Majlis 2024
ފަންނުވެރިން

ގްރެފިކް ޑިޒައިނަރު ލައްޒަތުގެ ކުރެހުމުގެ ސްޓައިލަށް އެންމެންގެ ސަމާލުކަން

ދާއިރާގައި ކުރި ތަޖުރިބާ އާއި މަސައްކަތްކުރާ ގޮތް ކިޔައިދެމުން ލައްޒަތު އެންމެ ބޮޑަށް ފާހަގަކުރީ ގިނަގިނައިން އެކްސްޕެރިމެންޓްކުރުމުގެ މުހިއްމުކަން

ގްރެފިކް ޑިޒައިނަރު ލައްޒަތު ޝަރީފްގެ އުފެއްދުންތައް ގިނަ މީހުންނަށް ވަނީ ކޮންމެވެސް ގޮތަކުން ފެނިފަ އެވެ. އޭނާގެ ހިތްގައިމު ކުލަގަދަ ކުރެހުންތައް މާލޭގެ މަޝްހޫރު ކެފޭތަކުގަ އާއި އިންފްލައިޓު މަޖައްލާއެއްގައި ޝާއިއު ކޮށްފައިވެ އެވެ. މަޑުމައިތިރި މިޒާޖެއްގެ ލައްޒަތުގެ މަސައްކަތުން އެކި ކުލަތަކާއި އެކި ބައްޓަންތަކާއި ހުނަރުވެރިކަން ފެނެ އެވެ. ފްރީލާންސް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ލައްޒަތު މި ދާއިރާގައި އުޅޭތާ މިވީ 10 އަހަރު ކުރި ތަޖުރިބާތައް 'ދައުރު' އަށް ކިޔައިދިނެވެ.

ދައުރު: މި ދާއިރާއަށް ވަދެވުނީ ކިހިނެއް؟ އަބަދުވެސް ކުރަހަން ޝައުގު ހުރިތަ؟

ލައްޒަތު: އާޓަށް އަބަދުވެސް ޝައުގު ހުރޭ. ސްކޫލުގައި އުޅެމުން ފޮޓޯޝޮޕް އަދި އިލަސްޓްރޭޓާ ބޭނުން ކުރަން ފެށިން. ދެން އަޅުގަނޑު އޭލެވެލްއަށް ކިޔަވާ ނިމުނީމަ، އެޑްވަޓައިޒިން އޭޖެންސީ ޒީބްރާ ކްރޮސް އިން އަޅުގަނޑަށް އިންޓާންޝިޕް އޮފާއެއް ދިން. އެތަނުގެ މެންޓޯއެއް އަޅުގަނޑަށް ބޭސިކްސް ކިޔަވާދިން. އަޅުގަނޑަށް ޑިޒައިނިންއާ ބެހޭގޮތުން އެނގޭ ހުރިހާ އެއްޗެއް ދަސްކުރީ ވަޒީފާގައި އުޅެމުން އަދި އެތާނގައި މަސައްކަތް ކުރާ ފަންނުވެރިން ގާތުން. 

ދައުރު: ލައްޒަތުގެ ކުރެހުންތައް އެކި ތަންތަނުގައި ބޭނުންކޮށްފައިވޭ. އޭގެ ތެރޭގައި މޯލްޑިވިއަން އިންފްލައިޓް މެގަޒިން އަދި ގެލޭރިއާ ކެފޭ ހިމެނޭ. ރާއްޖޭގައި ގްރެފިކް ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ކޮންކަހަލަ ކަމެއް؟

ލައްޒަތު: މިހާތަނަށް ހަމަ ވަރަށް ކަމުދޭ. އަޅުގަނޑާ އެކު މަސައްކަތް ކުރާ މީހުން ވަރަށް އެހީވެދޭ އަދި މިހާތަނަށް ދިމާވި ކްލަޔަންޓުންނާ އެކު މަސައްކަތް ކުރަން ވެސް ފަސޭހަ.

ދައުރު: ލައްޒަތުގެ ކުރެހުންތަކާއި ފަރުމާކުރުމުން ފެންނަނީ ވަރަށް ކުދި ޑީޓެއިލް ކުރެހުންތަކެއް އަތުރާލާފައި ހުންނަތަން. އެ މަސައްކަތްތައް ފުރިހަމަކުރަން ކިހާ ވަގުތެއް ހޭދަވޭ؟

ލައްޒަތު: އެ ބިނާ ވަނީ އެ އިރަކު އެ މަސައްކަތް ކުރަން ލިބޭ ވަގުތަކަށް. އެ ޕްރޮޖެކްޓަކަށް ފުލް އެޓެންޝަން ދެވޭ ނަމަ އަޅުގަނޑަށް ވަރަށް އަވަހަށް އެ މަސައްކަތެއް ނިންމާލެވޭ. މޯލްޑިވިއަންގެ 2015 ވަނަ އަހަރުގެ ކަލަންޑަރަށް މަސައްކަތް ކުރި އިރު ވަރަށް އަވަހަށް ނިންމާލެވުނު. އެއީ އެ ވަގުތު އެ ޕްރޮޖެކްޓުގެ މަސައްކަތް އެކަނި ކުރަމުން އައީ. ގާތްގަނޑަކަށް ތިން ދުވަސް ތެރޭ ކޮންމެ އިލަސްޓްރޭޝަނެއް ނިންމާލެވުނު. ގެލޭރިއާއަށް ފުރިހަމަކުރި މަސައްކަތް ނިންމާލެވުނީ ހަފްތާއަކުން.

ދައުރު: އަމިއްލަ އާޓް ސްޓައިލް ބަޔާން ކޮށްދޭނީ ކިހިނެއް؟

ލައްޒަތު: "ބިޒީ." އަޅުގަނޑުގެ ކޮންމެ ކުރެހުމެއް ވެސް ފައްޓާނީ ވެކްޓާތަކެއް ގޮތަށް. ހުރިހާ ބައްޓަމެއް ވެސް ވަރަށް ސާފުކޮށް، ފައްޓާއިރު ހުންނަނީ؛ ދެން އެއަށްް ޑީޓެއިލްސް އިތުރު ކުރަނީ. އަޅުގަނޑަށް އެންމެ ކަމުދާ އާޓްވޯކް އަކީ އެކި ފަހަރުމަތިން އައިސް ބަލާހިތްވާ ކަހަލަ މަސައްކަތް.

ދައުރު: ލައްޒަތުގެ އަމިއްލަ ސްޓައިލް އުފެދުނީ ކިހިނެއް؟ އަދި އަމިއްލަ އާޓް ސްޓައިލެއް ބިނާ ކުރަން ބޭނުންވާ އާޓިސްޓަކަށް ދޭނެ ނަސޭހަތަކީ ކޮބާ؟

ލައްޒަތު: ވަރަށް ގިނައިން އެކްސްޕެރިމެންޓު ކުރަން ވާނެ. އަޅުގަނޑު ފަށައިގަތް އިރު ވަރަށް ބޮޑު ކްރިއޭޓިވް ފްރީޑަމްއެއް ލިބުނު. އެހެންވީމަ ވަރަށް ގިނަ ސްޓައިލުތައް އެކްސްޕެރިމެންޓު ކުރަން ފުރުސަތު ލިބުނު. ދެން ވަރަށް ކަމުދިޔަ ވެކްޓާގެ ކްލީން ލުކް. އެ ބޭނުން ކުރަން ފުރުސަތެއް ލިބުނީމަ، ވެކްޓާ ބޭނުން ކޮށްގެން އާޓްވޯކްސްގައި އެކި ސްޓައިލާއި މެތަޑް އަދި އެކި ކުލަ ބޭނުން ކުރަން ފެށިން. އަޅުގަނޑަކަށް ހިޔެއް ނުވޭ އަދި ވަކި އެއް ވައްތަރެއްގެ އާޓް ސްޓައިލެއް ގެންގުޅެވޭ ހެނެއް.

އަމިއްލަ ސްޓައިލެއް ބިނާ ކުރަން ބޭނުންވާ މީހަކު އެކި ކަމުދާ ސްޓައިލުތައް އެކްސްޕެރިމެންޓު ކުރަންވީ. އަޅުގަނޑު އިންސްޕިރޭޝަން ހޯދަން އިންސްޓަގްރާމް އަދި ޕިންޓްރެސްޓު ބޭނުން ކުރަން. އަބަދުވެސް ކަމުދާ އާޓްވޯކްސް ސޭވް ކުރަން އަދި ޓިއުޓޯރިއަލްސް ވެސް ސޭވްކޮށްފައި ބަހައްޓަން. ދެން އެއަށް އަނެއްކާވެސް ރިފާ ކޮށްލައިފައި އެއިން ކަމުދާ އެލެމެންޓެއް ބޭނުންކުރަން.

ދައުރު: ލައްޒަތުގެ މަސައްކަތުގައި އެކި މީޑިއަމްތައް ބޭނުން ކުރޭ އަދި އޭގެ ވަރަށް ބޮޑު ބައެއް ޑިޖިޓަލް އާޓްއަކީ. ލައްޒަތު އެންމެ ބޭނުންކުރާ ހިތްވާ މީޑިއަމަކީ ކޮބާ؟ 

އެންމެ ކަމުދަނީ ވެކްޓާ. ބައެއް ފަހަރު ގޮތެއް ނިންމަން ވަގުތު ނަގާތީ، ފަސޭހައިން ބަދަލު ކޮށްލަން ފުރުސަތު ލިބޭ. ވަރަށް ފަހުން އަޅުގަނޑު ފޮޓޯޝޮޕްގައި އެކި ޓެކްސްޗާސް އާޓްވޯކްގައި ބޭނުން ކުރަން ފެށިން. އެކަމަކު ހަމަ ކޮންމެ މަސައްކަތެއްގެ ފަހަތުގައި ވަނީ ވެކްޓާޒް.

ދައުރު: ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އެންމެ ކަމުދާ އާޓިސްޓުންނަކީ ކޮބާ؟

ލައްޒަތު: ވަރަށް ގިނަ. އެ ހުރިހާ އެންމެންގެ ނަން ބުނެދޭން އުނދަގޫ ވާނެ. އަޅުގަނޑު ފުރަތަމަ ޒީބްރާ ކްރޮސްގައި މަސައްކަތް ކުރަން ފެށިއިރު ތިބި ސީނިއާ ޓީމް އަކީ ވަރަށް ބޮޑު އިންގިލާބެއް އަޅުގަނޑުގެ މަސައްކަތަށް ގެނެސްދިން ބައެއް. ރާއްޖެއިން 'ވިރުސިއްކަ'، 'އަރާކާ'، ' ބަބީ ނަޖީލް، 'ސްޓޫޑިއޯ ސްކައިސި'ގެ ޒައިނާ ޝަރީފް، 'ޓިގްމަންޖެ' ހިމެނޭ. ބޭރުގެ އާޓިސްޓުންގެ ތެރެއިން މަރިޖަ ޓިއުރިނަ، ޕެޑްރޮ ކޮރެއަ، މާކް ކޮންލަން، ޖޭމްސް ޖީން އަދި ސްޓީވް ސިމްސަން.

ދައުރު: މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ އާޓިސްޓުންނަށް ދޭން ބޭނުންވާ ނަސޭހަތަކީ ކޮބާ؟

ލައްޒަތު: ކީޕް ކްރިއޭޓިން. ތިމާ ހިތްހަމަޖެހެންދެން އެކި ގޮތްތައް އަދި ސްޓައިލުތައް ބޭނުންކުރަންވާނެ. މަސައްކަތް ކުރަމުންދާއިރު ހުސް ވަގުތުކޮޅެއް ނަގާލަން ވާނެ. އަދި އަމިއްލަ މީހާގެ މަސައްކަތް އެހެން މީހުންގެ މަސައްކަތާ އަޅާނުކިޔާ އަމިއްލަ މަސައްކަތް ފުޅާކޮށް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަންވާނެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް