މުއިއްޒުގެ ވީޑިއޯ އިން ފެންނަނީ ވެމްކޯގެ މުވައްޒަފަކު ކުނިކޮތަޅުތަކެއް ލޮރީއަށް އަރުވާ މަންޒަރު

ވަކިކޮށްފައިވާ ކުނި އެއްކުރާ ކަމުގެ ތުހުމަތު މިނިސްޓްރީއިން ދޮގުކޮށްފި

ގޭބިސީތަކުން ވަކިކޮށްގެން ނެރޭ ކުނި ނަގާއިރު، ވެމްކޯގެ މުވައްޒަފުން އެ ކުނި އެއްކުރާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތަށް އެންވަޔަރަމެންޓް މިނިސްޓްރީންނާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން (އީޕީ)އިން ރައްދު ދީފި އެވެ.

މައްސަލައިގެ ފެށުން - ޖޫން 1 އިން ފެށިގެން މާލެ ސަރަހައްދުުގެ ގޭބީސީތަކުން ވަކިކޮށްގެން ކުނި ނެރެމުން ދާއިރު މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު ވަނީ ވެމްކޯގެ މުވައްޒަފުން ކުނި އެއްކޮށްގެން ގޮސް، ލޮރީއަށް ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ޓްވީޓުކުރައްވާފަ އެވެ. އެ ވީޑިއޯ ހިއްސާ ކުރައްވަމުން ވިދާޅުވެފައި ވަނީ ވަކި ކުރި ކުނި އަޅާލަނީ އެހެނިހެން ކުނި ވެސް އަޅާ ލޮރީއަށް ކަމަށެވެ. އަދި މިއީ ބޮޑު އޮޅުވާލުމެއް ކަމަށާއި މިއީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ކުރާ ކަމެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ބުނީ ކީކޭ؟ - މުއިއްޒުގެ ޓުވީޓަށް ރައްދުދެމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ މުއިއްޒު ހިއްސާކުރެއްވި ވީޑިއޯއިން ފެންނަނީ ކުނި އެއްކުރާ މަންޒަރު ނޫން ކަމަށެވެ. އަދި ބަޔަކު ގޯސް ކަމެއް ހިންގާ ނަމަވެސް، އެ ބަޔަކާ 'ޖައްސާލައިގެން' ޓުވީޓު ނުކުރެއްވިޔަސް ޒިންމާ އަދާ ކުރެވޭނެ ކަމަށް އަލީ ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި އިހްލާސްތެރި ނިޔަތެއް އޮތް ނަމަ، ރަސްމީކޮށް އެ މައްސަލައަށް ހައްލު ގެނައުަމަށް މަސައްކަތް ކުރެވޭނެ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

މުއިއްޒުގެ ބަސް - އަލީ ސޯލިހުގެ ޖަވާބަށް މުއިއްޒު ވިދާޅުވީ މިހާރު އެ މައްސަލައާއި ގުޅިގެން ސިޓީ ހުށަހަޅާފައިވާ ކަމަށެވެ.

އީޕީއޭގެ ބަސް - މުއިއްޒުގެ ޓުވީޓަށް އީޕީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ ކުނި ވަކިކޮށްގެން ލޮރީއަށް އަރުވަމުންދިޔަ މަންޒަރު އޭނާއަށް ރޭ ފެނުނު ކަމަށެވެ.

އެނގުން މުހިއްމު - މިދިޔަ މަހުން ފެށިގެން މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނެރެން ޖެހެނީ ތިން ބަޔަކަށް ކުނި ވަކިކުރުމަށްފަހު އެވެ. ކުނި ވަކި ނުކުރާނަމަ، ބޮޮޑު އަދަދުން ޖޫރިމަނާ ކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކުނި ވަކިކުރަން ޖެހޭ ތިން ކެޓަގަރީ އަކީ:

  • 1-

    ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި (ބަދިގެ ކުނި، ނެޕީ ފަދަ ތަކެތި)

  • 2-

    ޕްލާސްޓިކް ފުޅި

  • 3-

    އެ ދެ ކެޓްގަރީގައި ހިމެނޭ ބާވަތުގެ ކުނި ފިޔަވައި އެހެނިހެން ހުރިހާ ބާވަތެއްގެ ކުނި 

މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ވަކިކޮށްގެން ނެރެން ޖެހޭއިރު، މަދުން ނަމަވެސް ވެމްކޯ އިން ކުނި އެއްކޮށް އެއްލާލާ ޝަކުވާ އާއްމުން ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް