ޔާމީން އާއި މައުމޫންގެ ގުޅުން ގޯސްވުމުގެ ކުރިން ދެބޭފުޅުން ރައީސް އޮފީހުގައި 2014 ނޮވެމްބަރުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ޔާމީންގެ ވާހަކަތަކުން އަނިޔާވެރިކަން ފެނޭ، އެމްއާރުއެމުން އެދެނީ ތަހުގީގަކަށް

ޔާމީންގެ ވެރިކަން ވައްޓާލުމަށް މައުމޫން މަސައްކަތް ކުރެއްވި ކަމަށް ދެއްކެވި ވާހަކައަށް ވެސް ޕާޓީއިން ރައްދު ދިން

ވެރިކަން ލިބިއްޖެ ނަމަ ދެން ވެސް އިސް ކުރައްވާނީ އަނިޔާވެރިކަން ކަމަށް ދޭހަވާ ގޮތަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތައް ތަހުގީގު ކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން މިރޭ ގޮވާލައިފި އެވެ. 

ވީ ކިހިނެއް؟ - ކުރީގެ ރައީސް އަދި ޔާމީންގެ ބޮޑުބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމުގެ ޕާޓީއިން މި ތުހުމަތު ކުރީ، އިއްޔެ ޕީޕީއެމުން ބޭއްވި ބައްދަލުވުމެއްގައި، ޔާމީން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.

މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ފާތިމަތު ނާޒިމާގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ވިލިމާލޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ:

  • މަގާމުގައި އަބަދު ނުތިބެވޭނެ ކަމާއި ހާލަތު ބަދަލުވާ ދުވަހު ޖަލަށް ދާން ޖެހިދާނެ ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރު ދެއްވާފައި

  • ފުލުހުންނާއި ސިފައިންނާއި ކޯޓުތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި

ބުނީ ކީކޭ ؟- އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނިގޮތުގައި ޔާމީންގެ ވާހަކަތައް ހުރީ، ދެންވެސް ވެރިކަން ލިބިއްޖެ ނަމަ އަނިޔާވެރިކަން އިސްކޮށް، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި، ކޯޓުތަކުގެ ހުރުމަތް ކަނޑާލައި، ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިން ދިގު މުއްދަތަކަށް ޖަލަށް ލާނެ ކަމަށް ދޭހަވާ ފަދަ ގޮތަކަށެވެ.

"[އެ ވާހަކަތައް] މި ޕާޓީއިން ކުއްވެރިކުރަމެވެ. އަދި މިވާހަކަތައް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލަމެވެ."  ބަޔާނުގައި އެ ޕާޓީއިން ބުންޏެވެ.

އިއްޔެ ޔާމީން ދެއްކެވި ވާހަކައިގައި މައުމޫނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން:

  • ފެބުރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ، މައުމޫނުގެ އިސްކޮށް ހުންނަވައި ސަރުކާރު ވައްޓާލަށް އުޅުނު ކަމަށް

  •  މައުމޫން ހައްޔަރުކޮށް ޖަލަށްލީ، ދައުލަތް ވައްޓާލަން އުޅުނު ކަމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން  ކަނޑައެޅުމުން އެކަން ކުރަން މަޖުބޫރުވެވަޑައިގެން ކަމަށް

ފާތިމަތު ނާޒިމާގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ވިލިމާލޭގައި އިއްޔެ ހަވީރު ބޭއްވި ޖަލްސާގައި އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ(ފޮޓޯ/ޕީޕީއެމް)

 ޔާމީން ވިދާޅުވި ގޮތުގައި އާއިލާގެ މީހެއް ނަމަވެސް، ދައުލަތުގެ ހައްގަކަށް އަރައިގަތުމުން، ރައްޔިތުންގެ ހައްގުގައި ފިޔަވަޅު އެޅުމަކީ ދައުލަތް ހިންގަވަން ހުންނަ ބޭފުޅަކު އަޅުއްވަން ޖެހޭނެ ފިޔަވަޅެކެވެ. 

'ވެރިކަން ވައްޓާލަން މައުމޫން ކަމެއް ނުކުރައްވާ'

ކޮއްކޯފުޅުގެ މި ތުހުމަތުތައް ދޮގުކުރައްވައި، މައުމޫންގެ ޕާޓީގެ ބަޔާނުގައި ބުނީ އެ ވެރިކަން ވައްޓާލުމަށް މައުމޫން އެއްވެސް އިރެއްގައި މަސައްކަތް ނުކުރައްވާ ކަމަށެވެ. އެކަމަކު ޔާމީނަށް ވެރިކަމަށް ވަޑައިގަނެވުނީ، މައުމޫންގެ ތާއިދާއި ބުރަ މަސައްކަތާ އެކުގައި ކަމުން، ސަރުކާރުގެ އެތެރޭގެ ކަންކަން ހަމައަށް އެޅުވުމަށް، ސަރުކާރާއި ޕާޓީގެ އެތެރެއިން އަދި ފަހުން ބޭރުން ވެސް މަސައްކަތް ކުރެއްވި ކަމަށް ބުންޏެވެ.

އެމްއާރުއެމުން ބުނިގޮތުގައި ޔާމީން ދޫކުރައްވައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫން، އެހެން ސިޔާސީ ލީޑަރުންނާއިއެކު ކޯލިޝަން ހައްދަވައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ ޔާމީންގެ އަމަލުތައް ބެހެއްޓެވި ގޮތުންނެވެ. އެގޮތުން:

  • ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބާރު ކަނޑުވާލުން

  • ކޮރަޕްޝަނާއި އަނިޔާވެރިކަން އިސްކުރުން

  • ގައުމު ހަމަ މަގުން ކައްސާލައިގެން ދާން ފެށުމުން އެކަންކަން އިސްލާހު ކުރުމަށް މައުމޫން ކުރެއްވި މަސައްކަތް ނާކާމިޔާބުވުން

މައުމޫން ހައްޔަރު ކުރެއްވީ، ޔާމީން ނޫން ކަމަށް ދޭހަވާ ގޮތަށް ދެއްކެވި ވާހަކައަށް ރައްދުދީ، އެމްއާރުއެމުން ބުނީ އޭރު ސަރުކާރުގެ ބާރުތަކާއި ނުފޫޒު އޮތް ގޮތުން އެއީ ސީދާ ޔާމީންގެ ނިންމެވުމަކަށް ނުވެ ހިނގައިދާނެ އެއްގޮތެއް ވެސް ނެތް ކަމަށެވެ. އަދި މިއަދު އެކަމުން ރެކިވަޑައިގަތުމަށް ދައްކަވާ ވާހަކައަކީ، ހަގީގީ ލީޑަރުންގެ ފަރާތުން ފެންނަ ޒިންމާ ނެގުމާއި ބީރައްޓެހި ފިނޑި ވާހަކަތަކެއް ކަމަށް އެ ޕާޓީއިން ބުންޏެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް