އާމިރު ހާން
ފެންބޮޑުވެފައިވާ އައްސާމަށް އާމިރު ހާން 25 ލައްކަ ރުޕީސް ދީފި
ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހިފައިވާ އައްސާމު ސްޓޭޓަށް އާމިރު ހާން އެހީ ފޯރުކޮށްދީފި އެވެ.
އައްސާމްގެ ޗީފް މިނިސްޓަރު ހިމާންތާ ބިސްވާ ޝަރުމާ ވިދާޅުވީ އައްސާމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް ބޮލީވުޑްގެ ތަރި އާމިރުގެ ފަރާތުން ދީލަތި އެހީއެއް ލިބިފައިވާ ކަމަށާއި އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.
އާމިރު ވަނީ 25 ލައްކަ ރުޕީސް އެ ފަންޑަށް ހަދިޔާ ކޮށްފަ އެވެ.
ފާއިތުވި ދެތިން ހަފްތާގައި އައްސާމަށް ކުރި ވިއްސާރާގައި ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހުޅުވާފައިވާ ރިލީފް ފަންޑަށް ބޮލީވުޑުގެ އިތުރު ފަންނާނުން ވެސް ވަނީ ފައިސާ ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި އަރުޖުން ކަޕޫރު، ސޯނޫ ނިގަމް އަދި ބުޝަން ކުމާރު ހިމެނެ އެވެ.
ސޯނޫ ނިގަމް އާއި އަރުޖުން ކަޕޫރު 5 ލައްކަ ރުޕީސް އަދި ބުޝަން 11 ލައްކަ ރުޕީސް އެ ފަންޑަށް ވަނީ ހަދިޔާ ކޮށްފަ އެވެ.
ފެންބޮޑުވުމުގެ ސަބަބުން އައްސާމް ސްޓޭޓުގެ 21،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާއިރު 134 މީހަކު ވަނީ މަރުވެފަ އެވެ. އަދި 191،000 މީހަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، 500 އަށް ވުރެ ގިނަ ރިލީފް ކޭމްޕު ވަނީ ގާއިމް ކޮށްފަ އެވެ.