ފޭދޫ ސްކޫލުގެ ރަން ޔޫބީލް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާ. (ފޮޓޯ/ރައީސް އޮފީސް)

ޑރ. އައިޝަތު އަލީ

ފޭދޫގެ އާ ސްކޫލު ވަރަށް އަވަހަށް ހިޔާލަކުން ބިނާއަކަށް ބަދަލުވާނެ: މިނިސްޓަރު

ފޭދޫގައި އާ ސްކޫލެއް އެޅުމަށް މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައި
13 ޖެނުއަރީ 2023

ސ. ފޭދޫ - އައްޑޫ ފޭދޫ އާ ސްކޫލުގެ ބިންގާ ވަރަށް އަވަހަށް އެޅޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފޭދޫ ސްކޫލުގެ ރަން ޔޫބީލް ފާހަގަކުރަން އެ ސްކޫލުގައި ހާއްސަ ޖަލްސާއެއް ވަނީ ބާއްވާފަ އެވެ. އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ބުނީ ކީކޭ؟ - އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ އޭނާ މިދިޔަ އަހަރުގެ މާޗުގައި ރައީސް އަރިހުގައި މި ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމުން، އެންމެ ބޮޑަށް ބޭނުންވާ ކަމެއްގެ ގޮތުގައި ހުށަހެޅީ، އާ ސްކޫލެއް އެޅުމެވެ.

"އެމަނިކުފާނު ރައްޔިތުންގެ މި އަޑު ހަނދުމަހުރި ކަމުގެ ހެއްކަކީ 2023 ވަނަ އަހަރުގެ ބަޖެޓުގައި ފޭދޫގައި އާ މަދަރުސާއެއް ބިނާކުރަން ހިމަނުއްވާފައިވާކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ފޭދޫ ސްކޫލުގެ ރަން ޔޫބީލް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާ. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - ޑރ. އައިޝަތު ވިދާޅުވީ މިއީ ފޭދޫގެ މުސްތަގްބަލުގެ ކުޑަކުދިންނާއި ޒުވާނުންނަށް ވެސް ލިބޭނެ އުފާވެރިކަމެއް ކަމަށެވެ.

"ފޭދޫއަށް ބޭނުންތެރި މި މަޝްރޫއު ހިޔާލަކުން ބިނާއަކަށް ބަދަލުކުރުމަށް ބޭނުންވާ ފައިސާ ދެއްވި ކަމަށްޓަކައި، މިކަން މި އަހަރުގެ ބަޖެޓުގައި ހިމަނައިދެއްވި ކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންގެ ނަމުގައި އަދި އަޅުގަނޑުގެ ނަމުގައި ރައީސްއަށް ޝުކުރާއި މަރުހަބާ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އާ ސްކޫލު ފަރުމާ ކުރާނީ މިހާރުގެ ބޭނުންތަކަށް އަމާޒުކޮށް ކަމަށެވެ. އެގޮތުން އެ ތަނުގައި:

  • ވޯކްޝޮޕާއި ލެބޯޓްރީތައް ހުންނާނެ

  • ކެންޓީން ފަދަ ތަންތަން ހުންނާނެ

  • ކުޑަކުދިން ގަސް ހައްދައި، ކުޅިވަރު ކުޅޭނެ ޖާގަ އޮންނާނެ

"އަޅުގަނޑު އުންމީދުކުރަނީ މި ހިތްގައިމު މަދަރުސާގެ ބިންގާ، ހެޔޮ އިރުވަރެއްގައި، ވަރަށް އަވަހަށް އެޅިގެންދާނެ ކަމަށް. އަދި މިކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް