ނަޝީދު (ކ) އާއި ޝާހިދު: ޝާހިދުގެ ތާއީދު އޮތީ ރިޔާސީ ނިޒާމަކަށް (ފައިލް ފޮޓޯ/ މަޖިލިސް)

ޝާހިދު ވެސް ބަރުލަމާނީ ނިޒާމާ ދެކޮޅު ހައްދަވައިފި

ޝާހިދު ވިދާޅުވީ ތާއީދުކުރައްވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެ ވެރިޔާ ހޮވުމަށް ކަމަށް

ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނެވުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތާ، އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ދެކޮޅުހައްދަވައިފި އެވެ.

ތަފްސީލު - ޝާހިދު ކުރެއްވި ޓްވީޓެއްގައި ހާމަކުރެއްވިގޮތުގައި އޭނާ ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ތާއީދުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެ ވެރިޔާ ހޮވުމަށް. ގާނޫނު ހެދުމުގެ ބާރާއި ސަރުކާރު ޒިންމާދާރުކުރުވުން ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް. އަދުލުއިންސާފު ގާއިމްކުރުން ފަނޑިޔާރު ގޭގައި އޮތުމަށް. ގާނޫނަށް ބޯލެނބުމުގެ ސިފަ ވެރިންގެ ކިބައިގައި ހުރުމަށް،" އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ޝާހިދު ލިޔުއްވި އެވެ.

ވީ ކިހިނެއް؟ - ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް، ނަޝީދު ވަނީ އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ. އަދި އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި، މި މަސައްކަތުގައި ހުރިހާ ފަރާތެއްގެ އެހީތެރިކަމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ނަމަވެސް އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ ނަޝީދުގެ ހުށަހެޅުމާ ދެކޮޅު ހައްދަވާފަ އެވެ.

ރައީސް ސޯލިހު މިއަދު 'ރާއްޖެ ޓީވީ'އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި، އެމަނިކުފާނުގެ ތާއީދު އޮތީ ރިޔާސީ ނިޒާމަށްކަން ހާމަކުރައްވައި އެދިވަޑައިގެންނެވީ ނަޝީދުގެ ގަރާރު އަނބުރާ ގެންދެވުމަށެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް