މީގެ ކުރިން ށ. ކޮމަންޑޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އިންތިހާބު ނިމުނުތާ ދެ ދުވަސް، ރައީސް ސޯލިހް ހިމޭނުން

ކުރީގެ އިންތިހާބުތައް ހަމަ ނިމުމާ އެކު ރައީސް ސޯޝަލް މީޑިއާގައި އެއްޗެއް ވިދާޅުވޭ

އެމްޑީީޕީގެ ޗެއާޕާސަންގެ އިންތިހާބު ނިމުނުތާ ދެ ދުވަސް ވީއިރު އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުނުވެ، ހަނު ހުންނަވައިފި އެވެ.

ވީ ކިހިނެއް؟ - މިހާތަނަށް ބޭއްވި އެ ޕާޓީގެ އެންމެ ފޯރިގަދަ އިންތިހާބުގައި ޕާޓީގެ އެންމެ އިސް ދެ ލީޑަރުން ކަމަށް ވާ ރައީސް ސޯލިހާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުން ތިއްބެވީ ދެ ފަޅިއެއްގަ އެވެ. ޗެއާޕާސަންގެ މަގާމުގެ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހް ތާއީދުކުރެއްވި އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

ތަފްސީލް - އެމްޑީޕީގެ އިންތިހާބު ނިމި މިއަދަށް ދެ ދުވަސް ވާއިރު، އެކަމާ ގުޅޭ ގޮތުން މިހާތަނަށް ރައީސް ސޯޝަލް މީޑިއާގައި ވެސް އަދި އެހެން މީޑިއާއެއްގައި ވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. 

ހޮނިހިރު ދުވަހުގެ އިންތިހާބުގެ ވޯޓުލެއްވުމަށް ފަހު، އެ ރޭ ރައީސް ފުރާވަޑައިގެންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށެވެ. ރައީސް ފުރާވަޑައިގެން އިރުވެސް ފައްޔާޒު އިންތިހާބު ކާމިޔާބުކުރިކަން އޮތީ ކަށަވަރުވެފަ އެވެ. ރައީސް އެގައުމަށް ވަޑައިގެންނެވީ ޔޫއޭއީގެ ރައީސް ޝެއިހް ހަލީފާ ބިން ޒައިދު އާލް ނަހްޔާން އަވަހާރަވުމާ ގުޅިގެން އެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށެވެ.

އަމިއްލަފުޅު ޕާޓީގެ އެހާ މުހިންމު އިންތިހާބަކާ ގުޅޭ ގޮތުން އެ މަނިކުފާނު ހަނު ހުންނެވި ސަބަބެއް ރައީސް އޮފީހުން ވެސް ނުބުނެ އެވެ. 

ރައީސް އޮފީހުން ބުނީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު ރައީސް މާލެ ވަޑައިގެންފައިވާ ކަމަށެވެ.

މީގެ ކުރިން ބައެއް އިންތިހާބުތައް ނިމުމާ އެކު ހަމަ އެދުވަހު ނުވަތަ ޖެހިގެން އަންނަ ދުވަހު އެކަމާ ގުޅޭ ގޮތުން ރައީސް ވާހަކަފުޅު ދައްކަވަ އެވެ. އެގޮތުން އެންމެ ފަހުން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރިކަން ޔަގީންވުމާ އެކު ހަމަ އެރޭ ރައީސް ޓްވީޓް ކުރެއްވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި މުހައްމަދު ރާޝިދަށް މަރުހަމާ ކިޔައި، ރައީސް ކުރެއްވި ޓްވީޓް

އެނގުން މުހިންމު - އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އިމްތިޔާޒު ވަނީ ބަލި ގަބޫލުކުރައްވައި ފައްޔާޒަށް އިއްޔެ މަރުހަބާ ވެސް ދަންނަވައިފަ އެވެ.

މި އިންތިހާބުގައި އިމްތިޔާޒު ފަޅީގައި ހުންނެވި ނަޝީދު ވެސް ވަނީ ފައްޔާޒަށް މަރުހާބާ ވިދާޅުވެފަ އެވެ. ނަޝީދު އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ފައްޔާޒުގެ ޗެއާޕާސަންގެ ކަމުގައި ޕާޓީއަށް އިތުރު ކާމިޔާބީތައް ލިބޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި މިއަދު ޕާޓީގެ އޮފީހުގައި ފައްޔާޒާ ބައްދަލު ވެސް ކުރެއްވި އެވެ.

މި އިންތިހާބާ ގުޅޭ ގޮތުން 'ދައުރު'ގެ ރިޕޯޓުތައް:

ކޮމެންޓް (1)

ހުސެން

16 މޭ 2022
ދެން ރައީސް ސޯލިހް ތެޅި ފޮޅެން ވީތަ؟؟ ހިމޭނުން ހުއްޓަސް ނެތޭ ސަލާމަތެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް