އަބްދުއްރަހީމް، މިއަދު މާލޭގައި އިދިކޮޅުން ބޭއްވި ހިނގާލުމުގައި ވާހަކަދައްކަވަނީ: ރައީސް ސޯލިހުގެ ކެމްޕެއިންގައި އެމްޑީޕީ މީހަކު ނެތް ކަމަށް ވިދާޅުވި. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ސިޔާސީ

ރައީސްގެ ކެމްޕެއިންގައި އޮތީ ޑީއާރުޕީ ފެކްޝަން: އަބްދުއްރަހީމް

ރައީސް ސޯލިހުގެ ކެމްޕެއިންގައި ރޭ ވާހަކަދެއްކެވި ޑީއާރުޕީގެ ކުރީގެ ލީޑަރު ތަސްމީނަށް އަބްދުއްރަހީމް ވަރަށް ބޮޑަށް ފާޑުވިދާޅުވި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންނަށް އިޝާރާތްކުރައްވައި، އެ ކެމްޕެއިންގައި އެމްޑީޕީ މީހަކު ނެތް ކަމަށާއި ތިބީ ޑީއާރުޕީ މީހުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން 1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވިކަން ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާ ދެކޮޅަށް އިދިކޮޅުން މިއަދު ހަވީރު މާލޭގައި ބޭއްވި ހިނގާލުމުގައި ވާހަކަދައްކަވަމުން ރައީސަށް ބަހުގެ ހަމަލާތަކެއް ދެއްވުމަށް އަބްދުއްރަހީމް އެއް ކަމަކަށް ނެންގެވީ އެމަނިކުފާނުގެ ކެމްޕެއިނުން ފެންނަ ބައެއް ބޭފުޅުންނެވެ.

ކުރިން ޑީއާރުޕީގައި އިސްކޮށް އުޅުއްވުމަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައީސްގެ ކެމްޕެއިންގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ އިރު، އެ ކެމްޕެއިނުގެ ރޭގެ ޖަލްސާގައި ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ތަސްމީން ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި ރޭ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ތަފްސީލް - އަބްދުއްރަހީމް ވިދާޅުވީ ޔާމީން އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވައި ކާމިޔާބުކުރައްވާނެ ކަމަށާއި ރައީސް ސޯލިހުގެ "ނިމުން ކައިރިވީ" ކަމަށެވެ.

ބުނީ ކީކޭ؟ - "[ރައީސް ސޯލިހުގެ] ކެމްޕެއިން ފެއްޓެވި އިރު ކިހިނެއްތޯ ވީ؟ އެމްޑީޕީގެ މީހަކު ނެތޭ އެތާކު. ޑީއާރުޕީ ފެކްޝަން އެތާ އޮތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އިބްރާހީމް މުހައްމަދު ސޯލިހުގެ ނިމުން ކައިރިވީ. ތަސްމީނާއި އަބްދުﷲ ޝާހިދާ އެއީ ކޮން ބައެއްކަން މި ރާއްޖޭގެ ރައްޔިތުންނަށާއި އެމްޑީޕީއަށް އެނގޭ." 

ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި އެ ކެމްޕެއިނުގެ އިސް ބައެއް ބޭފުޅުން ރޭ ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން)

'ތަސްމީނަށް ތިހިރީ ވެލިކާންދީފައި'

ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާތައް ބާއްވަމުން އަންނަ 'ދަނޑިކޮށި' ޖަގަހައިގައި ވާހަކަދައްކަވަމުން ތަސްމީން ރޭ ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ސަފީރުގެ މަގާމަށް މިދިޔަ އޮގަސްޓް މަހު އައްޔަންކޮށްފައިވާ ތަސްމީން ވިދާޅުވީ އޭނާ ރައީސް ސޯލިހުގެ ކެމްޕެއިނާ ގުޅިވަޑައިގަތީ ޔާމީންގެ "އަނިޔާވެރި، ހުދުމުހުތާރު، ބޭއިންސާފު، ކޮރަޕްޓް" ވެރިކަމުގައި އެތައް ބަޔަކަށް ކުރިމަތިލާން ޖެހުނު އަނިޔާ އާއި ދަތިތަކުގެ ހަނދާން ހިތުގައި ހުރިލެއް ބޮޑުކަމުން ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމް މިއަދު ވަނީ ތަސްމީން އެފަދަ "ވިޔާނުދާ، ތާކުންތާކުނުޖެހޭ ވާހަކަ ނުދައްކާ" ގޭގައި ހުންނެވުމަށް ގޮވާލައްވައިފަ އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދިވެހި ރައްޔިތުން ތަސްމީން ދައްކާ ވާހަކަ އަޑެއް ނާހާނެއޭ. ދިވެހި ރައްޔިތުން ތަސްމީނަށް ވެލިކާންދީފައޭ ތިހިރީ،" ޑީއާރުޕީގެ ކުރީގެ ލީޑަރުގެ ސިޔާސީ ވެއްޓުމަށް އިޝާރާތްކުރައްވައި އަދި ކުރިން ތަސްމީން ވިދާޅުވި ބަހެއް އަނބުރާ އޭނާއަށް އަމާޒުކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ފަސްމަންޒަރު - ތަސްމީން "ވެލިކާން" ދެއްވަން އުޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގެ ތެރެއިން ޖެނުއަރީ 2012ގައި ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި އެއްވުމެއްގައި ވާހަކަދައްކަވަމުން، އެ ސަރުކާރަށް "ޖެހޭނީ ވެލިކާން، ވެލިކާން، ވެލިކާން" ކަމަށް ތަސްމީން ވިދާޅުވި ގަދަބަސް މަޝްހޫރުވެ، އޭގެ ފަހުން ސިޔާސީ ކަންކަމުގައި ރައްދު ދިނުމަށް އެކި ފަރާތްތަކުން އެ ބަސް ބޭނުންކުރެ އެވެ.

ރާއްޖޭން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް 25 އޮގަސްޓް 2022ގައި ތަސްމީން އަލީ ހަމަޖެއްސެވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ތަސްމީން ރޭ ވިދާޅުވީ އަންނަ އަހަރުގެ އިންތިހާބުގައި އެންމެ ބޮޑަށް ވިސްނަންވީ ޔާމީންގެ ވެރިކަމުގެ ބޭއިންސާފާއި އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ސިފަތައް އިއާދަވިޔަނުދިނުމަށް ކަމަށާއި އެކަމަށްޓަކައި އޮތް އިހުތިޔާރަކީ ރައީސް ސޯލިހު ކަމަށެވެ. އަދި ރައީސަށް ތައުރީފްކުރައްވައި، އެމަނިކުފާނު ވަނީ ހެޔޮ ވެރިކަމެއް ކުރައްވައި، ރައްޔިތުންނަށް ތަރައްގީ އާއި ހިދުމަތްތަކާއި ލުއިފަސޭހަތައް ގެނެސްދެއްވާފައި ކަމަށް ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރެއްވުމުގެ ސިޔާސީ ވިސްނުމާއި ހިކުމަތްތެރިކަން ވެސް ރައީސް ސޯލިހުގެ ކިބައިގައި ހުރިކަން ޔަގީންވާ ކަމަށެވެ.

އަބްދުއްރަހީމް އެއަށް ރައްދު ދެއްވައި ވިދާޅުވީ އިންތިހާބު ކާމިޔާބުކުރައްވާނީ ޔާމީން ކަމަށެވެ.

"ރައީސް ޔާމީނާ ކުޅެވޭ ވަރުގެ ސިޔާސީ ލީޑަރެއް ރާއްޖެއަކު ނެތްކަން މި އޮތީ މި މަގުމަތިން ފެންނާށޭ،" ހިނގާލުމުގެ ބައިވެރިންނަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގޮންޖަހާފައި މި ދަންނަވަނީ. ނިކަން އިބްރާހީމް މުހައްމަދު ސޯލިހު މާލޭގެ މަގެއްގެ މައްޗަށް މިވަރުގެ ކްރައުޑެއް އެއްކޮށްލަބަލަ!" 

އިތުރު އާޓިކަލް

އިތުރު އާޓިކަލް