ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރު ކުރަނީ.

މުހައްމަދު އިސްމާއިލް ބަންދު ކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

އޭނާގެ ބަންދު އެކި ފަހަރު މަތިން އިތުރުކުރަމުން ގޮސް އެންމެ ފަހުން ވަނީ 30 ދުވަސް ޖަހާފައި
22 ޖުލައި 2022

ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް އަމާޒުކޮށް ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ބަންދު ކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި އެވެ.

މައްސަލައިގެ ފެށުން - ގަލޮޅުދަނޑަށް ވަދެ، ހަމަނުޖެހުން ހިންގައި އެ ތަނުގައި ތިބި މީހުންނަށް އިންޒާރު ދީ، ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި 20އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި އިރު އޭގެ ތެރޭގައި ޕީޕީއެމްގެ ހަރަކާތް ކޮމިޓީ ހިންގާ މުހައްމަދު އިސްމާއިލް ވެސް ހިމެނެ އެވެ. އޭނާގެ ބަންދު އެކި ފަހަރު މަތިން އިތުރުކުރަމުން ގޮސް އެންމެ ފަހުން ވަނީ 30 ދުވަސް ޖަހައިފަ އެވެ.

ވީ ކިހިނެއް؟ - ހައި ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ރަޖިސްޓްރީގައިވާ ގޮތުން، މުހައްމަދު އިސްމާއިލްގެ ފަރާތުން އޭނާގެ ބަންދު ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅީ އިއްޔެ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެ އެެވެ.

ތަފްސީލް - ހަމަނުޖެހުމުގައި ބޭނުން ކުރި ބައެއް ތަކެއްޗަކީ ޕީޕީއެމްގެ އޮފީހުން ނެރުނު ތަކެތި ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން:

  • ހަމަނުޖެހުން ހިންގި މީހުން ބޭނުން ކުރި ދިދަތަކަކީ އިދިކޮޅުގެ ނަބިއްޔާގެ ދިފާއުގައި ހަރަކާތުގައި ބޭނުން ކޮށްފައިވާ ބާވަތުގެ، ޝަހާދަތުގެ ދެކަލިމަ ޖެހި ހުދުކުލައިގެ ދިދަތަކެއް

  • އެ ދިދަތައް ޕީޕީއެމްގެ އޮފީހުން ނެރުނު މަންޒަރު ފެންނަ ފޮޓޯތަކެއް މީގެ ކުރިން އާންމުވެފައިވޭ 

  • އެ ފޮޓޯޓަކުން މުހައްމަދު އިސްމާއިލް ކަމަށް ބެލެވޭ މީހަކު ވެސް ފެނޭ

އެނގުން މުހިންމު - މުހައްމަދު އިސްމާއިލް ބަންދު ކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، އޭނާއާ އެކު ހައްޔަރު ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން (ޓަކީ) ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ހުކުމްކޮށްފައި ވަނީ އޭނާ ދޫކޮށްލީ ރަނގަޅަށް ކަމަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެގޮތުން، އެކަމާ ގުޅިގެން ހައްޔަރު ކުރި ދީނީ އިލްމުވެރިޔާ ފަޒްލޫން މުހައްމަދު ވެސް އިއްޔެ ވަނީ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފަ އެވެ.



އިތުރު އާޓިކަލް

އިތުރު އާޓިކަލް