ހޫނު ގަދަ ދުވަހެއްގައި އއ. މާޅޮހު މަގެއްގެ މަތިން ޓޫރިސްޓަކު ހިނގާފައި އަންނަނީ

މޫސުން

ވާރޭ ނުވެހި ގިނަ ދުވަސްވެ، ގިނަ ރަށްރަށުގެ ފެން ލޮނުވެއްޖެ

މެޓުން ލަފާކުރާ ގޮތުން ވަރަށް އަވަހަށް ވާރޭ ވެހޭނެ

ރާއްޖޭގެ ބައެއް ހިސާބުތަކަށް ވާރޭ ނުވެހި ގިނަ ދުވަސްވެ، ގިނަ ރަށްތަކުގެ ފެން ވަަރަށް ބޮޑަށް ލޮނުވެއްޖެ އެވެ.

އެނގުން މުހިއްމު - ވާރޭ ނުވެހި ގިނަ ދުވަސްވާ ނަމަ، ބިމު އަޑީގައިވާ ރީތި ފެން ފަށަލަ ހުސްވެ، ފެނަށް ޖެހޭގޮތްވެ އެވެ. ހާއްސަކޮަށް އާބާދީ ބޮޑެތި ރަށްރަަށާއި ސައިޒުގެ ގޮތުން ކުދި ރަށްރަށުގައި މި މައްސަލަ ގިނައިން ކުރިމަތިވެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ބައެއް ހިސާބުތަކަށް މި ފަހުން ކޮންމެވެސް ވަރަކަށް ވާރޭ ވެހުނު ނަމަވެސް ބޯކޮށް ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އޭގެ ސަބަބުން ކުރިން ފެން ލޮނު ބައެއް ރަށްތަކުގައި ވެސް ބޭނުން ނުކުރެވޭ ވަރަށް މިހާރު ފެން ވަނީ ލޮނުވެފަ އެވެ. އެ ރަށްތަކުގައި ފެންވެރުމަށާއި ދަނޑުވެރިކަމަށް ވެސް އެ ފެން ބޭނުން ކުރަން މިހާރު ދައްޗެވެ.

ބުނީ ކީކޭ؟- އެންވަރަމެންޓް މިނިިސްޓްރީން ބުނިގޮތުގައި ވާރޭ ވެހުން މަދުވެ، އަދި ފެން ބޭނުން ކުރާ މިންވަރު މަތިވެއްޖެ ނަމަ ފެން ލޮނުވުމުގެ މައްސަލަ ގިނައިން ކުރިމަތިވެ އެވެ.  ފެނުގެ ނިޒާމު ގާއިމު ނުކުރާ ރަށްރަށުގައި ބޯން ވެސް ބޭނުން ކުރަނީ މި ފެނެވެ. އެހެންވެ، ފެނަށް ޖެހިގެން، ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ސަރުކާރުން ފެން ފޯރުކޮށްދޭން ޖެހެ އެވެ. 

ރަށެއްގެ އަތިރިމަތީގައި ކުދިންތަކެއް ކުޅެނީ: ގިނަ ރަށްތަކަށް ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއް ވެއްޖެ

އެންވަރަމެންޓް މިނިސްޓްރީގެ ފެނާ ބެހޭ ޑިޕާޓްމެންޓްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު މުސްތަފާ މިއަދު ވިދާޅުވީ ކޮންމެ އަހަރަކު ވެސް 80 ވަރަކަށް ރަށުން ފެނަށް ޖެހިގެން ރިޕޯޓު ކުރާ ކަމަށެވެ. އެކަމަކު ސަރުކާރުން ފެނުގެ ނިޒާމު ގާއިމު ކުރަން ފެށުމުން، ފެނަށް ޖެހޭ ރަށްރަށުގެ އަދަދު މަދުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

މުސްތަފާ ވިދާޅުވި ގޮތުގައި:

  • ބޯ ފެން ލޮނުވުމުގެ މައްސަލަ ކުޑަކުރުމަށް ހުރިހާ ރަށްތަކެއްގައި ވެސް މިހާރު ވަނީ ފެނުގެ ނިޒާމު ގާއިމުކުރަން ފަށާފައި

  • ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެ މަސައްކަތްތައް ލަސްވި ނަމަވެސް، ބައެއް ރަށްތަކުގައި އެ މަސައްކަތް މިހާރު ވަނީ ނިމިފައި

  • ވާޜޭ ނުވެހި ގިނަ ދުވަސް ވާނަމަ ފެން ނަޖިސްވެ ނުވަތަ ތަޣައްޔަރުވުމުގެ މައްސަލަ ވެސް ކުރިމަތިވޭ. އެކަން ކުޑަކުރުމަށް ގިނަ ރަށްތަކެއްގައި މިހާރު ވަނީ ނަރުދަމާގެ ނިޒާމު އަޅާފައި 

'ވަރަށް އަވަހަށް ވާރޭ ވެހޭނެ'

އާއްމު ގޮތެއްގައި ރާއްޖެއަށް އެންމެ ވިއްސާރަ ކުރަނީ ހުޅަނގު މޫސުމުގަ އެވެ. އެއީ މެއި މަހުގެ މެދެއްހާ ހިސާބުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އިރުވައި މޫސުން، ޖެނުއަރީ މަހުން ފެށިގެން މި މަހުގެ ނިޔަލަށް ދެމިގެން ދާނެ އެވެ. ޑިސެމްބަރާއި އެޕްރީލް މަހަކީ އާއްމުކޮށް ދެ މޫސުން ބަދަލުވާ ދުވަސް ވަރަށް ވެފައި، އެ މަސްތަކުގައި ވެސް ގަދައަށް ވިއްސާރަ ކުރެ އެވެ. އެއީ ދެ މޫސުން ބެދޭ ވިއްސާރަ އެވެ.

"އެހެންވެ، އަޅުގަނޑުމެން މި އުއްމީދު ކުރަނީ ވަރަށް އަވަހަށް ވާރޭ ވެހޭނެ ކަމަށް،" މޫސުމާބެހޭ ގައުމީ އިދާރާ، މެޓު އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސެން ވަހީދު މިއަދު ވިދާޅުވި އެވެ.

މެޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ފަހުން ރާއްޖެއަށް ބޯކޮށް ވާރޭވެހިފައިވަނީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ. އެ ވިއްސާރަ ދިގުލައިގެން ދިޔައީ ދެތިން ދުވަހަށެވެ. 

މެޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި:

  • މިދިޔަ މަހު ފަހުކޮޅު ދެކުނުގެ އަތޮޅުތަކަށް 10 މިލިމީޓަރުގެ ވާރޭ ވެހުނު

  • ހުޅުލެއަށް 29.2 މިލިމީޓަރުގެ ވާރޭ ވެހުނު

  • އުތުރުގެ އަތޮޅުތަކަށް 29.2 މިލިޓީޓަރުގެ ވާރޭ ވެހުނު

މެޓުން ބުނިގޮތުގައި ކޮންމެވެސް ވަރަކަށް ވާރޭ ވެހުނު ނަމަވެސް ވައިގެ ތެތްކަން ކުޑަވުމުގެ ސަބަބުން ހޫނުވާ މިންވަރު އިތުރުވާނެ އެވެ. 

ކޮމެންޓް (2)

އަހްމަދު

5 އޭޕްރީލު 2022
އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ އަދި.
0 0

މުހައްމަދު

5 އޭޕްރީލު 2022
ކޮބާ މިޔޮއް ވެހެނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް