެކުލަވާލި ބެންޗަށް އަލަށް ހަމަޖެއްސި ގާޒީ ހުސެއިން ފާއިޒު ރަޝާދު (ވ) އަދި މިހާރު ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ މުހައްމަދު މިސްބާހު (ކ).

މޭ 6ގެ ހަމަލާ

ނަޝީދަށް ހަމަލާ ދިން މައްސަލަ ބަލާ ބެންޗަށް ފާއިޒު؛ ރިޔާސަތު މިސްްބާހަށް

ގާޒީ ފާއިޒު އެ ބެންޗަށް ހަމަޖެއްސީ އެ ބެންޗުގައި ކުރިން އިންނެވި ގާޒީ ދީބަނާޒު ފަހުމީ ހައި ކޯޓަށް އައްޔަން ކުރުމުން
24 އޯގަސްޓު 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި 6ގައި ހަމަލާ ދިން މައްސަލަ ކްރިމިނަލް ކޯޓުން ބަލަން އެކުލަވާލި ތިން ފަނޑިޔާރުންގެ ބެންޗަށް ގާޒީ ހުސެއިން ފާއިޒު ރަޝާދު ހަމަޖައްސަައިިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަހަރުގެ މެއި 6 ގައި، ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލަ ބަލަން ކްރިމިނަލް ކޯޓުން އެކުލަވާލި ބެންޗުން ޖާގައެއް ހުސްވީ، އެ ބެންޗުގެ ރިޔާސަތު ކުރިން ބެލެހެއްޓެވި ގާޒީ ދީބަނާޒު ފަހުުމީ މި މަހުގެ 9 ވަނަ ދުވަހު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުންނެވެ.

ބުނީ ކީކޭ؟ - ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު މިއަދު 'ދައުރު'އަށް ވިދާޅުވީ، ކުރިން އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ ދީބަނާޒު ފަހުމީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ ގުޅިގެން އެ ބެންޗަށް އެ ކޯޓުގެ ގާޒީ ފާއިޒު އައްޔަންކޮށްފައިވާ ކަމަށެވެ. އަމާން ވިދާޅުވި ގޮތުގައި، ދެން ބެންޗުގެ ރިޔާސަތު ބަލަހައްޓަވާނީ ގާޒީ މުހައްމަދު މިސްބާހު އެވެ.

މިހާރު މައްސަލަ ބަލާ ތިން ގާޒީންގެ ބެންޗު އެކުލެވިގެންވާ ގޮތް:

  • މުހައްމަދު މިސްބާހު (ރިޔާސަތު)

  • ސޮފްއަތު ހަބީބު

  • ހުސެއިން ފާއިޒު ރަޝާދު

މައްސަލަ ބަލަން ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އެކުލަވާލި ތިން ގާޒީންގެ ބެންޗުގެ ރިޔާސަތު އެންމެ ފުރަތަމަ ބެލެހެއްޓެވީ ގާޒީ އާދަމް މުހައްމަދު އެވެ. އެކަމަކު، އޭނާ ވަނީ މިދިޔަ ޖޫން 12 ވަނަ ދުވަހު މައްސަލައިން ތަނާޒުލްވެވަޑައިގެންފަ އެވެ. އެއީ މައްސަލައިގައި ހިމެނޭ، މއ. ކުދެހިގެ، އިސްހާގުއާ އޭނާއާ މަސްލަހަތު ފުށޫ އަރާ ހާލަތެއް އޮތުމުންނެވެ. ދީބަނާޒު އެ ބެންޗަށް ހަމަޖެއްސީ އާދަމް މުހައްމަދު ތަނާޒުލްވެވަޑައިގަތުމުންނެވެ.

ގާޒީ އާދަމް ތަނާޒުލްވެވަޑައިގެންނެވި ސަބަބު:

  • ހަމަލާގެ ތުހުމަތު ކުރެވޭ މއ. ކުދެހިގެ، އިސްހާގުގެ ދަރިއެއް ގާޒީ އާދަމްއަށް މީގެ ކުރިން އިންޒާރު ދީފައިވާތީ އެކަމުގެ ސަބަބުން މަސްލަހަތު ފުށޫއަރާ ކަމަށް ބުނެ އިސްހާގު ޝަކުވާގެ ސިޓީއެއް ފޮނުވާފައިވޭ

  • އިސްހާގުގެ ދަރިފުޅު ގާޒީ އާދަމްއަށް އިންޒާރު ދިނީ، ގާޒީ އާދަމް ބެއްލެވި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތާ ގުޅިގެން

  • ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދައުވާ ކުރި މއ. ކުދެހިގެ، ހަސަން ޝިފާޒުއަކީ އިސްހާގު އާއި އޭނާގެ ދަރިފުޅުގެ އާއިލާ މީހެއް

އެނގުން މުހިންމު - ބޮމުގެ ހަމަލާގެ މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ވަނީ ނިންމާލައިފަ އެވެ. ދެން އޮތީ ޝަރީއަތުގެ މަރުހަލާ ފެށުމެވެ.

ދައުލަތުން ކުރާ ދައުވާތައް:

  • ތަހުމީން އަހުމަދު (ފޮޅޭމާ/ގއ. ކޮނޑޭ) - ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ

  • މުޖާޒު އަހުމަދު (މއ. ފޭރުގެ/ކ. މާލެ) - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ

  • އަލީ ހައިޝަމް (ނޫރީގެ/ނ. މަނަދޫ) - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • އިސްހާގު (މއ. ކުދެހިގެ/ކ.މާލެ) - ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • ފަހުމީ އަލީ (ހުދުރުވާގެ/ގއ. ވިލިނގިލި) - ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • މުހައްމަދު ނާޒިމް (އަސަރީގެ/އއ. މާޅޮސް) - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ

  • މުހައްމަދު ތަސްލީމް (ހއ. ހޯރަފުށި/އަލަނާސިގެ) - ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ

  • އަބްދުﷲ އަލިމަނިކު (ހއ. މޮޅަދޫ/ބަހާރުގެ) - ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ

ގުޅުން ހުރި ކަމެއް - ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން އުޅުނު އަދުހަމް އަހުމަދު ރަޝީދު އިއުތިރާފްވެ ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން ލުއި އަދަބެއް ދީ 23 އަހަރަށް ވަނީ ޖަލަށްލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް