އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި އިއްޔެ ބޭއްވި ސެޝަންތަކުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްޑީޕީ ކޮންގްރެސްގައި ރީނދޫ ޓައީ؛ އަންހެނުން މަދު

ދެން އޮންނަ ކޮންގްރެސްއަކަށް ޑަބްލިއުޑީސީތަކުގެ މެމްބަރުންނަށް އާދެވޭ ގޮތް ހަދަން ރޮޒައިނާ ހުށަހެޅުއްވި
21 އޯގަސްޓު 2022
1

މާފަންނު ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން އިއްޔެ އޮތް ސެޝަން މެންދުރުގެ ކެއުމަށް މެދުކަނޑާލުމަށް ފަހު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކޮންގްރެސްގެ ބައިވެރިވެންނާ މުހާތަބުކުރެއްވީ ވަރަށް އާދޭހާ އެކު އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ އެކުގައި އޮންނާނެ ހަމައެކަނި ގޮތަކީ ނިޒާމީ ވޯޓަކަށް ދިޔުމަށް ފުރުސަތު ދިނުން ކަމަށެވެ. އެހެންކަމުން، އެ ތަނަށް ވަޑައިގެން ތިއްބެވި ގޮފިތަކުގެ ރައީސުންނާއި ކައުންސިލްތަކުގެ މެންބަރުން ވެސް އެކަމާ މެދު ވިސްނެވުމަށް އެދިވަޑައިގަތެވެ. ނަޝީދުގެ ވާހަކަފުޅު ގޮސް ނިމުނީ ކޮންގްރެސްއަށް ވަޑައިގެން ތިއްބވި "ރީނދޫ ޓައީ އެޅި" އެމްޑީޕީގެ މެމްބަރުންނާ ހަމައިންނެވެ.

އެމްޑީޕީގެ ބޮޑު ކޮންގްރެސްގައި ބައިވެރިވީ ހުސް ރީނދޫ ޓައީ އެޅި ފިރިހެން މެމްބަރުން ހެއްޔެވެ؟ އަންހެން މެމްބަރުން އެ ތަނުގައި ނެތީ ހެއްޔެވެ؟ 

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި އިއްޔެ ބޭއްވި ސެޝަންތަކުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކޮންގްރެސްގައި އަންހެން މެމްބަރުންގެ އަދަދު މާ ބޮޑަށް ވެސް މަދީ އެވެ. އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް މިއަދު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މިއަދު ހެނދުނުގެ ސެޝަންގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ހުރިހާ ކައުންސިލް މެމްބަރުންނަށް ކޮންގްރެސްގައި ބައިވެރިވެވޭ ގޮތަށް އޮތުމުން، ކޮންގްރެސްގައި އެކަށީގެންވާ އަދަދަކަށް އަންހެނުންގެ ބައިވެރިވުން ފެނިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެއްވި ކަމަށެވެ.

"ނަމަވެސް، މިހާރު ކަން ނިމިގެން ދިޔަ އިރު ހަމަ މަދު އަދަދެއްގެ [އަންހެން] ބޭފުޅުން މި ފެނިގެން ދަނީ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގެ މިއަދުގެ ސެޝަންގައި ރޮޒައިނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ރޮޒައިނާ ވިދާޅުވީ އަސާސީ ގަވައިދު އިސްލާހު ކުރަމުން ދިޔައިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ) ކޮންގްރެސްއަށް ގެނައުން ކޮންމެހެން މުހިންމު ނޫން ކަމަށް ވާހަކަދެކެވުނީ ވެސް، ހުރިހާ ކައުންސިލަރުން އަންނާތީ ކޮންމެ ކައުންސިލަކުން އަންހެން ދެ ކައުންސިލަރުން އަންނާނެ ކަމަށް ބަލައިގެން ކަމަށެވެ.

"އެއީ އެކަށީގެންވާ އަދަދަކަށް އަންހެން ބޭފުޅުން އަންނާނެތީ. ނަމަވެސް، އަޅުގަނޑުމެނަށް ފެނިގެން މި ދިޔައީ އެ މަންޒަރެއް ނޫން،" ރޮޒައިނާ ވިދާޅުވި އެވެ.

ކޮންގްރެސްގައި އަންހެނުންގެ އަދަދު މަދުވުމުގެ ބައެއް ސަބަބުތައް ވެސް ރޮޒައިނާ ވިދާޅުވެދެއްވި އެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ކަންކަމަކީ:

  • ދަތުރުފަތުރު ކުރުމުގައި އަންހެނުންނަށް ދަތިތައް ދިމާވުން 

  • ދަރިން ބަލާނެ މީހަކު ނެތުން 

އޭނާ ވިދާޅުވީ، އެފަދަ ކަންކަމުގެ ސަބަބުން ރަށުން ބޭރަށް ގޮސް، ކަމެއްގައި ބައިވެރިވާން އަންހެނުންނަށް އުނދަގޫ ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އިއްޔެ ބޭއްވި ސެޝަންތަކުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އެމްޑީޕީގެ ކޮންގްރެސްގައި އިއްޔެ ބޭއްވި ސެޝަންތަކުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެހެންކަމުން، ދެން އޮންނަ ކޮންގްރެސްއަކަށް ޑަބްލިއުޑީސީގެ މެމްބަރުންނަށް ވެސް އާދެވޭ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ކައުންސިލްތަކުގެ %35 އަންހެނުންނަށް ހާއްސަކުރަން ޖެހުނީ ވެސް ގޮތް ނިންމާ ފެންވަރުގައި އަންހެނުންގެ އަދަދު މަދުވުމުންކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ.

"މިހާރު ވެސް ހަމަ އަޅުގަނޑުމެންނަށް މި ފެންނަނީ އެ މަންޒަރު. އެކަށީގެންވާ އަންހެން ރެޕެރެޒެންޓޭޝަނެއް އަޅުގަނޑުމެންނަކަށް މި ކޮންގްރެސްގެ ތެރެއިން ވެސް ފެނިގެން ނުދޭ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

އާންތު

22 އޯގަސްޓު 2022
ރޮޒައިނާ އަންހެނުންގެ ރޫހުން އެން ޑީ ޕީ ގެ ފުރަތަމަ އަންހެނުންގެ ރޫހުން ކުރެއްވި ކާމިޔާބު މަސައްކަތްތަކަށް ގޮންޖައްސަވައި އެއީ އެއްވެސް ކަމެއް ނުކުރައްވާ ބަޔަކަށް ހައްދަވާ އެވެލެއްވި ޤުރުބާނީގެ އަގު ވަޒަން ކުރުމުގެ ބަދަލުގައި އެ ޚިދުމަތްތަކަށް ފަސްއަޅާ ފޮރުވަން ކުރެއްވި މަސައްކަތް ވެސް ވީ ފެއިލް މިއަދު ހިންގާލަން ނިކުމެ ޤައުމުގެ ކަންކޮޅުތަކުގައި ތިމާ ވަރުގެ މީހަކު ނެތިގެން އުޅެފައި އަންހެނުންގެ ރޫހުގެ ރައީސާ ކަމުގައި ހުރެގެން ބޭއްވުނު އެމް ޑީ ޕީ ގެ ފުރަތަމަ ކޮންގްރެސް ގައި ވެސް އަންހެނުންގެ ރޫހު ފެއިލް ތިޔަހެން ނުވީސްނޫންތޯ އެ ޚިދުމަތް ތެރިންގެ އަގު ވަޒަން ކުރައްވާ އެބޭފުޅުންނާއި އެކު ކުރިއަށް ވަޑައިގެން ނަމަ ތިޔައޮތީ އަންހެނުންގެ ރޫޙު އަންހެނުންގެ ރޫހުގެ ރައީސާ ގެ އަތަށް ގޮވާ ޯޯޕާޓީގެ އަންހެނުންގެ ރޫޙުގައި ރައީސާ ގެ ސައިޒު ދައްކާލާފައި ދެން ވެސް މީހާ ސައިޒުވެ ތިމާ ނޫން އެހެން މީހުންނަކީވެސް މީހުން ކަމުގައި ދެކެ އަގުވަޒަން ކުރަން ދަސްކޮށްބަލަ ފައިސާ އަކީ ހުރިހާ އެއްޗެއް ނޫނޭ ކަނބުލޯ
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް