މީގެ ކުރީގެ ޝަރީއަތުގެ މަޖިލީހެއްގައި ހަލީމަތު ލަމްހާ

މޭރީގެ މަރު

ލަމްހާ ހުށަހެޅި ޑޮކްޓަރާއި ނޫސްވެރިޔާ ހެކީގެ ގޮތުގައި ބަލައިނުގަންނަން ނިންމައިފި

އަންމަ މަހުގެ 4 ވަނަ ދުވަހު މައްސަލައިގެ ޝަރީއަތް ފަށަން އަންނަނީ މަސައްކަތް ކުރަމުން
21 ސެޕްޓެމްބަރު 2022

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި މައްސަލާގައި އެކަމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ ފަރާތުން ހުށަހެޅި ދިފާއީ ދެ ހެއްކެއް ބަލައިނުގަތުމަށް ޝަރީއަތުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ލަމްހާގެ މައްސަލާގައި މިއަދު އޮތީ، ދެ ފަރާތުން ވެސް ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ މެދު ގޮތް ނިންމުމެވެ. ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ދައުލަތުން އެދުނީ ލަމްހާގެ ފަރާތުން ހުށަހެޅި ހެކިތަކެއް ބަލައިނުގަތުމަށެވެ. ލަމްހާގެ ފަރާތުން އެދުނީ ފަސް ލިޔުމެއް ހާމަކޮށްދިނުމަށެވެ.

އެނގުން މުހިންމު - ލަމްހާގެ މައްޗަށް ކޮށްފައިވާ ތިން ދައުވާ އިން ދިފާއުވުމަށް އޭނާ 11 ހެއްކެއް ހުށަހަޅާފައި ވާއިރު، ދައުލަތުން ވަނީ ދައުވާތައް ސާބިތުކުރުމަށް 110 ހެއްކެއް އޭނާއާ ދެކޮޅަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި 74 ޝަފަހީ ހެއްކެއް އަދި 36 ކިތާބީ ހެއްކެއް ހިމެނެ އެވެ.  

ތަފްސީލް - މިއަދު އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ ލަމްހާގެ ފަރާތުން ހުށަހެޅި ދިފާއީ ދެ ހެއްކަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހެކިތަކެއް ނޫންކަމަށް ކަނޑައަޅުއްވައިފަ އެވެ.

އެ ދެ ހެއްކަކީ:

1. ޑރ. ޔޫސުފް ޝާން

2. ސަން އޮންލައިންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ

ޑރ. ޔޫސުފް ޝާން ހެއްކެއްގެ ގޮތުގައި ހުށަހެޅީ، މޭރީ ގްރޭސްގެ ކޭސް އަކީ މެޑިކޯ ލީގަލް ކޭސް އެއް ކަމަށް ނުބެލެވޭތީ އެ ފަދަ ރެކޯޑެއް ފުރާފައި ނުވާ ކަމަށް ބުނެ، އޭނާ ސޮއިކުރައްވާފައިވާ އައިޖީއެމްއެޗްގެ ސިޓީއަކާ ގުޅޭ ގޮތުން ސުވާލުކުރުމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެ ސިޓީގެ އެއްވެސް ހިސާބެއްގައި ޑރ. ޔޫސުފް ޝާން މޭރީ ބެއްލެވި ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ހަމައެއާ އެކު، މެޑިކޯ ލީގަލް ރެކޯޑެއް ފުރާފައި ނުވާ ސަބަބު ވެސް ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއީ ދިފާއީ ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ ހެއްކެއް ނޫން ކަމަށް ކަނޑައެޅުއްވި އެވެ.

ލަމްހާގެ ހެއްކެއްގެ ގޮތުގައި ނޫސްވެރިޔާ ސާއިލް ހުށަހެޅީ، ސަން އޮންލައިން އަށް ލަމްހާ ދިން އިންޓަވިއު ރެކޯޑިން ފުލުހުން ނެގި ގޮތެއް ސާފުކުރުމަށެވެ. އެ ރެކޯޑިން އަކީ ދައުލަތުން މައްސަލަ ސާބިތުކުރަން ވެސް ހުށަހަޅާފައިވާ ހެއްކެކެވެ.

ގާޒީ ވިދާޅުވީ އެ ހެކީގެ ސައްހަ ކަމާ މެދު ދިފާއުން ސުވާލުއުފައްދާފައި ނުވާ ކަމަށާއި ޝަރީއަތަށް އެ ހެކި ބަލައިގަނެވޭނެ ކަމަށެވެ.

ގާޒީ ވިދާޅުވީ، ލަމްހާގެ ފަރާތުން ހުށަހެޅި އިތުރު ހެކިތަކެއް ބަލައިނުގަތުމަށް ދައުލަތުން އެދުނު ނަމަވެސް، ހެކިތައް ޝަރީއަތަށް ބަލައިގަންނަން ނުޖެހޭ ހަރުދަނާ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. 

ލަމްހާގެ ފަރާތުން ހާމަކޮށްދިނުމަށް އެދުނު ހެކިތައް:

1. ދިވެހި ދައުލަތާއި އިންޑިއާ ސަރުކާރާ ނުވަތަ ކަމާގުޅޭ މުއައްސަސާއަކާ ދެމެދު ސޮއިކޮށް އެއްބަސްވެފައިވާ މިއުޗުއަލް ލީގަލް އެސިސްޓަންސް ޑޮކިއުމަންޓްތައް

  • ދައުލަތުން ބުނީ އެފަދަ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކޮށްފައި ނުވާ ކަމަށާއި އެފަދަ ލިޔެކިޔުންތަކެއް ނެތް ކަމަށެވެ. އެހެންކަމުން ނެތް ލިޔުންތަކެއް ހާމަކުރަން އަމުރުނުކުރެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ.

2. ފުލުހުންގެ ފަރާތުން އުދުހޭކޮކާ ގެއިން ސީސީޓީވީ ފުޓެޖްތައް ނެގުމަށް ކްރިިނަލް ކޯޓުން ދޫކުރި އަމުރުތައް

  • އެފަދަ ކޯޓު އަމުރެއް ހޯދާފައި ނުވާނެ ކަމަށް ދައުލަތުން ބުނާތީ ނެތް ލިޔުމެއް ހާމަކުރަން ނޭންގޭނެ ކަމަށް ޝަރީއަތުން މިއަދު ނިންމި އެވެ.

3. މޭރީ އައިޖީއެމްއެޗް އަށް ގެންދިޔަ ހިސާބުން ފެށިގެން އެ ހޮސްޕިޓަލުން ދިން ފަރުވާ އާއި ކުރިއަށް ގެންދިޔަ މެޑިކަލް ޕްރޮސީޖާތަކާއި މެޑިކަލް ޗާޓުތައް

ދައުލަތުން ބުނީ މޭރީއަށް ދިން ފަރުވާއާއި ބޭސްތަކާއި މޭރީ ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާގެ ހާލަތާއި އޭނާއަށް ދިން ފަރުވާއާ ގުޅިގެން ހާލަތަށް ބަދަލެއް އައިކަން ނުވަތަ ނޫންކަން، ފަރުވާ ކުރިއަށް ގެންދިޔަ ސަބަބާއި އަދި ވަކި ހިސާބަކުން ފަރުވާ ހުއްޓާލަން ނިންމި ސަބަބާއި އެހެނިހެން މައުލޫމާތު ވެސް، ބަޔާންތަކުންނާއި މޭރީގެ ޑެތު ސަމަރީ އާއި ސީޓީ ސްކޭން އިން އެނގެން އޮންނަ ކަމަށެވެ.

ހަމަ އެއާ އެކު އިތުރު ރިޕޯޓެއް އައިޖީއެމްއެޗް އިން ދޫކޮށްފައި ނުވާ ކަމަށެވެ.

ދައުލަތުގެ ރައްދާ ގުޅިގެން ޝަރީއަތުން ބުނީ ލަމްހާގެ ފަރާތުން ހޯދަން އެދުނު ޗާޓުތައް ނެތް ކަމަށް ދައުލަތުން ބުނެފައި ނުވާ ކަމަށެވެ. އަދި އެފަދަ ޗާޓުތަކެއް ހުރި ނަމަ ދިފާއުއަށް އެތަކެތި ފޯރުކޮށްދޭން ޖެހޭނެ ކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން އެފަދަ ޗާޓުތަކެއް ތައްޔާރުކޮށްފައިވާ ނަމަ، އެ ތަކެތި ދިފާއަށް ފޯރުކޮށްދިނުމަށް ހަތް ދުވަހުގެ ތެރޭގައި އެ ލިޔުންތައް ކޯޓަށް ހުށަހަޅަން ގާޒީ އެންގެވި އެވެ. އެފަދަ ލިޔުންތަކެއް ނެތް ނަމަ އެކަން ވެސް ހަތް ދުވަހުގެ ތެރޭގައި ކޯޓާ ހިއްސާކުރަން އެންގެވި އެވެ. 

4. އައިޖީއެމްއެޗްގައި މޭރީގެ މެޑިކަލް ކަންކަމުގައި ހަރަކާތްތެރިވި ހުރިހާ ނަރުހުންގެ މައުލޫމާތު

  • ޝަރީއަތުން ނިންމީ އެއީ މިހާރު ވެސް މައްސަލައިގައި ހުށަހަޅާފައިވާ ބަޔާންތަކުން އެނގެން ހުރި މައުލޫމާތު ކަމަށް ވާތީ، ދިފާއުގެ އެ ހުށަހެޅުން ބަލައިގަނެވެން ނެތް ކަމަށެވެ.

5. ލަމްހާގެ ގެއިން ފެނުނު ބޭސްތަކުގެ ބެޗް ނަންބަރު ރާއްޖެ އެތެރެކުރި ތަފްސީލުތައް އެނގޭ ކަސްޓަމްސްގައި ހުރި މައުލޫމާތު

  • ޝަރީއަތުން ބުނީ ލަމްހާގެ ގެއިން ފެނުނު ބޭސްތަކަކީ ބޭސްފިހާރައަކުން ގަންނަން ނުލިބޭ އަދި ހޮސްޕިޓަލު ފިޔަވައި އެހެން ތަނެއްގައި ބޭނުންކުރުން މަނާ އެއްޗަކަށްވާ އިރު، ބެޗު ނަންބަރު ހޯދުމުން އެ ބޭސްތަކަކީ ހޮސްޕިޓަލު ނޫން ތަނެއްގައި ބެހެއްޓުން ހުއްދަ ނުވާނެ ބޭސްތަކެއް ކަމަށެވެ. އަދި އެއީ އެސްޓީއޯއިން ވިއްކާފައިވާ ބޭސްތަކެއް ކަމާއި ލަމްހާގެ ގެއިން ފެނުނު ބޭސްތަކާއި އައިޖީއެމްއެޗް އަށް ވިއްކި ބެޗު ނަންބަރު ދިމާވާ ކަމަށެވެ. އެހެންކަމުން އެ ހުށަހެޅުން ވެސް ބަލައިނުގަންނަން ޝަރީއަތުން ނިންމި އެވެ.

އެއަށް ފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލައިފަ އެވެ. ގާޒީ ވިދާޅުވީ ދެން އޮންނާނީ މައްސަލައިގެ ޝަރީއަތް ފެށުން ކަމަށާއި އޮކްޓޫބަރު 4 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ލަމްހާގެ މައްޗަށް ކުރާ ދައުވާތައް

އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ: 110 ހެކި ހުށަހެޅި އިރު، އޭގެ ތެރޭގައި ހިމެނެނީ 74 ޝަފަހީ ހެކި 36 ކިތާބީ ހެކި

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ: ޖުމްލަ 18 ހެއްކެއް ހުށަހެޅި އިރު އޭގެ ތެރެއިން 11 ހެއްކަކީ ޝަފަހީ ހެކި އަދި ހަތް ހެއްކަކީ ކިތާބީ ހެކި

ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ: ޖުމްލަ 18 ހެއްކެއް ހުށަހެޅި އިރު އޭގެ ތެރެއިން 11 ހެއްކަކީ ޝަފަހީ ހެކި އަދި ހަތް ހެއްކަކީ ކިތާބީ ހެކި

އިތުރު އާޓިކަލް

އިތުރު އާޓިކަލް