Majlis 2024

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރާ ގޮތުގެ ކުރެހުމެއް

ހަނިމާދޫ އެއާޕޯޓް މަޝްރޫއަށް 4 ފަރާތަކުން ބީލަން ހުށަހަޅައިފި

ބީލަން ހުށަހެޅުމުގެ ފުރުސަތު ދިނީ، އެ މަޝްރޫއަށް ލޯނު ދޭ އިންޑިއާގެ އެގްޒިމް ބޭންކުން ޝޯޓްލިސްޓު ކުރި ފަރާތްތަކަށް އެކަނި. އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނީ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވީއިރު ހަތަރު ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯނަކުން ހަރަދުކޮށްގެން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އެ ބޭންކުން އިއުލާނުކުރީ މާޗު 2021ގެ ފަހުކޮޅު އެވެ. އެ މަޝްރޫއު ހިންގާނީ އިންޑިއާގެ ކުންފުންޏަކުންނެވެ.

ބީލަން ހުށަހެޅުމުގެ ފުރުސަތު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން ޝޯޓްލިސްޓު ކުރި ފަރާތްތަކަށެވެ.

ތަފްސީލު - ބީލަން ހުށަހެޅި ފަރާތްތަކުގެ އަދަދު ބުނި ނަމަވެސް، އެ ކުންފުނިތަކުގެ އިތުރު ތަފްސީލު މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ގޮތަށް އެ އެއާޕޯޓު ތަރައްގީކުރަން ނިންމާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީގެ މަޝްރޫއު:

  • ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ތަރައްގީ ކުރާނެ

  • އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ

  • މަޝްރޫއު ނިމުމުން އެއާބަސް A320 އާއި ބޯއިންގް 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ

  • މެދުއިރުމަތި، ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާ އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓު ކުރުމުގެ ގާބިލުކަން ލިބިގެންދާނެ

އެނގުން މުހިންމު - އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށެވެ. އިންޑިއާ ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ދެ އަހަރުގެ ތެރޭގައި މުޅިން ނިންމާލާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް