ރޭގެ މެޗުގައި ޔުނައިޓެޑްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) ހިތްހަމަނުޖެހިގެން ޝަކުވާކުރަނީ

ޕްރެމިއަ ލީގު

ޔުނައިޓެޑް ފުނޑިއްޖެ، ދެ މެޗުން ފުލަށް

ޓެން ހެގް ވީ މިދިއަ 100 އަހަރުގެ ތެރޭގައި ސީޒަންގެ ފުރަތަމަ ދެ މެޗުން ބަލިވި ޔުނައިޓެޑްގެ ފުރަތަމަ ކޯޗަށް
14 އޯގަސްޓު 2022

ރޭ ފުރަތަމަ ހާފުގެ 35 މިނިޓްގެ ތެރޭގައި ހަތަރު ލަނޑު ޖަހައި ބްރެންޓްފޯޑުން މެންޗެސްޓަ ޔުނައިޓެޑް، ދަނޑުމަތީގައި 'ފުނޑުކޮށް'، ނަތީޖާ އިން ލަދުގަންނުވާލައިފި އެވެ.

މިއީ އެޕްރީލް 1938ގެ ފަހުން އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ހަރުފަތުގެ މެޗެއްގައި ބްރެންޓްފޯޑުން ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. އެ އަހަރު 6-1 އިން ބަލިކުރީ ބްރިމްސްބީ ޓައުން އެވެ.

މިހާރުގެ ކޯޗު އެރިކް ޓެން ހަގް ވެފައި ވަނީ 1921 ގައި ޖޯން ޗެޕްމެންގެ ކޯޗުކަމުގައި ސީޒަންގެ ފުރަތަމަ ދެ މެޗުން ޔުނައިޓެޑް ބަލިވި ފަހުން އެ ނަތީޖާއާ ކުރިމަތިވި ފުރަތަމަ ކޯޗަށެވެ. އެހެންކަމުން ނެދެލެންޑްސްގެ ޓެން ހަގް ތާރީހަށް ވަދެފައި އެވަނީ 100 އަހަރު ފަހުން އެ ދަށް ނަތީޖާ ލިބުނު ކޯޗުގެ ގޮތުގަ އެވެ.

މިހާރު ޕްރެމިއަ ލީގުގެ ތާވަލްއަށް ނަޒަރު ހިންގާލާ އިރު، އިނގިރޭސި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކްލަބް އޮތީ ތާވަލްގެ އެންމެ ފުލުގަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ޔުނައިޓެޑް ވަނީ ހުރިހާ ގޮތަކުން ވެސް ފޫވެއްޓިފަ އެވެ. ކްލަބްގެ ވެރިންނާއި މެނޭޖްމަންޓާއި ކުޅުންތެރިން ވެސް ފެންނަނީ، ބޮޑު ބަދަލެއް ނުގެނެސް ކްލަބްގެ ކުރީގެ އުފާވެރިކަން ގެނެސް ނުދެވޭނެ ބައެއްގެ ގޮތުގައި ކަމަށް، ބައެއް ތަޖުރިބާކާރުން ބުނެ އެވެ.

 ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވުމުގެ ދެރާގައި މެންޗެސްޓަ ޔުނައިޓެޑްގެ ކުޅުންތެރިން ދަނޑުން ފައިބަނީ

އިނގިރޭސި ކުރީގެ ތަރި އެލަން ޝިއެރާ ބުނި ގޮތުގައި މިއީ އެތައް އަހަރެއްގެ ފެއިމްވުމެއްގެ ނަތީޖާ އެވެ.

"ލީޑަޝިޕެއް ނެތް، ކުޅުންތެރިން ހޯދުމުގައި ވެސް ހުސް އުނިކަން،" އޭނާ ބުންޏެވެ.

ޝިއެރާ ބުނީ ޔުނައިޓެޑް ހަމަ މަގަށް އަޅުވަން ވަގުތާއި ގިނަ އަދަދަކަށް ފައިސާ ވެސް ބޭނުންވާނެ ކަމަށެވެ. އަދި ސަޕޯޓަރުންގެ ކެތްތެރިކަން ވެސް އެހާމެ ބޮޑުވާން ޖެހޭނެ ކަމަށް އޭނާ ދެކެ އެވެ.

"މިހާރު ޓީމު އޮތީ އަހަރެމެން ބޭނުންވާ މަގާމަށް ވުރެ އެތައް މޭލެއްގެ ދުރުގައި."

ޔުނައިޓެޑް ހަމަ މަގަށް އެޅުވޭނެ ކަމުގެ އުއްމީދުގައި ގެނައި ޓެން ހަގްއަށް ފުރަތަމަ ދެ މެޗުން ލިބުނު ފިލާވަޅު ވަރަށް ބޮޑެވެ. އޭނާއަށް މިހާރު ފެނިފައި އެވަނީ ނަތީޖާއެއް ނެރެވޭނެ ކަހަލަ ކުޅުމެއް ނޫނެވެ. އަންނަ ހޯމަދުވަހު ލިވަޕޫލްއާ ދެކޮޅަށް ނުކުންނަ އިރު، އެއީ ޔަގީނުން ވެސް، މިދިއަ ދެ މެޗުގެ ހަނދާންތަކުން ދުރުވެލަން ލިބޭނެ ފުރުސަތެކެވެ.

ޔުނައިޓެޑްގެ ސަޕޯޓަރުން މިހާރު ވެސް އެ އުއްމީދުކުރެ އެވެ. އެކަމަކު ތަޖުރިބާކާރުން ބުނަނީ ވަރަށް ބޮޑު ބަދަލެއް، ކުޅުންތެރިންގެ ވިސްނުމާއި މޮޅުވުމުގެ ޝައުގަށް އައިސްގެން ނޫނީ ޔުނައިޓެޑަށް ސަލާމަތެއް ނެތް ކަމަށެވެ. 

ރޭ މި ފެނުނީ ޔުނައިޓެޑް ފުނޑުނު ތަނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް