ފަންނުވެރި އެކުވެރިން: ފޮޓޯގްރަފަރު މުންކޮގެ ތަޖުރިބާ

ސަރުކާރުގެ ވަޒީފާއެއް އަދާ ކުރަމުން ހުސް ވަގުތުގައި ފޮޓޯގްރަފީގެ މަސައްކަތްކުރާ މުހައްމަދު މުއުމިން ދެކޭގޮތުގައި ރާއްޖޭގެ ފޮޓޯގްރަފީ ދާއިރާއަށް ބަދަލުތަކެއް ގެނައުން މުހިއްމު
21 ޑިސެމްބަރު 2022

މުހައްމަދު މުއުމިން އެންމެ ފުރަތަމަ ކެމެރާއެއް އަތަށް ނެގީ 2004 ވަނަ އަހަރު އެވެ. އެއީ އިހުގެ ފިލްމު ކެމެރާ އެކެވެ. އެއިން އޭނާ ފުރަތަމަ ފަހަރަށް ފޮޓޯ ނަގަން ފެށި އެވެ. އެއީ ކުޑައިރުއްސުރެން ބެލި ހުވަފެނެއް ހަގީގަތަކަށް ހަދަން ނެގި ފުރަތަމަ ފިޔަވަޅެވެ.

ސައިބާޝޮޓު ކެމެރާއެއް 2005 ވަނަ އަހަރު ލިބިމުން ދެން ފޮޓޯ ނެގީ އެ އިންނެވެ. އެއަށް ފަހު ރަހުމަތްތެރިއެއްގެ ޑީއެސްއެލްއާރު ކެމެރާއެއް ބޭނުންކުރަން ފުރުސަތު ލިބުނެވެ. ކެމެރާ އާއި ގިޔަރު ބަދަލުކޮށް ފެންވަރު މަތިކުރުމުގެ ތެރެއިން މުއުމިން މި ދާއިރާއިން ފަސްއެނބުރި ބެލުމެއް ނެތް ބާރު ދުވެއްޔެއްގައި ކުރިއަށްދިޔަ އެވެ.  

މުއުމިން ނުވަތަ އެންމެން ދަންނަ ނަމުން ނަމަ މުންކޮ އަކީ ރާއްޖޭގެ ފޮޓޯގްރަފީ ދާއިރާގައި ނަގާކިޔާ ފޮޓޯގްރަފަރުންގެ ލިސްޓުގައި ހިމެނޭ އެކަކެވެ. ދިހަ އަހަރުގެ ދިގު މުއްދަތަކަށް އޭނާގެ ހިދުމަތް ދީފައި އެ ވަނީ ހިތްވަރާއި ހިކުމަތްތެރިކަމާ އެކު އެވެ. އެތައް ފިލާވަޅެއް ލިބިގަނެ ކެރިގެން ކަންކަމާ ކުރިމަތިލައިގެނެވެ. 'ފަންނުވެރި އެކުވެރިން'ގެ މިފަހަރުގެ އެޕިސޯޑުގައި މުއުމިންގެ އެ ތަޖުރިބާތައް ކިޔައިދިނެވެ.

ޕްރޮފެޝަނަލްކޮށް ފޮޓޯގްރަފަރެއްގެ ގޮތުގައި މުއުމިން މަސައްކަތް ކުރަން ފެށީ 2015ގަ އެވެ. ފޮޓޯގްރަފީ އަކީ ރާއްޖޭގެ އެހެން ވިޝުއަލް އާޓްސް ދާއިރާތައް ފަދައިން މާ ބޮޑު ޝަރަފެއް ނުވަތަ އާމްދަނީއެއް ލިބޭ މަސައްކަތެއް ނޫނެވެ. އަދި މިއީ ގިނަ ދިވެހިން ބަލައިގަންނަ ދާއިރާއެއް ވެސް ނޫނެވެ. ވިޝުއަލް އާޓްސް ދާއިރާގައި މަސައްކަތް ކުރާ ކޮންމެ ފަންނުވެރިއެއް ވެސް ހަރުދަނާ އާމްދަނީއެއް ހޯދަން އެކި ގޮތްގޮތަށް މަސައްކަތް ކުރެ އެވެ. މުއުމިން ސަރުކާރުގެ ވަޒީފާއެއް އަދާ ކުރަމުން ވެސް އޭނާގެ ކެމެރާއާ ދުރަކަށްނުދެ އެވެ. ވިސްނުންތެރިކަމާ އެކު ވަގުތުތައް ބަހާލައިގެން ފޮޓޯގްރަފަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދިޔަ އެވެ. މުއުމިން ބުނިގޮތުގައި އޭނާ މި މަސައްކަތް ކުރަނީ ކޮންމެހެން ބޮޑު އާމްދަނީއެއް ލިބޭތީއެއް ނޫނެވެ.

ރާއްޖޭގެ އެކި ޑިޒައިނަރުންނާއި މޮޑެލްކުރާ މީހުންނާ ގުޅިގެން އޭނާ ވަނީ އެމީހުންގެ މަސައްކަތުގެ ފޮޓޯ ނަގާފަ އެވެ. އެކަމަކު ވަޒީފާއަށް ދަމުން ދެން ލިބޭ ވަގުތުތަކުގައި ފޮޓޯގްރަފަރެއް ގޮތުގައި މަސައްކަތް ކުރަމަކީ ފަސޭހަ ކަމެއް ނޫނެވެ. އޭނާގެ އުއްމީދަކީ ފުލް ޓައިމް ފޮޓޯގްރަފަރެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. ނަމަވެސް މިކަން ހާސިލު ކުރަން ރާއްޖޭގެ ފޮޓޯގްރަފީ ދާއިރާއަށް ބައެއް ބަދަލުތައް ގެނައުން މުހިއްމުކަން އޭނާ ފާހަގަ ކުރި އެވެ.

ރާއްޖޭގައި ވިޝުއަލް އާޓްސް ދާއިރާގައި މަސައްކަތް ކުރާ ކޮންމެ މީހަކު ވެސް ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ނިސްބަތުން ގިނަ އެވެ. އަދި މި ކަންކަމުން އަރައިގަނެ ކާމިޔާބު ލިބެނީ މަދު ބަޔަކަށެވެ. ބޮޑު ބައެއް ތަބާ ވަނީ އެ ދާއިރާތަކަށް ޒަމާނުއްސުރެން ބައްޓަންވެފައިވާ އޮނިގަނޑަށެވެ. މި ކަންކަން ބަދަލު ކުރަން ސަރުކާރާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ޒިންމާ ނިހާޔަތަށް ބޮޑެވެ. މީގެ އިތުރުން މުޖުތަމައު އަދި ވަކިން ހާއްސަކޮށް ކްލަޔަންޓުން ފޮޓޯގްރަފަރުންގެ މަސައްކަތް ބަލައިގަތުން މުހިއްމެވެ.

މުއުމިން ބުނިގޮތުގައި މި ދާއިރާގައި ދިގު މުއްދަތުގައި މަސައްކަތްކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ފަންނުވެރިއެއްގެ އުއްމީދުތައް ވަޅުޖަހާލާ ފަދަ އެތައް އަޑިގުޑަންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް އޭނާ ބުންޏެވެ. 

މުއުމިންގެ ނަސޭހަތަކީ މި ދާއިރާގައި އުޅޭ އިރު ވިސްނައިގެން ވަގުތުތައް ބަހާލައިގެން، ކްލަޔަންޓުން ވެސް ހިތްހަމަޖެހޭ ގޮތަށް ޒިންމާދާރުކޮށް މަސައްކަތް ކުރުމެވެ. މީގެ އިތުރުން ދާއިރާގެ މާކެޓް ވެލިއު ހިފެހެއްޓުން ވަރަށް މުހިއްމުކަން އޭނާ ފާހަގަ ކުރި އެވެ.

"ޕްރޮފެޝަނަލީ މަޑުމަޑުން އެކްސްޕީރިއަންސް ލިބޭ ވަރަކުން އަގު ހިފަހައްޓަންވީ. މި ދާއިރާގައި ބޭނުންކުރާ އިކުއިޕްމަންޓްސްއަކީ ވެސް އަގުހެޔޮ އެއްޗެއް ނޫން. ވަރަށް އަގު ބޮޑު ގިއާޒް މި ބޭނުންކުރަނީ. އެމީހެއްގެ މަސައްކަތުގެ ވެލިއު ހިފަހައްޓަންވާނެ،" މުއުމިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް