އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް: އެތަން ނުހުޅުވި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި

އައްޑޫ

ނުހުޅުވި އޮންނަ އައްޑޫ ޝަންގްރިއްލާ ރިސޯޓް އެންމެ ފަހުން ވިއްކާލަނީ

އެ ރިސޯޓް ބަންދުކޮށްފައި އޮންނާތީ އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑު

ކޮވިޑާ ގުޅިގެން ބަންދުކުރި ފަހުން ނުހުޅުވި ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ވިއްކާލަން ބައިނަލްއަގުވާމީ ބިޑަކަށް ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - އެ ރިސޯޓްގެ %70 ހިއްސާދާރު އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ވަނީ ރިސޯޓް ވިއްކާލުމުގެ މަސައްކަތް އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ސީބީއާރުއީ ގްރޫޕާ ހަވާލުކޮށްފަ އެވެ. ޖުމްލަ 132 ވޯޓާ ވިލާ ހިމެނޭ އެ ރިސޯޓް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅުމުގެ ފުރުސަތު ސީބީއާރުއީ ގްރޫޕުން ހުޅުވާލީ މި މަހުގެ 7 ވަނަ ދުވަހު އެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓްގެ މޫދު ކޮޓަރިތަކެއް

ތަފްސީލް - ސީބީއާރު ގްރޫޕުން ކުރި އިއުލާނުގައި ހިމަނާފައިވާ މައުލޫމާތުތަކުގައިވާ ގޮތުގައި އައްޑޫގެ އެ ރިސޯޓް ގަންނަ ފަރާތަކަށް ރިސޯޓާ އިންވެގެން އޮންނަ ކުޑަ ފަޅު ރަށެއް ވެސް ސަރުކާރުން ކުއްޔަށް ދޫކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ ފަޅު ރަށުގައި ޕްރައިވެޓް އައިލެންޑެއް ތަރައްގީ ކުރެވޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އެގޮތުން އިތުރަށް ފަސް ކޮޓަރީގެ ވޯޓާ ވިލާތަކެއް އެ ރިސޯޓްގައި ތަރައްގީ ކުރެވޭނެ ކަމަށް އިއުލާނުގައިވެ އެވެ. އިއުލާނުގައި އިތުރަށް ބުނީ އެ ރިސޯޓް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ވެސް، ގަންނަ ފަރާތަކަށް ފުރުސަތު އޮންނާނެ ކަމަށެވެ.

ޝަންގްރިއްލާ ރިސޯޓް:

  • ހުޅުވީ: 2009 ވަނަ އަހަރު

  • ބޮޑުމިން: 50.6 ހެކްޓަރު

  • އެނދު: 284 އެނދު

  • ކުލީގެ މުއްދަތު ހަމަވަނީ: 26 ފެބުރުއަރީ 2105

ވިލިނގިލި ރިސޯޓް: އެ ރިސޯޓްގެ މައިގަނޑު ހިއްސާދާރު ވަނީ ރިސޯޓް ވިއްކާލަން އިއުލާންކޮށްފައި

އެނގުން މުހިންމު - އައްޑޫގެ ވަރަށް ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ދިޔަ އެ ރިސޯޓު ކޮވިޑަށް ފަހު ނުހުޅުވި އެ މީހުންގެ ވަޒީފާތައް ގެއްލި އައްޑޫގެ ޓޫރިޒަމަށް ބޮޑު ހީނަރުކަމެއް އަ އެވެ. އެކަމާ ގުޅިގެން އެ ރިސޯޓް ހުޅުވުމަށް ސަރުކާރުން ކުރި މަސައްކަތުގެ ދަށުން އެ ރިސޯޓްގައި އޮންނަ ސަރުކާރުގެ %30 ހިއްސާ ދޫކޮށްލުމަށް ގާނޫނަށް އިސްލާހުތަކެއް ގެންނަން ވަނީ ހުށަހަޅައިފަ އެވެ. ސަރުކާރުން ބުނަނީ އެ ރިސޯޓްގެ ހިއްސާ ދޫކޮށްލަން 80 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭ ކަމަށެވެ.

ކޮވިޑަށް ފަހު އައްޑޫ ހެރަތެރަ ރިސޯޓް އަންނަނީ ހުޅުވައި ހިދުމަތްދެމުންނެވެ.

ކޮމެންޓް (1)

މުހައްމަދު

22 ޖޫން 2022
ޝަންގްރިއްލާ ގެ އިހުލާސްތެރިކަމެއް ނެތީ. ޕްރޮޑަކްޓަކީ ވަރަށް މަތީ ފެންވަރުގެ ޕްރޮޑަކްޓެއް. ރަގަޅު އަދި މަތީ ފެންވަރު އެތަކެއް ފަތުރުވެރިން އަމިއްލަ ޖެޓު އަދި ކޮމާޝަލް ފުލައިޓްތަކުގަ ޒިޔާރަތްކޮށްފައިވާ ފެންވަރުމަތި ރިސޯޓެއް. ނުހިންގެން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ!!
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް