މަސްއޫދު އަލީ، ތަމްރީން ޕްރޮގްރާމެއްގައި ވާހަކަ ދައްކަނީ: އޭނާއަކީ ރާއްޖޭގެ މަޝްހޫރު ވާހަކަދެއްކުންތެރިއެއް ވެސް މެ.

މަސްއޫދު ހުރީ 'ލޮލާއި އަނގަ ހުޅުވި، ގަނޑުވެފައި'، އެކަމަކު އެއީ ބޮޑު ކަމެއްގެ ފެށުން

ވާހަކަދެއްކުންތެރިޔާ އަދި ހުށައެޅުންތެރިޔާގެ ހުނަރު ތަރައްގީވީ އެ ލަދުވެތި ދުވަހު ލިބުނު ތަޖުރިބާތަކުން

ވާހަކަ ދައްކަން އަރާފައި ހާސްވެ، ގަނޑުވެ، އެންމެ ފަހުން އެއްޗެކޭ ނުބުނެވޭ ހިސާބަށް ދިއުމަކީ ދަރިވަރަކަށް ވިޔަސް، ބޮޑު މީހަކަށް ވިޔަސް، އަމިއްލަ ނަފުސަށް ލަދުވެތިވާނެ ކަމެކެވެ.

މަސްއޫދު އަލީއަށް ދިމާވި އެ ލަދެވެ. އޭގެ ފަހުން ޓީޗަރުން ސުވާލެއް ކޮށްފާނެތީ، ދަރިވަރުން މަލާމަތްކޮށްފާނެތީ، ހަފުތާއެއް ވަންދެން އޭނާ ސްކޫލަށް ނުގޮސް ހުއްޓެވެ. 

އެއީ 1984 އެވެ. ތިމާވެށީގެ ވާހަކަތައް ދެކެވެން ފެށި ދުވަސްވަރެވެ. ބަހުސްކުރުމާއި ވާހަކަދެއްކުންތެރިކަމުގެ ފޯރި ގަދަ ޒަމާނެވެ. އެފަދަ އަދަބީ ހަރަކާތެއް އޮންނަ ނަމަ ސްކޫލްތަކުގެ ހޯލު ފުރި، ބޭރުގައި ވެސް އެތައް ބަޔަކު ތިބެން ޖެހޭހާ ޝައުގުވެރިކަން ބޮޑެވެ. މާލޭގެ ނަން ހިނގާ މަޝްހޫރު ސްކޫލްތަކުގެ ހުނަރުވެރި ދަރިވަރުން ދެ ޓީމަކަށް ބަހާލައިގެން މަޖީދިއްޔާގެ ދާރުލްއުލޫމްގައި ބޭއްވީ އެފަދަ ބަހުސެކެވެ.

އީޕީއެސްގެ ގްރޭޑް 8 ގައި ކިޔަވަމުން އައި މަސްއޫދު ހިމެނުނީ، އޭގެ 38 އަހަރު ފަހުން އެ ހަނދާންތައް އާކުރަމުން އޭނާ ބުނި ގޮތުގައި، ކުރީގެ ކުޅުދުއްފުށީ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ނަޝީދުގެ ޓީމުގަ އެވެ. އޭނާ ނިސްބަތްވަނީ މަޖީދިއްޔާއަށެވެ.

ގައުމީ ވާހަކަ ދެއްކުމުގެ މުބާރަތް ފެށުމުގެ ގޮތުން މަސްއޫދު ވާހަކަ ދައްކަނީ: އޭނާ ހިއްސާކުރީ މުހިންމު ހަނދާނެއް

"ނަޝީދު ވާހަކަފުޅު ދައްކަވަން ފެށީމާ ވީ ގޮތަކީ އަޅުގަނޑު ދެ ލޯ ބޮޑުވާން ފެށީ. ލޯ އެއަކަށް ވުރެ ކުޑައެއް ނުވި،" ކުރީގެ އިންފޮމޭޝަން މިނިސްޓަރުގެ ތައުލީމީ ދުވަސްވަރު ސާބިތުކޮށްދެއްވި ވާހަކަދެއްކުމާއި ބަހުސްކުރުމުގެ ހުނަރުގެ ސަބަބުން މަސްއޫދަށް ލިބުނު ހައިރާންކަން ކިޔައިދެމުން ބުންޏެވެ.

ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމްކޮށްގެން މިހާރު ކުރިއަށް ގެންދާ ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޓޭޖް މަތީ ދެކޮޅަށް ހިނގަމުން، މަސްއޫދު އޭނާގެ ހަޔާތުގެ ހަނދާނުން ފޮހެލަން ދަތި މާޒީގެ އެ ތަންކޮޅު ކިޔައިދިނީ ޝައުގުވެރިކަމާ އެކުގަ އެވެ. އޭނާ ބުނި ގޮތުގައި ނަޝީދަށް ފަހު ދެން ޕޯޑިއަމްގައި ހުއްޓުނު ދަރިވަރުގެ ވާހަކަ ވެސް މޮޅުކަމުން، ބޮޑުވެފައި ހުރި އޭނާގެ ލޮލާ އެކު "އަނގަ ވެސް ހުޅުވެން ފެށި" އެވެ.

"ދެ މީހުން ވާހަކަ ދައްކާ ނިމުނު އިރު ދެ ލޯ ހުޅުވިފައި، އަނގަ ހުޅުވިފައި، މީހާ ތުރުތުރުއަޅާ ހުރީ،" އެފަދަ ސްޓޭޖަކުން ޖާގަ ލިބުނު ފުރަތަމަ ދުވަހުގެ ތަޖުރިބާއާ ބެހޭ ގޮތުން މަސްއޫދު ބުންޏެވެ.

ދޫނުދީ ކުރިއަށް ދާން ކަނޑައެޅި އަޒުމް

ނަން ގޮވުމާ އެކު އޭނާ ސްޓޭޖަށް އެރި އެވެ. އެކަމަކު އޭނާއަށް ވާހަކަ ދެއްކުނީ ދެ މިނިޓެއްހާ އިރު އެވެ. "ތިން ވަނަ މިނިޓްގައި އަޅުގަނޑު ހުރީ ގަނޑުވެފަ"އޭ ބުންޏެވެ. އެހާ ހިސާބުން މަސްއޫދުގެ ވާހަކަދެއްކުމުގެ ފުރަތަމަ ބޮޑު ތަޖުރިބާ، ލަދުވެތި ގޮތަކަށް ނިމުނީ އެވެ.

"އެއް ހަފުތާ ވަންދެން އަޅުގަނޑު ސްކޫލަކަށް ނުދަން،" އޭނާ ބުންޏެވެ.

އެކަމަކު އެއީ ފެށުމެވެ. ދެން އައީ އޭރުގެ ދަރިވަރުންނާއި އާންމުންގެ ތެރޭގައި ވެސް ހުނަރުވެރި ވާހަކަދެއްކުންތެރިއެއްގެ ގޮތުގައި މަސްއޫދު އުފެދުނު ދުވަސްވަރެވެ. އޭނާގެ ބަހުން ނަމަ އޭނާ ހުރީ ވާހަކަދެއްކުމުގެ ދާއިރާ ދޫކޮށްލާ ގޮތަކަށް ނޫނެވެ. އެއަށް ވުރެ އަޒުމް ވަރުގަދަ އެވެ. އެ ބަހުސްގައި އީޕީއެސް ތަމްސީލްކުރަން ސްކޫލުން ނެގި ދެ ދަރިވަރުންގެ ތެރޭގައި މަސްއޫދު ހިމެނީ ކީއްވެގެންކަން އޭނާއަށް އަދިވެސް ނޭނގެ އެވެ. އޭގެ ކުރިން ސްކޫލުން ބޭރުގައި އެފަދަ އެއްވެސް ބަހުސެއްގައި އޭނާ ބައިވެރިވެފައެއް ނެތެވެ. ސްކޫލްގައި ވެސް އޭނާ ވާދަކުރީ އެންމެ ފަހަރަކު ކަމަށް ބުންޏެވެ.

އީޕީއެސްގައި ކިޔެވި އިރު ކުރީގެ މިނިސްޓަރު އަބްދުއްސައްތާރު މޫސާދީދީގެ އަތްޕުޅުން މަސްއޫދު އިނާމު ލިބިގަންނަނީ.

އެކަމަކު އެއްވެސް ޝައްކެއް ނެތި ޔަގީންވަނީ، މަސްއޫދު ކިޔައިދިން ގޮތުގައި، ވާހަކަދެއްކުންތެރިއަކަށް ވާން އޭނާގެ ހިތް އެދެމުން ދިޔަކަމެވެ.

"[އެދުވަހުގެ] އެކަމާ ދޭތެރޭ ވިސްނީމާ އަޅުގަނޑަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިއްޖެ. ވަރަށް ގިނަ އިބްރަތްތަކެއް ހާސިލްވި. ވަރަށް ގިނަ ކަންތައްތަކެއް ދަސްވި،" މަސްއޫދު، 55، ބުންޏެވެ.

ދެން އޭނާ ކިޔައިދޭން ފެށީ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން އާންމުންނަށް ވެސް ވަރަށް މުހިންމު ތަޖުރިބާތަކެކެވެ. މަންމަ އާއި ބައްޕަ ބުނީތީ ވަކި ކަމެއް ކުރަން އުޅެގެން ކާމިޔާބުނުވާނެ ކަމާއި އެއްވެސް ކަމެއް ހާސިލްވާނީ ތިމާ އަމިއްލައަށް އެކަމެއް ބޭނުންވެގެން ކަމެވެ. އެއީ ވެސް ތިމާ އަމިއްލައަށް އެކަމެއް ބޭނުންވާ މިންވަރަކަށް ކަމެވެ. އެކަމެއް ހާސިލްކުރަން ހިތްވަރު ދޫނުކޮށް ކުރާ ބުރަ މަސައްކަތެވެ.

އެކަމަކު ސޯޝަލް މީޑިއާ އާއި ކޮފީގައި ހޭދަކުރާ ވަގުތު ގިނަ މި ޒަމާނުގައި ކަމެއް ހާސިލްކުރަން ބޭނުންވާ ވަރަށް މަސައްކަތްނުކުރެވޭކަން، މަސްއޫދު ފާހަގަކުރި އެވެ. މިސާލު ދައްކަމުން އޭނާ ބުނީ ބައެއް މީހުން ވަކި ކަމެއް ހާސިލްކުރަން ބޭނުންވާކަން ވެސް ހާމަކުރަނީ ސޯޝަލް މީޑިއާގައި ކަމަށެވެ. އެއީ ވަރަށް ރަނގަޅު ވާހަކައެކެވެ.

ސަރުކާރުގެ މުވައްޒަފުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފެށުމުގެ ރަސްމިއްޔާތުގައި މަސްއޫދު ބައެއް މީހުންގެ ސުވާލުތައް އަޑުއަހަނީ: އޭނާ ގެންދަނީ އެތައް ތަނެއްގައި ހިތްވަރުދިނުމުގެ ވާހަކަ ދައްކަމުން

"ސޯޝަލް މީޑިއާގައި، ފޭސްބުކްގައި ޖަހާލަނީ މިވެނި ކަމެއް ހާސިލްކުރަން ބޭނުމޭ،" މަސްއޫދުގެ ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ.

"މި އަންނަ އަހަރު ބަލާއިރު ވެސް ހަމަ އޭތި، ކުރީ އަހަރު ވެސް ހަމަ އެ ވާހަކަ ލިއެފައި. ވާހަކަ ދައްކައިގެން، ހުވަފެން ދެކިގެން، މީހުން ކައިރީ އެ ވާހަކަ ކިޔައިގެން އެއްވެސް ކަމެއް ހާސިލެއް ނުވާނެ. ހާސިލްވާނެ ހަމައެކަނި ގޮތަކީ މަސައްކަތްކޮށްގެން." 

ކަމެއް ކުރަން ވަގުތެއް ނުވެއޭ ގިނަ މީހުން މިހާރު ބުނެލާ އިރު މަސްއޫދު ސުވާލުކުރީ 'ނެތިގެން މި އުޅެނީ ކޮން ވަގުތެއްތޯ" އެވެ.

"ކިހާ އިރެއް ޓީވީ ބަލަން، ސޯޝަލް މީޑިއާގައި [ހޭދަކުރަނީ]،" މަސްއޫދު ބުންޏެވެ.

"ފޭސްބުކްގައި ނުބަލާ އެއްޗެއް ނޯންނާނެ، ބެހުނަސް ނުބެހުނަސް. ރޮނާލްޑޯއާ ވެސް ބެހޭނެ."

އެކަމަކު އޭނާ ބުނީ އެ ވަގުތު ފައިދާ ހުރި ކަމަކަށް ހޭދަކުރަން އެބަ ޖެހޭ ކަމަށެވެ.

ދަރިވަރުން ބުނީ ތައްޔާރޭ

މަސްއޫދުގެ ތައުލީމީ ހަޔާތާއި އޭގެ ފަހުން އާންމުންގެ ކުރިމައްޗަށް ޓީވީގެ ތަފާތު ޕްރޮގްރާމްތައް މެދުވެރިކޮށް ނުކުމެ އެތައް ބައެއްގެ ލޯބި ހޯދި އެވެ. މިހާރު އޭނާއަކީ މަސައްކަތުގެ ދާއިރާގައި މީހުންނަށް މަގުދައްކައިދިނުމާއި، ހިތްވަރު ހޯދުމާއި ކާމިޔާބާ ހަމައަށް ވާސިލްވާނެ ގޮތްތައް ކިޔައިދިނުމުގެ ދާއިރާގައި ހީވާގި ފަންނުވެރިއެކެވެ. އޭނާގެ ބަހުން ނަމަ މަހަކު މަދުވެގެން ތިން ފަހަރު ކޮންމެވެސް ތަނެއްގައި ވާހަކަ ދައްކަން ނުޖެހި މިދިއަ 15 އަހަރު އޭނާއަށް ހޭދަކުރެވިފައެއް ނެތެވެ.

އީޕީއެސްގެ ދޮރުން އޭނާ ބޭރުވި އިރު ވެސް އެއީ ދަރިވަރުންގެ މެދުގައި މަޝްހޫރު ނަމެކެވެ. އޭނާގެ ވާހަކަ ދެއްކުން ސާފުވެފައި ރީއްޗެވެ. އެކަމަކު އެހާ ހިސާބަށް އޭނާއަށް ދެވުނީ އެ ދުވަހު ސްޓޭޖަށް އަރައި ބިރުން ވާހަކަ ނުދެއްކިގެން ފައިބަން ޖެހުނު ލަދުވެތިކަމާ އެކު ވެސް އެ ރޮނގުން ކުރިއަށް ދާން ކުރި މަސައްކަތުންނެވެ. އެއީ އޭނާގެ ހިތުގެ އަޑިން ގަބޫލުކުރި ހުނަރެކެވެ. ކުރިއަށް ދާން ބޭނުންވި ދާއިރާއެކެވެ. އަދި އޭގެ އެންމެ މަތިން ހާސިލްވާނެކަމަށް ހިތުއެޅި ހުނަރެކެވެ.

  • މި އަހަރުގެ ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވާ ބައެއް ދަރިވަރުން: މޮޅު ވާހަކަދެއްކުންތެރިންނަށް ވާން މި ކުދިން ބޭނުންވޭ
  • ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ދަރިވަރުން ވާހަކަ ދައްކާތަން ބަލަން ޓީޗަރުން
  • ގައުމީ ވާހަކަދެއްކުމުގެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކަޑަމީގެ އިސް ވެރިން

"ވާހަކަދެއްކުންތެރިކަމަކީ ހުރިހާ ދިރާސާތަކުން ވެސް އެނގޭ ގޮތުގައި މީހުން އެންމެ ބިރުގަނެ ޖެހިލުންވާ އެއް ކަންތައް، ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް،" މަސްއޫދު ބުންޏެވެ.

"އެއީ ފަސޭހަ ކަމެއް ނޫން. ފަސޭހަ ކަމެކޭ ބުނާ ނަމަ އެ ހަދަނީ ދޮގެއް."

މި އަހަރުގެ ގައުމީ މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުގެ ދަރިވަރުންނަށް އޭނާ ބުނީ، ވާހަކަދެއްކުންތެރިއަކަށް ވާން ޖެހޭނީ އަމިއްލައަށް ބޭނުންވެގެން ކަމެވެ. އެގޮތަށް ބޭނުންތޯ ސުވާލުކުރުމުން، ހުރިހާ ކުދިން އަތް މައްޗަށް ނެގި އެވެ. އަދި އެވަރަށް މަސައްކަތްކުރަން ބޭނުންވާ ކުދިން ކޮޅަށް ތެދުވެލަން އެދުމުން، ހުރިހާ ކުދިން ވެސް ތެދުވި އެވެ.

"މި ކުދިންގެ މޫނަށް ބައްލަވާލައްވާ،" ދިވެހި ބަހުގެ އެކަޑަމީގެ ވެރިންނަށް އިޝާރަތްކުރައްވާ މަސްއޫދު ބުންޏެވެ.

"އެއީ އެ ތިން ޝަރުތު ހަމަވާ ކުދިން. ތި ގޮތުގައި ދެމިތިބިއްޔާ ﷲގެ އިރާދަފުޅުން ތިޔަ ކުދިންނަށް މޮޅު، އަޅުގަނޑުމެން ފަހުރުވެރިވާ ފަދަ ވާހަކަދެއްކުންތެރިންނަށް ވެވޭނެ."

ކޮމެންޓް (4)

ފިލިކޯޅި

17 މޭ 2022
ނަމޫނާއަކަށް ބަލައިގެން ކުރިއަށްދާން ބޭނުން ސަހުޝިއްޔަތެއް މިއީ، ވަރަށް ތަފާތު ޕަރސަނަލިޓީއެއް، ހެޔޮ ދުޢާއާއި ސަލާމް، ހެޔޮ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި
5 0

މުޙައްމަދު

17 މޭ 2022
ރީކޯ މޫސަ ވެސް ލިސްޓު ގާ ހިމަނާލި ނަމަ. ސަޅި ލިޔުމެއް. ހިރިގާ އަދިވެސް މޮޅޭ ދޯ
4 0

މަސްތޫރު

19 މޭ 2022
@މުޙައްމަދު ކޮން ހިރިގާ އެއްގެ ވާހަކަބާ؟
0 0

ހ. ހުސައިން

17 މޭ 2022
ސާފުކޮށް ބުނާއެއް ދޭހަވާގޮތަށް ބުނުމުގެ ގާބިލުކަށް ލިބިފައިވާ ބޭފުޅެއް މަސްއޫދަކީ. ހެޔޮރަހުމަތް ލައްވާށި
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް