އިންޑިއަން ފިލްމް ފެސްޓިވަލް އޮފް މެލްބަންގައި (ކ-ވ) ތާޕްސީ ޕަންނޫ، ވާނީ ކަޕޫރު އަދި ތަމަންނާ ބާޓިއާ

ފެޝަން

ތަމަންނާ ބާޓިއާ އާއި ވާނީ ކަޕޫރުގެ ފެޝަން ވިދާލައިފި

އޮސްޓްރޭލިއާގައި ހިނގަމުންދާ އިންޑިއަން ފިލްމް ފެސްޓިވަލް އޮފް މެލްބަންގައި ވިދުން ގަދަ ތަރިންގެ ތެރޭގައި ތާޕްސީ ޕަންނޫ ވެސް ހިމެނޭ
18 އޯގަސްޓު 2022

އިންޑިއަން ފިލްމް ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްއެމް) އަކީ އިންޑިއާއިން ބޭރުގައި ބާއްވާ، އިންޑިއާ ސިނަމާގެ އެންމެ ބޮޑު ފިލްމް ފެސްޓިވަލެވެ. އައިއެފްއެފްއެމްގެ 13 ވަނަ އިވެންޓް އޮސްޓްރޭލިއާގެ މެލްބަންގައި މިދިޔަ ހުކުރުދުވަހު ވަނީ ފަށައިފަ އެވެ.

މި މަހު 30ގެ ނިޔަލަށް ކުރިއަށްދާ މި އިވެންޓުގައި އިންޑިއާ ސިނަމާގެ އެންމެ މޮޅު ކުރު ފިލްމުތަކާއި ޑޮކިއުމެންޓަރީ އާއި އަދިވެސް އެކި ކެޓެގަރީތައް ހިމެނޭ ގޮތަށް 120 ފިލްމެއް ދައްކާނެ އެވެ. 

އައިއެފްއެފްއެމްގައި ކޮންމެ އަހަރަކު ވެސް އިންޑިއާގެ އިސް ފަންނާނުންނާއި މަގުބޫލު ތަރިން ބައިވެރިވެ، އިވެންޓު ކުރިއަށްދާ ކޮންމެ ދުވަހަކު ތަފާތު ސްޓައިލެއްގައި ފެނިލަ އެވެ. މި ފަހަރުގެ ފެސްޓިވަލްގައި ވާނީ ކަޕޫރާއި ތަމަންނާ ބާޓިއާ އާއި ތާޕްސީ ޕަންނޫގެ ވިދުން ގަދަކަން ވަނީ ފާހަގަވެފަ އެވެ.

'ބެލް ބޮޓަމް،' 'ވޯ' އަދި 'ޝަމްޝޭރާ' ފަދަ މަގުބޫލު ފިލްމުތަކުގައި ބަތަލާގެ ރޯލް ކުޅެފައިވާ ވާނީ ކަޕޫރަކީ އެކްޓިން ހުނަރުގެ އިތުރުން އޭނާގެ އަމިއްލަ ސްޓައިލްގެ ސަބަބުން ވެސް މަޝްހޫރު ތަރިއެކެވެ. އައިއެފްއެފްއެމް އިވެންޓުގައި ވާނީ ހިތްގައިމު ދިގު ހެދުންތަކެއް ލައިފައިވެ އެވެ. 

މިހާތަނަށް އެ އިވެންޓުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވާ ހެދުންތަކުގެ ތެރޭގައި، ވާނީ ލައިގެން ހުރި މަޑު ރީނދޫ ކުލައިގެ ހެދުން ހިމެނެ އެވެ. ވާނީ އެ ހެދުމާ ގުޅުވާލާފައި ހުރީ ވަރަށް މަދު ޒަމާނީ ގަހަނާކޮޅެކެވެ. އެއީ ރީނދޫ ޖަވާހިރު ހުރި ކަންފަތު ލާ އެއްޗަކާއި އަނގޮޓި އެކެވެ. އިސްތަށިގަނޑާއި މޭކަޕް ވެސް ހުރީ އެ ސްޓައިލާ ގުޅޭ ވަރަށް ސާދާ 'ފްރެޝް' ޒާތަކަށެވެ. ވާނީގެ ދެވަނައަށް އެންމެ ހިތްގައިމު ލުކް އަކީ ވަރަށް އިންޑިއާ ވަންތަ، ޒަމާނީ ހެދުމެކެވެ. އެއީ ރިހި ކުލައިގެ 'ޓޫ-ޕީސް' ހެދުމެކެވެ. އޭގައި ހުރީ މިނާ ޖަހައިފަ އެވެ.

ގިނައިން ޓެލޫގޫ އަދި ތަމަޅަ ފިލްމްތަކުން ފެނިފައިވާ ތަރި ތަމަންނާ ބާޓިއާ އަކީ ފެޝަނަށް ވަރަށް ލޯބި ކުރާ ފަންނާނެކެވެ. މި އަހަރު ފްރާންސްގައި ބޭއްވި ކާން ފިލްމް ފެސްޓިވަލްގައި ވެސް ތަމަންނާ ވަނީ ހިތްގައިމު ލުކްތަކެއް ދައްކާލައިފަ އެވެ.

އައިއެފްއެފްއެމް އިވެންޓުގައި ބައިވެރިވެ ތަމަންނާ ދެ ވައްތަރެއްގެ ސްޓައިލް ދައްކާލި އެވެ. އެއީ 'ވެސްޓާން' ސްޓައިލަކާއި އިންޑިއާ ވަންތަ ސްޓައިލެކެވެ. އޭނާ ލައިގެން ހުރި ހުދު ކުލައިގެ ގައުން ފަރުމާކޮށްފައި ހުރީ ވަރަށް ހިތްގައިމު އިހުގެ ހޮލީވުޑް ސްޓައިލަކަށެވެ. މި ލުކްއާ އެކު އޭނާ ހުރީ ވަރަށް ސާދަ ގޮތަކަށް އިސްތަށިގަނޑު ހަދައި މޭކަޕް ކޮށްފަ އެވެ. ދެވަނަ ލުކް އަކީ ގަދަ ފެހި ކުލައިގެ ސާޅި އެކެވެ. ސާޅިއާ އެކު ލައިގެން ހުރީ 'ހޯލްޓާ ނެކް' ސްޓައިލަކަށް ހުރި، މިނާ ޖަހާފައިވާ މައްޗެކެވެ.

އާއްމުކޮށް އެކްޓްރެސުން ނުކުޅޭ ތަފާތު ރޯލްތައް ފުރިހަމައަށް ހުށަހަޅައިދޭ ތާޕްސީ ޕަންނޫ އަކީ ވެސް ތަމަޅަ ފިލްމުތަކުން ގިނައިން ފެނިފައިވާ ހުނަރުވެރިއެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު 'ދޯބާރާ' މި އިވެންޓުގެ 'އޯޕަނިން ނައިޓް ފިލްމް'ގެ ގޮތުގައި ވަނީ ދައްކާލައިފަ އެވެ. 

ތާޕްސީގެ ސޯޝަލް މީޑިއާ ފީޑްތަކަށް ބަލައިލުމުން އޭނާ ފާހަގަވަނީ ހެދުން އެޅުމުގައި ވަރަށް ޒަމާނީ ސްޓައިލަކަށް ލޯބި ކުރާ މީހެއްގެ ގޮތުގަ އެވެ. އައިއެފްއެފްއެމް އަށް ވެސް އޭނާ ލައިގެން ހުރީ މިކަހަލަ ސްޓައިލެކެވެ. އިންޑިއާ ވަންތަ ސްޓައިލެއްގެ އެމްބްރޮއިޑަރީ މަސައްކަތް ކޮށްފައިވާ ބްލޭޒާ އަކާއި ހަރުވާޅެއް ގުޅުވާލައި އޭނާގެ ބުޅި އިސްތަށިގަނޑު ފަހަތަށް އައްސާފައި ހުއްޓެވެ.

މި ބޮޑު އިވެންޓުގައި އެހެނިހެން މަޝްހޫރު ތަރިން ވެސް ބައިވެރިވެ އެވެ. އެކަމަކު މިހާތަނަށް ގިނަ ތަރިން ފެނިފައިވަނީ އާދައިގެ ސްޓައިލްތަކުގެ ސޫޓާއި ސާޅީގަ އެވެ.

މިކަހަލަ ބޮޑު ބައިނަލްއަގްވާމީ އިވެންޓަކަށް ތަރިން ލާން އެންމެ އެކަށީގެންވަނީ ވަރަށް ހިތްގައިމު އަދި އަމިއްލަ ގައުމުގެ ޑިޒައިނަރުން ތައްޔާރުކުރާ ހެދުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް