ބޮލީވުޑް

'ބޫލް ބުލައްޔާ 2' ކާމިޔާބުވާނެ ކަމަށް ލަފާކޮށްފި

ހުކުރުދުވަހު ފިލްމު ރިލީޒްކުރުމުގެ ކުރިން ރަނގަޅު ތަރުހީބެއް އަންނަނީ ލިބެމުން
17 މޭ 2022

ބޮލީީވުޑްގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބޭ ތަނެއް މި ފަހުން ނުފެނެ އެވެ. ބޮޑެތި ތަރިން ހިމެނޭ ފިލްމުތަކަށް ވެސް ލިބެނީ ފިނި ތަރުހީބެކެވެ. އެކަމަކު އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ 'ބޫލް ބުލައްޔާ 2' އަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ކާރްތިކް އާރިޔަން އާއި ކިއާރާ އަދަވާނީ ލީޑުން ފެންނާނެ ފިލްމުގެ ޕްރީ ބުކިންސްއަށް ބަލާ، އާމްދަނީ ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.  

'ބޫލް ބުލައްޔާ 2'ގެ ޕްރީ ބުކިންސް އިން މިހާތަނަށް 90 ލައްކަ ރުޕީސް ވަނީ ލިބިފަ އެވެ. ފިލްމު ރިލީޒް ކުރުމާ ހަމައަށް މި ހިނގާ ދުވަސްތަކުގައި އެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެގޮތުން ޕްރީ ބުކިންގްސް އިން އެކަނިވެސް 4 ކްރޯޑު ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.

އެންމެ ފުރަތަމަ 'ބޫލް ބުލައްޔާ 2' އަޅުވަން އޮތީ މިދިޔަ ޖުލައި މަހު އެވެ. އެކަމަކު އޭރު އިންޑިއާގައި ކޮވިޑުގެ ދެވަނަ ރާޅު އޮތުމާ އެކު އަހަރުގެ ފަހުކޮޅަށް ފަސްކުރި އެވެ. އަހަރު ނިމެން ދިޔައިރު ކޮވިޑުގެ ތިންވަނަ ރާޅު ބޯމަތިވެފައި އޮތުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ސިނަމާތައް ބަންދުކުރުމުން، ފިލްމު ރިލީޒް ކުރުން އަނެއްކާވެސް ފަސްކުރީ އެވެ.

'ބޫލް ބުލައްޔާ'ގެ ސީކުއެލް އަކީ އަކްޝޭ ކުމާރު އާއި ވިދްޔާ ބާލަންގެ 2017 ވަނަ އަހަރުގެ ފިލްމު ފަދައިން ހޮރޯ ކޮމެޑީ އެކެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް