މޮސްކޯގައި ހުރި މެކްޑޮނަލްޑްސްގެ ރެސްޓޯރަންޓެއްގެ ބޭރުން މީހަކު ހިނގާފައި ދަނީ.(ފޮޓޯ/ގެޓީ އިމޭޖެސް)

މެކްޑޮނަލްޑްސް އިން ދާއިމީކޮށް ރަޝިޔާ އިން ނުކުމެއްޖެ

މީގެ 32 އަހަރު ކުރިން މެކްޑޮނަލްޑްސް އިން ރަޝިޔާގައި އޮޕަރޭޝަންތައް ފެށުން ސިފަވެގެން ދިޔައީ ފިނި ހަނގުރާމައަށް ލިބުނު ލުޔެއްގެ ގޮތުގައި

ހަނގުރާމައާ ގުޅިގެން ރަޝިޔާގައި ވަގުތީ ގޮތުން ބަންދުކުރި މެކްޑޮނަލްޑްސްގެ ރެސްޓޯރަންޓުތައް ދާއިމީކޮށް ބަންދުކުރުމަށް މެކްޑޮނަލްޑްސް ކުންފުނިން ނިންމައި ރަޝިޔާގައި ހުރި ރެސްޓޯރަންޓުތައް ވިއްކާލުމުގެ މަސައްކަތް ފަށައިފި އެވެ.

މެކްޑޮނަލްޑްސް އިން ވަނީ ރަޝިޔާގައި އެ ކުންފުނިން އޮޕަރޭޓު ކުރަމުންދިޔަ ހުރިހާ ރެސްޓޯރަންޓުތަކެއް މިދިޔަ މާޗު މަހު ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

ރަޝިޔާއިން ދާއިމީކޮށް ނުކުތުމަށް ނިންމީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ "އިންސާނީ ކާރިސާ" އާއި އެ ގައުމުގައި "އޮޕަރޭޓު ކުރެވޭނެކަން ޔަގީން ނުވާ މާހައުލެއް" އޮތުމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މީގެ 32 އަހަރު ކުރިން، 1990ގައި ރަޝިޔާގައި މެކްޑޮނަލްޑްސްގެ ރެސްޓޯރަންޓެއް ހުޅުވުން ސިފަވެގެން ދިޔައީ ހުޅަނގާއި ސޯވިއެޓް ޔޫނިއަންއާ ދެމެދު އޭރު އޮތް ފިނި ހަނގުރާމައަށް ލިބުނު ލުޔެއްގެ ގޮތުގަ އެވެ. އޭގެ އަހަރެއް ފަހުން ސޯވިއެޓް ޔޫނިއަން ނެތިގޮސް ވުޖޫދަށް އައި ރަޝިޔަން ފެޑެރޭޝަން އިން ވަނީ ހުޅަނގުގެ ކުންފުނިތަކަށް އެ ގައުމުގެ އިގްތިސާދު ހުޅުވާލާފަ އެވެ.

ނަމަވެސް، އޭގެ ގާތްގަނޑަކަށް 30 އަހަރު ފަހުން ރަޝިޔާއިން ނުކުންނަމުންދާ ހުޅަނގުގެ ގިނަ ކުންފުނިތަކެއްގެ ތެރޭގައި މެކްޑޮނަލްޑްސް ވެސް މި ވަނީ ހިމެނިފަ އެވެ.

"މިއީ މީގެ ކުރިން ދިމާވެފައި ނުވާ އަދި ގިނަ އަސަރުތަކެއް ކުރާނެ އުނދަގޫ ކަމެއް،" މުވައްޒަފުންނާއި ސަޕްލަޔަރުންނަށް ފޮނުއްވި މެސެޖެއްގައި މެކްޑޮނަލްޑްސްގެ ސީއީއޯ ވިދާޅުވި އެވެ.

"ކާބޯތަކެތި ފޯރުކޮށްދީ އެތައް ހާސް އާންމު ރައްޔިތުންނެއްގެ ވަޒީފާ ނުގެއްލޭނެ ގޮތައް ކަންކަން ކުރުމަކީ ރަނގަޅު ގޮތް ކަމަށް ބައެއް ފަރާތްތަކުން ބުނެފާނެ. ނަމަވެސް ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް ބީރު ކަންފަތެއް ދެވޭކަށް ނެތް. އަދި މީގެ 32 އަހަރު ކުރިން ރަޝިޔާގެ މާކެޓަށް މެކްޑޮނަލްޑްސް އިން ގެނެސްދިން އުއްމީދުތަކާއި ހުވަފެންތައް މިހާރު ތަސައްވުރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން."

ރަޝިޔާގައި ހުރި މެކްޑޮނަލްޑްސްގެ ހުރިހާ ރެސްޓޯރަންޓުތަކުގައިވާ ނަމާއި އަދިވެސް އެހެނިހެން މެކްޑޮނަލްޑްސް ބްރޭންޑު ރަމްޒުކޮށްދޭ ތަކެއްޗާއި ވަސީލަތްތައް ނައްތާލުމަށް ފަހު އެ ރެސްޓޯރަންޓުތައް ރަޝިޔާގެ ކުންފުންޏަކަަށް ވިއްކާލަން ނިންމާފައިވާ ކަމަށް މެކްޑަޮނަލްޑްސް އިން ވަނީ ބުނެފަ އެވެ.

މި މުއަމަލާތްތައް ނިމެންދެން ރަޝިޔާގައި ތިބި އެ ކުންފުނީގެ 62،000 މުވައްޒަފުންނަށް އުޖޫރު ލިބޭނެ ކަމަށާއި، އެއަށް ފަހު ވެސް އެ މުވައްޒަފުންނަށް ވަޒީފާ ހޯދުމަށް އެހީތެރިވެދޭނެ ކަމަށް ވެސް މެކްޑޮނަލްޑްސް އިން ވަނީ ބުނެފަ އެވެ.

ރަޝިޔާ މާކެޓުން ނުކުތުމުން 1.4 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް މެކްޑޮނަލްޑްސް އިން ލަފާކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް