ލަންކާގައި ތެލަށް ކިޔޫގައި ތިބި ބަޔަކު: ލަންކާގައި ވަނީ ތެލުގެ އަގުތައް ބޮޑުކޮށްފައި -- ފޮޓޯ/ ރޮއިޓާސް

ސްރީ ލަންކާ

އުފެއްދުންތެރިކަމަށް ޖާގަ ބޮޑުކުރަން ލަންކާގައި މަސައްކަތް ކުރާ ދުވަހުގެ އަދަދު ހަފުތާއަކު 4 ދުވަހަށް ކުޑަކޮށްފި

މުހިންމު ނުކުތާތައް

ސަރުކާރުން ބާރު އަޅަނީ ގިނަ ބަޔަކު ބޭރުގެ ގައުމުތަކަށް ގޮސް ވަޒީފާ އަދާކުރުމަށް

ގިނަ ބައެއްގެ ދިރިއުޅުން ވަނީ ވެއްޔާއި މޮޑެވިފައި

ހަފުތާ އަކު 4 ދުވަހު މަސައްކަތް ކުރުމުގެ ލުއި، ހާއްސަ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނަކަށް ނުލިބޭ

ހަފުތާއެއްގެ ތެރޭގައި މަސައްކަތް ކުރަން ޖެހޭ ދުވަހުގެ މުއްދަތު، އައިސްލޭންޑާއި އިނގިރޭސިވިލާތުގައި މަދު ކުރުމުގެ ބޭނުމަކީ އުފެއްދުންތެރިކަމަށް ހިތްވަރުދީ އުފާވެރިކަން ހޯދައިދިނުމެވެ.

އެހެން ނަމަވެސް ސްރީ ލަންކާގައި އެގޮތަށް ނިންމީ ބަނޑުހައިހޫނު ކަމާއި ތެލުގެ ޝޯޓޭޖާ ދެކޮޅަށް ހަނގުރާމަ ކުރުމެވެ.

ލަންކާއިން ދަނީ އެ ގައުމު މިނިވަންވީއްސުރެ ނުދެކޭ ފަދަ ތަދުމަޑުކަމާ ކުރިމަތިލަމުންނެވެ. މިދިޔަ އަންގަރާ ދުވަހު ލަންކާ ސަރުކާރުން އިއުލާން ކުރީ ސަރުކާރު މުވައްޒަފުން ހުކުރު ދުވަހު މަސައްކަތް ކުރަން ނުޖެހޭ ގޮތަށެވެ. އެއީ ކުރިއަށް އޮތް ތިން މަހަށެވެ؛ މުސާރަ ކުޑަ ނުކުރާ ގޮތަށެވެ. ބޭނުމަކީ އެ މީހުންގެ ގޯތިތަކުގެ ފުރަގަހުގައި ކާބޯތަކެތި ހެއްދުމަށް ވަގުތު ދިނުމެވެ.

ސްރީލަންކާގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ބުދަ ދުވަހު ބުނީ ސަރުކާރު މުވައްޒަފުންގެ މަސައްކަތު ދުވަސްތަކުގެ ތެރެއިން ހަފުތާއެއްގެ ތެރެއިން އެއް ދުވަސް އުނި ކުރީ، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ދިމާވެދާނެ، ކާބޯތަކެތީގެ ދަތިކަމަކުން ސަލާމަތްވުމުގެ ގޮތުން މަސައްކަތް ކުރުމަށް، ގޯތީގެ ފުރަގަހުގައި ނޫނީ އަދި އެ ނޫން ވެސް ތަނެއްގައި ދަނޑުވެރިކަން ކުރުމަށް ފުރުސަތު ދިނުން ކަމަށެެވެ.

އަދި ބުނީ ހަފުތާއެއްގެ ތެރޭގައި މަސައްކަތް ކުރާ ދުވަހުގެ އަދަދު މަދު ކުރުމުގެ އަނެއް ބޭނުމަކީ ކަރަންޓް ބޭނުން ކުރާ ވަރު މަދުކުރުން ކަމަށާއި ދަތުރުފަތުރުގެ ނިޒާމުތަކަށް ލުއި ހޯދައިދިނުން ކަމަށެވެ.

ގަބޫލު ކުރެވޭ ގޮތުގައި ލަންކާގައި މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުންގެ އަދަދު 1 މިލިއަނަށް އަރާނެ އެވެ. އެހެން ނަމަވެސް އެ ހަތަރު ދުވަހުގެ މަސައްކަތް ކުރުމުގެ ލުޔެއް "ހާއްސަ ހިދުމަތްދޭ" ތަންތަނުގެ މުވައްޒަފުންނަކަށް ނުލިބެ އެވެ. އެ ތަންތަނުގެ ތެރޭގައި ހޮސްޕިޓަލްތަކާއި ޕޯޓްތަކާއި ކަރަންޓާއި ފެނުގެ ހިދުމަތް ދޭ ފަރާތްތައް ހިމެނެ އެވެ.

ސްރީ ލަންކާއިން އަންނަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ ވާހަކަ ދައްކައިގެން ބެއިލްއައުޓް ޕެކޭޖް މި މަހު ނެގުމަށް ވާހަކަ ދައްކަމުންނެވެ. އަދި ލަންކާއިން ބާރު އަޅަނީ އެ ގައުމުގެ ރައްޔިތުން ބޭރުގެ ގައުމުތަކަށް ގޮސް ވަޒީފާ ހޯދުމަށެވެ. އެއާ އެކު ގައުމަށް ފައިސާ ފޮނުވުމަށެވެ.

ލަންކާ ސަރުކާރުން ބުނީ އެ ގައުމުގެ ސަރުކާރު މުވައްޒަފުންގެ ތެރެއިން ބޭރު ގައުމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް، ކުރިން ބުނުމަކާ ނުލައި، ފަސް އަހަރަށް އެ ވަޒީފާއަކަށް ދިއުމަށް ފުރުސަތު ދޭނެ ކަމަށެވެ؛ އެ މުއްދަތުގައި މުސާރަ ނުހިނގާ ގޮތަށެވެ.

ނުތަނަވަސް ކަމާއި ހަމަނުޖެހުން

އާބާދީގައި 22 މިލިއަން މީހުން ހިމެނޭ ލަންކާވަނީ އިގްތިސާދީ ގޮތުން ނާއި ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ބޮޑު ނުތަނަވަސް ކަމެއްގެ މެދު އެވެ. ރައްޔިތުންގެ ލޭ ވަނީ ކެކި އަރައިފަ އެވެ. އަދި ރައްޔިތުންގެ ރުޅި ކޮންޓްރޯލުން ނައްޓާލައި އެޕްރީލް މަހު ސަރުކާރު ވަނީ ފާލުން ކަޓުވާލައިފަ އެވެ. ސަރުކާރުގެ އެތައް އޮފިޝަލަކާ އެކު ބޮޑު ވަޒީރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. 

އެ ކާރިސާ ފެއްޓުނު ފަހުން ލަންކާގެ އެތައް ބައެއްގެ ދިރިއުޅުން ވަނީ އެފުށް މިފުށް ޖެހިފަ އެވެ. އަދި އެ ހަމަނުޖެހުމާއި ނުތަނަވަސް ކަމުން އެރޭނެ ގޮތެއް ނެތިފަ އެވެ.

އަސާސީ ތަކެތީގެ ތެރޭގައި ހިމެނޭ، ކާބޯ ތަކެއްޗާއި ގޭސް ހޯދުމަށް މުޅި ގައުމުގެ ފިހާރަތަކުގެ ބޭރުގައި ދުވަހުން ދުވަހަށް ގުދުގުދު ލައްވާފައި އޮންނަ ކިޔޫތައް ވަނީ ލޮލުކޮޅަށް ނުފެންނަ ވަރަށް ދިގުލައިފަ އެވެ. އަދި ފުރިޖާއި އެއާކޮންޑިޝަނާއި ފަންކާ ނުޖެއްސޭތީ ގިނަ ފިހާރަތައް ބަންދުކުރަން ވަނީ މަޖުބޫރުވެފަ އެވެ.

ގޭސް ސްޓޭޝަންތައް ކައިރީ ގަދަ ހޫނުގެ ތެރޭގައި އެތައް ގަޑިއެއްވަންދެން ތިބޭ މީހުންގެ ރުޅި މައިތިރި ކުރުމަށް ސިފައިން އަންނަނީ ފޯރިމަރަމުންނެވެ. އެމީހުންގެ ރުޅި ފަޅައިގެން ދިޔަ ނުދިނުމަށެވެ. އެ ގޮތަށް ކިޔޫގައި އެތައް ބަޔަކު ވަނީ މަރުވެސްވެފަ އެވެ.

ލަންކާގައި ތެލަށް ކިޔޫގައި ތިބި ބަޔަކު: ލަންކާގައި ވަނީ ތެލުގެ އަގުތައް ބޮޑުކޮށްފައި -- ފޮޓޯ/ ރޮއިޓާސް

ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދަނީ ހަފުތާ އަކު މަސައްކަތް ކުރާ ދުވަސްތަކުގެ އަދަދު ހަތަރު ދުވަހަށް މަދުކުރުމުން އަންނާނީ ކޮން ނަތީޖާއެއްްތޯ އެވެ. އެއީ ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުން ކުރާ ބަޔަކަށްވާތީ އެވެ. އަދި އެ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ފަގީރުން ކަމަށާއި އެ މީހުންނަކީ އެމީހުންނަށް ބޭނުންވާ ކާބޯތަކެތި އަމިއްލައަށް ހެއްދޭނެ ބައެއް ނޫން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް