ދިލިޕް ކުމާރާއި ސާއިރާ ބާނޫ

ބޮލީވުޑް

ދިލިޕް ކުމާރުގެ ފިލްމުތައް ހިމެނޭ ފެސްޓިވަލެއް ބާއްވަނީ

މިދިޔަ އަހަރު މަރުވެފައިވާ ދިލިޕް ކުމާރުގެ މަޝްހޫރު ފިލްމުތައް އިންޑިއާގެ 20 ސިޓީއެއްގައި އަޅުވާނެ
27 ނޮވެމްބަރު 2022

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ދިލިޕް ކުމާރުގެ 100 ވަނަ އުފަންދުވަހާ ދިމާކޮށް އޭނާގެ ފިލްމުތައް އަޅުވަން އިންޑިއާގެ އެކި ސިޓީތަކުގައި ފިލްމު ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

އެ ފެސްޓިވަލް އިންތިޒާމުކުރާ ފިލްމު ހެރިޓޭޖު ފައުންޑޭޝަނުން ބުނީ 'ދިލިޕް ކުމާރު، ހީރޯ އޮފް ހީރޯސް'ގެ ނަމުގައި ބާއްވާ ފިލްމު ފެސްޓިވަލް އޮންނާނީ އަންނަ މަހުގެ 10 އަދި 11 ވަނަ ދުވަހު ކަމަށެވެ.

މިދިޔަ އަހަރު މަރުވެފައިވާ ދިލިޕް ކުމާރުގެ މަޝްހޫރު ފިލްމުތައް އެ ފެސްޓިވަލްގައި އަޅުވާނެ އެވެ. އޭގެ ތެރޭގައި 'އާން' (1952)، 'ދޭވްދާސް' (1955)، 'ރާމް އޯރް ޝަޔަމް' (1967) އަދި 'ޝަކްތީ' (1982) ހިމެނެ އެވެ.

އިންޑިއާގެ 20 ސިޓީއެއްގެ 30 ސިނަމާ ހޯލެއްގައި މި ފިލްމުތައް އަޅުވަން ވަނީ ނިންމައިފަ އެވެ. މިއީ އިންޑިއާގެ ފިލްމީ އިންޑަސްޓްރީ ދުށް އެންމެ ކުޅަދާނަ އެއް އެކްޓަރުގެ ފިލްމުތައް އަލުން ބަލާލަން ލިބޭނެ ފުރުސަތެއް ކަމަށް ފެސްޓިވަލް އިންތިޒާމުކުރާ ފައުންޑޭޝަނުން ބުންޏެވެ.

"މިހާރުގެ ތަރިން ވެސް އިންސްޕިރޭޝަން އަކަށް ބަލާ ފަންނާނަކީ ދިލިޕް ކުމާރު. އޭނާގެ 100 ވަނަ އުފަންދުވަހާ ދިމާކޮށް ދިލިޕް ކުމާރުގެ އެންމެ މަގުބޫލު ފިލްމުތައް އަލުން ސިނަމާ އަށް ގެނައުމަށް މިއީ މިއީ އެންމެ މުނާސަބު ވަގުތު. މީގެ ތެރެއިން ބައެއް ފިލްމުތަކަށް 70 އަހަރު ވެއްޖެ. އެކަމަކު ވެސް އަދިވެސް ދިލިޕް ކުމާރުގެ ފިލްމުތައް ބަލަން ސިނަމާއަށް ދާނެ އެތައް ބަޔަކު ތިބޭނެ،" ފިލްމު ފެސްޓިވަލް އިންތިޒާމު ކުރާ ފައުންޑޭޝަނުން ބުންޏެވެ.

އުމުރުން 98 އަހަރުގައި ދިލިޕް ކުމާރު މަރުވީ 2021 ވަނަ އަހަރުގެ ޖުލައި މަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް