އައްޑޫ ފޭދޫ މަތިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/އައްޑޫ ސިޓީ،ފޭސްބުކް ޕޭޖް)

ގޭންގު ކުށްތައް

އައްޑޫގެ ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި 3 މީހުން ދޫކޮށްލައިފި

އެ ތިން މީހުން ހައްޔަރު ކުރީ ޖޫން 2 ވަނަ ދުވަހު ފޭދޫގައި ޒުވާނަކު މަރާލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް ރަށުގެ އަމަން ނަގާލަން އުޅުމުގެ ތުހުމަތުގައި
15 ޖޫން 2022

އައްޑޫ، ފޭދޫގައި ހިންގި ސިލްސިލާ ގްރޫޕު މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ވެސް ކޯޓުން ދޫކޮށްލައިފި އެވެ.

އެނގުން މުހިންމު - ފޭދޫގެ ހިންގި ސިލްސިލާ މާރާމާރީތަކުގައި މި މަހުގެ ދެ ވަނަ ދުވަހު އުމުރުން 21 އަހަރުގެ ޒުވާނަކު ވަނީ މަރާލައިފަ އެވެ.

ބުނީ ކީކޭ؟ - ފުލުހުންގެ މީޑިއާ އޮފިޝަލް 'ދައުރު'އަށް މިއަދު ވިދާޅުވީ ފޭދޫގެ މާރާމާރީތަކާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

"ކުޑަ ދެ ކުދިންގެ ބަންދުގެ މުއްދަތު އަދި ހަމަ ނުވޭ. ބާކީ ތިބި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ކޯޓުން އެ މީހުން ދޫކޮށްލީ،" އޮފިޝަލް ވިދާޅުވި އެވެ.

ތަފްސީލު - އެ ފަސް މީހުންގެ ތެރޭގައި ހިމެނެނީ:

  • މާރާމާރީއާ ގުޅިގެން ތުހުމަތު ކުރެވޭ: 16 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖެއް

  • ރަށުގެ އަމަން ނަގާލަން އުޅުމުގެ ތުހުމަތުގައި: 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެއް

ޖޫން 2 ވަނަ ދުވަހުގެ ރޭ ދަންވަރު ހިންގި މާރާމާރީގައި މަރާލީ ސ. ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން އެވެ. އޭނާ މަރައިލީ މަގުމަތީގައި ކަމަށް މީގެ ކުރިން ފުލުހުން ބުނި ނަމަވެސް، އެކަން ހިނގީ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައިކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.

އައްޑޫގައި 2 ޖޫން 2022 ވަނަ ދުވަހު ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ސަބަބުން މަރުވި މުހައްމަދު ޒަޔާން، 21

މި މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމަކާ ގުޅިގެންނާއި މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއްކަން އެނގިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

އެ މާރާމާރީއަށް މިރޭ ދެ ހަފުތާ ވާއިރު، މި މައްސަލައާ ގުޅިގެން އިތުރު މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް