Majlis 2024

މަރުތަކުގެ މައްސަލައިގައި ހައްޔަރު ކުރި ތިން މީހުން: އެ މީހުންގެ މައްޗަށް ވަރުގަދަ ހެކިތަކެއް ވަނީ ހޯދާފައި.

ހައްޔަރު ކުރިން 3 މީހުންނާ ދެކޮޅަށް ވަރުގަދަ ހެކިތަކެއް؛ އަންނަ ހަފްތާގައި ދައުވާ ކުރަނީ

މި ތިން މީހުން ހައްޔަރު ކުރީ ތަހުގީގު ނިމުމަކާ ހިސާބަށް ގޮސް، ދައުވާ ކުރަން ތައްޔާރުވުމާ ގުޅިގެން

މަރުތަކުގެ މައްސަލައާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ވަރުގަދަ ހެކިތަކެއް ހޯދައި އަންނަ ހަފްތާގައި އެ މީހުންގެ މައްޗަށް ދައުވާކުރަން ތައްޔާރުވަމުން އަންނަކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - އެ ތިން މީހުން ހައްޔަރު ކުރީ މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލުމާ ގުޅޭ މައްސަލައިގަ އެވެ. އެ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. އެ ތިން މީހުންނަކީ:

  • 1-

    އަހުމަދު އިސްމާއިލް (އަހަނދު)، 39 - މއ. ފާގަފިލާގެ

  • 2-

    އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ)، 30 - މ. ލެގޫންވިއު

  • 3-

    އަހްމަދު މުއާޒު (ގަޓު މުއާ)، 40 - މާލޭ ދަފްތަރު އާރުއެސް8499

ރިލްވާން އާއި ޔާމީންގެ މަރުގެ މައްސަލައިގެ ތުހުމަތުގައި އިސްމާއިލް ރަޝީދު (އަހަނދު) ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުުރަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ތަފްސީލު - އެކި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ބޭރުގެ ތަޖުރިބާކާރެއްގެ އެހީތެރިކަމާ އެކު މަރު ކޮމިޝަނުން ކުރިއަށް ގެންދާ މި ތަހުގީގުތަކަށް ކުރިއެރުންތަކެއް ލިބި، މިހާރު ތަހުގީގު އޮތީ ނިމުމަކާ ހަމައަށް އައިސްފަ އެވެ. ހައްޔަރު ކުރި ތިން މީހުންނަކީ މީގެ ކުރިން ވެސް އެ ކޮމިޝަނަށް ހާޒިރުކޮށް، ބަޔާން ނެގި ތިން މީހުންނެވެ.

ޕީޖީގެ ބަސް - ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު 'ދައުރު'އަށް ވިދާޅުވީ ތިން މީހުންގެ މައްޗަށް ދައުވާ އުފުލުމުގެ މަޝްވަރާތައް އެ މީހުން ހައްޔަރު ކުރި ދުވަހުން ފެށިގެން ކުރިއަށްދާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ޝަފީއު ނުދެއްވަ އެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މި މައްސަލައިގައި ޕީޖީ އޮފީހާއި މަރު ކޮމިޝަނާ އެކު މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި އަންނަ ހަފްތާގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެކަން ވެސް އެނގިފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އެގޮތަށް ކޯޓުން ނިންމީ، "ޝަރީއަތް ނިމެންދެން ބަންދަށް އަމުރުކުރަން ބޭނުންވާ ވަރަށް އެ މީހުންގެ މައްޗަށް ހެކި ހުރުމުން" ކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިތުރު ތަފްސީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ކޮމިޝަންގެ ބަސް - މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ 'ދައުރު'އަށް ވިދާޅުވީ، މިކަމާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި މައްސަލައާ ގުޅޭ ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ.

އެނގުން މުހިންމު - 'ދައުރު'އަށް އެނގިފައިވާ ގޮތުން، ބައެއް މީހުންނަށް ބިރު ދައްކައި ކިޑްނެޕްކޮށް، ފޯނުގެ ޕާސްވޯޑު އަތުލުން ފަދަ ބައެއް ކަންކަން ކޮށްފައި ވާކަން ކޮމިޝަންގެ ތަހުގީގަށް ވަނީ ހޯދިފަ އެވެ. އަދި އެކަމާ ގުޅޭ މުހިންމު ހެކިތަކެއް ވެސް ލިބިފައިވެ އެވެ. 

ރިލްވާން (ކ) އަދި ޔާމީން.

އޭގެ އިތުރުން، އެ މީހުން ހައްޔަރު ކުރި ތަހުގީގު ނިމުމަކާ ހިސާބަށް ގޮސް ދައުވާ ކުރަން ތައްޔާރުވުމާ ގުޅިގެންނެވެ. އެ މީހުން ހައްޔަރުނުކޮށް ދައުވާކޮށްފި ނަމަ، ހެއްކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލާނެ ކަމަށް ވަރަށް ބޮޑަށް އޮތީ ބެލެވިފަ އެވެ.

އެ މީހުންގެ ބަންދުގެ މުއްދަތު ޖެހި ފޯމުގައި ބުނެފައިވަނީ:

  • އެ މީހުންނާ ދެކޮޅަށް ސިއްރު ހެކިތަކެއް ހުރުން

  • އިންޓެލިޖެންސް ރިޕޯޓު

  • ހެކިތަކަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވުން

ޔާމީންގެ މަަރުގެ މައްސަލަ:

  • 2017 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގަރު ޔާމީންގެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ދައުވާ އުފުލި 

  • އެ މީހުންގެ ތެރެއިން ދައުވާ ސާބިތުވީ އެންމެ ދެ މީހުންގެ މައްޗަށް 

  • އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ކޯޓުން ނިންމުމުން، ޕީޖީން ވަނީ އެ މައްސަލަ އޭޕްރީލްގައި ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި

ރިލްވާން ގެއްލުވާލި މައްސަލަ:

  • 2014 ވަނަ އަހަރު ގެއްލުވާލި ނޫސްވެރިޔާ ރިލްވާން މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި 

  • އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް 2018ގައި ވަނީ ހުކުމްކުރި؛ އެ ހުކުމް އިސްތިއުނާފެއް ނުކުރޭ

  • މީގެ ކުރިން މަރުކޮމިޝަން ބުނެފައިވަނީ، ރިލްވާން ކިޑްނެޕްކޮށް ރާއްޖޭގެ އަލް-ގައިދާ ގޮފިން އޭނާ މަރާލި ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް