Majlis 2024

ރާނީ އެލިޒަބަތު ދެވަނަ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ

އިނިގރޭސިވިލާތް

އިނގިރޭސި ރާނީގެ ހާލުކޮޅު ދެރަވެ އާއިލީ ބޭފުޅުން ރާނީ އަރިހަށް

އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ހާލުކޮޅު ދެރަވެ، ޝާހީ އާއިލާގެ ބޭފުޅުން އެކަމަނާ އަރިހަށް ޒިޔާރަތްކުރައްވަން ފައްޓަވައިފި އެވެ.

އުމުރުފުޅުން 96 އަހަރުގެ ރާނީގެ ސިއްހީ ހާލުކޮޅާ މެދު ޑޮކްޓަރުން ކަންބޮޑުވާ ހާލަތަށް ގޮސްފައިވާކަން ބަކިންހަމް ޕެލެސް އިން މިއަދު ވަނީ ހާމަކޮށްފަ އެވެ. އަދި ރާނީގެ ޕްރިވީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން އޮތް ނަމަވެސް އެ ބައްދަލުވުން ވަނީ ކެންސަލްކުރައްވައިފަ އެވެ.

ބަކިންހަމް ޕެލެސް އިން ބުނިގޮތުގައި ރާނީ ގެންދަވަނީ ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގެކޮޅު ބެލްމޯރަލް ކާސްލްގައި އަރާމުކުރައްވަމުންނެވެ. 

އިނިގިރޭސި ރާނީ އެލިޒަބަތު ދެވަނަ (ވ) އެ ގައުމުގެ އާ ބޮޑުވަޒީރު ލިޒް ޓްރަސްއާ ބެލްމޯރަލް ކާސްލްގައި އަންގާރަ ދުވަހު ބައްދަލުކުރައްވަނީ.
ރާނީގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް މިދިޔަ ޖޫން މަހު ބޭއްވި ރަސްމިއްޔާތުގައި ޕްރިންސް ޗާލްސް އާއި ޕްރިންސް ވިލިއަމް އާއެކު ބަކިންހަމް ޕެލެސްގެ ބެލްކަނީގައި

ބީބީސީން ބުނާގޮތުގައި ޝާހީ އާއިލާގެ ބޭފުޅުން މިހާރު ގެންދަވަނީ ރާނީއަށް ޒިޔާރަތްކުރައްވަމުންނެވެ. އެގޮތުން އެކަމަނާގެ ހުރިހާ ބޭފުޅުން މިހާރު ތިއްބެވީ ބެލްމޯރަލްގައި ނުވަތަ އެ ތަނަށް ވަޑައިގަތުމުގެ މަގުމަތީގައި ކަމަށާއި މާމަ ދަރިކަލުން ޕްރިންސް ވިލިއަމް ވެސް މިއަދު ބެލްމޯރަލް އަށް ވަޑައިގެންފައިވާ ކަމަށް ބީބީސީން ބުނެ އެވެ.

ރާނީ އަވަހާރަވުމުން ތަހުތަށް ވަޑައިގަންނަވާނެ ވަލީއަހުދު ޗާލްސް ހިމެނިވަޑައިގަންނަވާ ގޮތަށް ތިން ދަރިކަލުންނާއި ދަރިކަނބަލަކާއި މާމަ ވިދާޅުވާ އަށް ބޭފުޅުން އަދި މުނި މާމަ ވިދާޅުވާ 12 ބޭފުޅުން އެކަމަނާގެ އެބަތިއްބެވި އެވެ.

ރާނީގެ ހާލުކޮޅު ދެރަވުމާ ގުޅިގެން އެކަމަނާގެ ޝާހީ ގެކޮޅު ބެލްމޯރަލް ކާސްލް ދޮށަށް މިއަދު މީހުން އެއްވެފައި. (ފޮޓޯ/ރޮއިޓާސް)

ރާނީގެ ހާލުކޮޅު ދެރަވުމުގެ ހަބަރާ އެކު އާއްމުން ވެސް މިހާރު ވަނީ ބެލްމޯރަލް ކާސްލް ދޮށަށް އެއްވާން ފަށައިފަ އެވެ.

އިނގިރޭސިވިލާތުގެ ސިޔާސީ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ރާނީ އަށާއި ޝާހީ އާއިލާއަށް ހެޔޮ އެދުންތައް ފޮނުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް