Majlis 2024

މިދިޔަ އޮގަސްޓް މަހު ސޯޝަލް ސެންޓަރުގައި ބޭއްވި އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި އެމްޑީޕީގެ އެންމެ އިސް ތިން ބޭފުޅުން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފަސްކޮށްފި؛ މި އަހަރު ނުބާއްވާނެ

ޕްރައިމަރީ ބޭއްވުން ލަސް ކުރިއިރު، އެ ޕާޓީގެ ތެރޭގައި އޮތް ކޯޅުން އަނެއްކާވެސް ވަނީ ބޮޑުވެފައި

ދެ ފެކްޝަނުގެ ކޯޅުން ބޮޑުވެފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި އަހަރު ނުބާއްވާ ގޮތަށް ނިންމައި އެ އިންތިހާބު އަންނަ އަހަރުގެ ކުރީކޮޅަށް ލަސްކޮށްފި އެވެ.

އެނގުން މުހިންމު - އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެންބަރުން ހިމެނޭ ދެ ފެކްޝަންގެ ކޯޅުން އަނެއްކާވެސް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މީގެ ކުރިން މަސައްކަތް ކުރަމުން އައީ އަންނަ މަހު ޕްރައިމަރީ ބޭއްވުމަށެވެ. އަދި މި މަހުގެ ތެރޭގައި ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލުމަށް ވެސް ނިންމާފައިވެ އެވެ.

ވީ ކިހިނެއް؟ - ބައެއް މަސްދަރުތަކުން 'ދައުރު'އަށް މައުލޫމާތު ލިބުނު ގޮތުގައި، އަންނަ މަހު ޕްރައިމަރީ ނުބޭއްވުމަށް މިހާރު ވަނީ ނިންމާފަ އެވެ. އެކަމާ ގުޅޭ ގޮތުން ރަސްމީ ބަހެއް ހޯދުމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އިބްރާހިމް ވަހީދު (އިބުރޭ)އަށް 'ދައުރު'ން ގުޅުމުން އޭނާ ވެސް އެކަން ކަށަވަރުކޮށްދެއްވި އެވެ.

ބުނީ ކީކޭ؟ - "ޑިސެމްބަރުގައި ސްކޫލް ޗުއްޓީ އޮންނާތީއާ އެކު އެ މަހު ޕްރައިމަރީ ބޭއްވުމަކީ އެހާ ރަނގަޅު ކަމެއް ކަމަކަށް ނުފެނޭ. ލަސް ކުރަނީ ކޯޅުމެއްގެ ސަބަބަކުން ނޫން،" ޕްރައިމަރީ ލަސްކުރަނީ ޕާޓީގެ ތެރޭގައި އޮތް ކޯޅުމުގެ ސަބަބުންތޯ ސުވާލުކުރުމުން އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓް މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސް ތެރެއިން ޗެއާޕާސަން ފައްޔާޒު އިސްމާއިލް (ކ) އަދި ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އޭނާ އިތުރަށް ވިދާޅުވީ، 2018ގެ ރިޔާސީ ޕްރައިމަރީގައި ވަގުތު ނެތުމުން ކެމްޕެއިން ކުރުމަށް ދީފައި ވަނީ އެއް މަސްދުވަސް ކަމަށެވެ. ނަމަވެސް، އެހެން ޕްރައިމަރީތަކުގައި އާންމު އުސޫލުން ދެ މަސްދުވަސް ޕާޓީން ދެމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންކަމުން، ޑިސެމްބަރުގައި ޕްރައިމަރީ ބާއްވާ ނަމަ، ކެމްޕެއިން ކުރުމަށް ދެ މަހެއް ނުލިބޭނެ. ޕްރައިމަރީ ލަސް ކުރަނީ އެ މުއްދަތު ވެސް ދިނުމުގެ ބޭނުމުގައި،" އޭނާ ވިދާޅުވި އެވެ.

"ލަފާކުރެވެނީ އަންނަ އަހަރުގެ ކުރީކޮޅަށް ޕްރައިމަރީ ތާވަލްކުރެވޭނެ ކަމަށް."

އެމްޑީޕީގެ ތަރުޖަމާނަކަށް މިދިޔަ ބުރާސްފަތި ދުވަހު އައްޔަންކުރި ފިނޭންސްގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު ތާރީހު އިއުލާން ކުރާނެ ކަމަށެވެ.

ގުޅުން ހުރި ކަމެއް - ރައީސް ސޯލިހް ވެރިކަމުގެ ދެ ވަނަ ދައުރެއް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ. އޭގެ އިތުރުން، ނަޝީދު ވެސް ވަނީ މީގެ ކުރިން ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. 

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ވާދަކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންކަން މިހާރު ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. މިދިޔަ އޮގަސްޓް މަހު ޕީޕީއެމް އިން އެ މަނިކުފާނަށް ރަސްމީކޮށް ޓިކެޓް ހަވާލުކޮށްފައި ވާއިރު، އެ ޕާޓީން ޕްރައިމަރީއެއް ނުބާއްވަ އެވެ. ޔާމީނަށް ޓިކެޓް ދީފައި ވަނީ ޕާޓީގެ ސެނެޓްގެ އިއްތިފާގުންނެވެ. އަދި މިހާރު އެ މަނިކުފާނު ގެންދަވަނީ، ރަށްތަކަށް ވަޑައިގެން ކެމްޕެއިން ވެސް ކުރައްވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް