އެޗްޑީސީ ހިންގާ އިމާރާތް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެޗްޑީސީ

2018ގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެޗްޑީސީއަށް 131 މުވައްޒަފުން ނެގި: އޮޑިޓް

އެ މުވައްޒަފުން ހޯދަން ބޯޑުން ފާސްކޮށްފައިވަނީ މުވައްޒަފުން އިތުރުކުރުމަށް ޑިޕާޓުމެންޓުތަކުން އެދިފައި ނުވަނީސް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވޭ

އެޗްޑީސީ އަށް މުވައްޒަފުން ހޯދުމަށް އާންމުކޮށް އަމަލު ކުރާ އުުސޫލާ ހިލާފަށް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް އާންމުކޮށް އިއުލާން ކުރުމެއް ނެތި، އެ ކުންފުންޏަށް ކުއްލިއަކަށް 131 މުވައްޒަފުން ނެގި ކަމަށް އެޗްޑީސީއާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން އެކުލަވާލި ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

ވީ ކިހިނެއް؟ -  އެ ރިޕޯޓުގައި ބުނީ، ކުންފުނިން އާންމުކޮށް އަމަލުކުރަމުންދާ އުސޫލާ ހިލާފަށް އިއުލާން ކުރުމެއް ނެތި، 2018 ވަނަ އަހަރު އޮގަސްޓް މަހުގެ ތެރޭގައި 131 މީހަކަށް، އެ ކުންފުނިން ވަޒީފާ ދީފައިވާ ކަމަށެވެ. އެގޮތުން ބުނީ:

  • މުވައްޒަފުންނަށް ވަޒީފާ ދިނުމުގެ ކުރިން ބެކްގްރައުންޑް ޗެކް ކުރުމަށް މުވައްޒަފުންގެ އަތްމަތީ ފޮތުގައި ބަޔާންްކޮށްފައި އޮތް ނަމަވެސް، އެ 131 މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި ބެކްގްރައުންޑް ޗެކުކޮށްފައި ނުވޭ

  • އެގޮތުން 81 މީހެއްގެ ވަަޒީފާ އަށް އެދޭ ފޯމާއި ވަނަވަރު، 131 މީހުންގެ ޕޮލިސް ރިޕޯޓު އަދި 116 މީހުންގެ ތައުލީމީ ސެޓްފިކެޓު ހުށަހަޅާފައި ނުވޭ. މުވައްޒަފުން ވަޒީފާ އަށް ނެގުމަށްފަހު ވެސް އެ ލިޔުންތައް ފައިލް ނުކުރޭ

  • މީގެ އިތުރުން މާކްސް ދޭނޭ އުސޫލެއް ހަދައި ހަރުދަނާގޮތަކަށް އިންޓަވިއު ޕްރޮސެސްވެސް ކުރިއަށް ނުގެންދާ ކަމަށް ފާހަގަކުރި 

  • އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނީ، އެ މުވައްޒަފުން ނަގާފައިވަނީ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ގޮތާ ހިލާފަށް

ތަފްސީލް - އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާގޮތުން އެޗްޑީސީ އަށް އިތުރަށް މުވައްޒަފުން ހޯދުމަށް 12 އޮގަސްޓު 2018 ގައި ބޭއްވި ކުންފުނީގެ ބޯޑު ބައްދަލުވުމުން ފާސް ކުރި ކަމަށެވެ. ނަމަވެސް ބޯޑުން އެގޮތަށް ފާސްކޮށްފައި ވަނީ ކުންފުނީގެ އެއްވެސް ޑިޕާޓުމެންޓަކުން އަދި ސެކްޝަނަކުން ވެސް އިތުރަށް މުވައްޒަފުން ބޭނުންވެގެން އެދިގެންކަން އެއްވެސް ލިޔުމަކުން އެނގެން ނެތް ކަމަށް އޮޑިޓްގައި ފާހަގަކުރި އެވެ. އަދި އެގޮތަށް ހުރި ލިޔުންތައް ތައްޔާރުކޮށްފައި ވަނީ ބޯޑް ބައްދަލުވުން ބޭއްވި ތާރީހުގައި ފަހުން ކަމަށް ވެސް އޮޑިޓަށް ފާހަގަވި ކަމަށް ރިޕޯޓްގައިވެ އެވެ.

މީގެ އިތުރުން މުވައްޒަފުން ނެގުމުގައި މެނޭޖުމެންޓުން އަމަލުކޮށްފައިވަނީ ބޯޑުން ފާސްކޮށްފައިވާ ގޮތާ ހިލާފަށް ކަމަށް ރިޕޯޓްގައިވެ އެވެ. އެގޮތުން ބޯޑުން ފާސްކުރީ އެޗްޑީސީގެ ކްލީނިން އަދި ގްރީނިން ސެކްޝަނަށް 150 މުވައްޒަފުން ނެގުމަށް ނަމަވެސް ބޯޑުން ފާސްކޮށްފައިވާ ގޮތާ ހިލާފަށް އެ ދެ ސެކްޝަނަށް 41 މީހުން ނެގުމަށް ފަހު، އެހެން މަގާމުތަކަށް 90 މީހުން ނަގާފައިވާކަންް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

އެކަން ރަނގަޅު ކުރުމަށް އޮޑިޓް ރިޕޯޓުގައި ލަފާދީފައިވާގޮތްތަކަކީ:

  • ކުންފުނީގެ މަސައްކަތަށް މުވައްޒަފުން ބޭނުންވާ އަދަދުތައް ކަނޑައެޅުން

  • ކުންފުނީގެެ މަސައްކަތަށް ކޮންމެހެން ބޭނުންވާ އަދަދަށް މުވައްޒަފުން ހޯދުން

  • ވަޒީފާގެ ފުރުސަތަށް ހުޅުވާލާއިިރު އާންމުކޮށް އިިއުލާނުކޮށް، އެންމެންނަށް ހަމަހަމަ ފުރުސަތު އޮންނާނެހެން ވަޒީފާ އަށް އިއުލާނު ކުރުން

  • މުވައްޒަފުން ހޮވާއިރު ހަރުދަނާ އިންޓަވިއު ޕްރޮސެސް އެއް ކުރިއަށް ގެންދިޔުން

  • މުވައްޒަފުންގެ މައުލޫމާތުތައް ހަރުދަނާގޮތެއްގައި ބެލެހެއްޓުން

ކޮމެންޓް (3)

އާދަނޭ

3 ޖެނުއަރީ 2023
ޔާމީނު ރާއްޖެ ގެންގުޅުނީ ބައްޕަ ވިޔަފާރިވެސް ނުގެންގުޅޭނެހާ ފަރުވާކުޑަކޮށް.
0 0

އަސްލަމް އަހްމަދު

2 ޖެނުއަރީ 2023
ހެޔޮ ރަހްމަތް ލައްވާނެ ކަންކަން މުޖުތަމައުއަށް ކުރުމަށް ހުރި ފައިސާއިން ވަކި ބައެއްގެ އެޖެންޑާ ހާސިލު ކުރުމަށް އަބަދުވެސް އަހަރުމެން އެންމެން އުޅެނީ. ކޮން އިރަކުންބާ އަމިއްލަ ނަފްސުގެ މައްޗަށް އަނެކާ އަދި މުޖުތަމައު އިސްކުރާނީ؟ ހެޔޮ ލަފާ ދިވެހި ޒުވާނުން މިހާރު ގައުމާ މެދު މާޔޫސްވެއްޖެ.
1 0

ާއއޖ ފޒލ

2 ޖެނުއަރީ 2023
އަދި އަވަސް ރިޕޯޓް ކުރި ލެއް. އޭރު އަދި މިހާރުވެސް މަ ބުނެގެން ސަރުކާރު ކުންފުނިތަކަށް ވައްދާ މީހުންގެ ވާހަކަވެސް އޮތީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް