ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ފަތުރުވެރިއަކު ފުރައިގެން ދާއިރު ރިސޯޓް މުވައްޒަފުން އެ މީހުންނާ ވަދާއީ ސަލާމް ކުރަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓޫރިޒަމް

ޓެކްސް ބޮޑުކުރުމުން ޓޫރިޒަމަށް 50 މިލިއަން ޑޮލަރުގެ ގެއްލުންވާނެ: މަޓާޓޯ

މަޓާޓޯ އިން ވަނީ މިނިސްޓަރު އަމީރުގެ އިސްތިއުފާއަށް ވެސް ގޮވާލާފައި
24 ނޮވެމްބަރު 2022
2

ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަސް ނުވަތަ ފުރަތަމަ ކުއާޓާގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް 50 މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވާނޭ ކަމަށް ދިވެހި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯއިން މިއަދު ބުނެފި އެވެ.

އެނގުން މުހިންމު - ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ބިލް ރައީސް ތަސްދީގުކުރައްވާފައި ވާއިރު، އަންނަ ޖެނުއަރީ 1 އިން ފެށިގެން އެ ދެ ޓެކްސް ބޮޑުވާނެ އެވެ. އެގޮތުން ޓެކްސްތަކަށް އަންނަ ބަދަލަކީ:

  • ޖީއެސްޓީ %6 އިން %8 އަށް

  • ޓީޖީއެސްޓީ %12 އިން %16 އަށް

ބުނީ ކީކޭ؟ - އެ ބަދަލުތަކާ މެދު ނުރުހުން ފާޅުކުރަމުން މަޓާޓޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ދުރާލާ ވިއްކާފައިވާ ޕެކޭޖްތަކުގެ އަގު ބަދަލުކުރުމަކީ އީޔޫގެ އުސޫލުތައް ބުނާ ގޮތުން ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ. އެ ނިންމުން ބަދަލުކުރުމަށް ޔޫރަޕްގެ ވަރަށް ގިނަ ޓުއާ އޮޕަރޭޓަރުން ވެސް ސަރުކާރަށް ލޮބީ ކޮށްފައިވާކަން ފާހަގަކުރަމުން މަޓާޓޯ އިން ބުނީ މިކަމުގެ އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވާނީ ކުދި އަދި މެދު ފަންތީގެ ޓޫރިޒަމް ވިޔަފާރިތަކަށް ކަމަށެވެ.

ބަޔާނުގައި މަޓާޓޯއިން ފާހަގަކުރި ކަންތައްތަކަކީ:

  • ބުކިންތައް ކެންސަލްވުން ފަދަ ކަންކަމާ ހުރެ ރިސޯޓް، ސަފާރީ އަދި ގެސްޓްހައުސް ސިނާއަތަށް ތިން މަސް ތެރޭ 50 މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވާނެ

  • ޓޫރިޒަމްގެ އާމްދަނީ ދަށްވުމުގެ ސަބަބުން އަންނަ އަހަރުގެ ތެރޭގައި ކޮންމެ ރިސޯޓް މުވައްޒަފެއްގެ ސާވިސް ޗާޖުން 2،000 އެއްހާ ރުފިޔާ ގެއްލޭނެ

  • ޓެކްސް ބޮޑުކުރުމުގެ ނިންމުމަކީ އެކަމުން ކުރާނޭ އަސަރުތައް ރަނގަޅަށް ދިރާސާކޮށް، އިންޑަސްޓްރީގެ ފަރާތްތަކާ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމި ނިންމުމެއް ނޫން

  • ޓެކްސް ބޮޑުކުރަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކަތަކުގައި އޮޅުވާލުމާއި ދޮގު ހިމެނޭ

ތަފްސީލް - މަޓާޓޯގެ ބަޔާނުގައި ވަނީ، މިނިސްޓަރު އަމީރު އައިއެމްއެފް އާއި ވޯލްޑް ބޭންކަށް ހަގީގަތާ ހިލާފު ސައްހަ ނޫން މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ސަރުކާރުގެ ހަރަދު ކުޑަކުރަން ކުރާނޭ ކަންތައްތަކެއް މިނިސްޓަރު ހާމަކުރައްވާފައި ނުވާއިރު، ޓެކްސް ބޮޑުކުރުމަކީ އިގްތިސާދު ކުރިއަށް ގެންދަން އަޅާ ހަމައެކަނި ފިޔަވަޅަށް ވުމަކީ ހިތާމަކުރާ ކަމެއް ކަމަށް ވެސް މަޓާޓޯ އިން ބުނެފައިވެ އެވެ.

"ޓެކްސް ބޮޑުކުރުމާ ގުޅޭ ގޮތުން މިނިސްޓަރު އަމީރު ވަނީ މަޖިލީހަށް ވެސް ހަގީގަތާ ހިލާފު މައުލޫމާތު ދެއްވާ އޮޅުވާލައްވާފަ އެވެ. އެހެން ކަމުން އަމީރު އަކީ މިނިސްޓަރު ކަމުގެ މަގާމަށް ގާބިލް ބޭފުޅެއް ކަމުގައި މި ޖަމިއްޔާ އިން ނުދެކެމެވެ. އަދި އަމީރު ވަގުތުން އިސްތިއުފާ ދިނުމަށް މި ޖަމިއްޔާ އިން ގޮވާލަމެވެ،" މަޓާޓޯގެ ބަޔާނުގައިވެ އެވެ.

އެ ޖަމާއަތުން ސަރުކާރަށް ގޮވާލީ ޓީޖީއެސްޓީ ބޮޑުކުރުމުން ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކޮށްދިނުމަށެވެ. އަދި ފިނޭންސް މިނިސްޓަރު އަމީރު ޒިންމާދާރު ކުރުވުމަށް ސަރުކާރާއި މަޖިލީހަށް ވެސް ވަނީ ގޮވާލައިފަ އެވެ.

ކޮމެންޓް (2)

ޖައިސާމް

24 ނޮވެމްބަރު 2022
މަޓާޓޯއިން ބުނި ޓުއަރިޒަމް ސިނާއަތު އިނދަ ޖެހޭނެޔޭ ޓީޖީއެސްޓީ ނަގަން ފެށިއަސް. ބުނެބަލަ މީ ދޮގެކޭ ނިކަން
0 0

ތިޔަ ފޯމު

24 ނޮވެމްބަރު 2022
ތިޔަ ފޯމު ފުރުން އޯކޭ، އެކަމު އެއަށް ފޮޓޯ އަޕްލޯޑްކުރަންޖެހޭ ސަބަބެއް ނުވިސްނުނު، އަދި އެވެސް 300އެމްބީއަށް ވުރެ ދަށްކޮށް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް