(ފޮޓޯ/ ގެޓީ އިމޭޖެސް)

އާޖެންޓީނާ

އިންފްލޭޝަން މައިތިރިކުރުމަށް އާޖެންޓީނާގެ އިންޓްރެސްޓު ރޭޓު %69.5 އަށް މަތިކޮށްފި

މި އަހަރު ނިމޭއިރު އާޖެންޓީނާގެ އިންފްލޭޝަން ރޭޓު %90 އަށް އަރާނެ ކަމަށް ވަނީ ބެލެވިފައި

އިންފްލޭޝަން މައިތިރިކުރުމަށް އާޖެންޓީނާގެ ސެންޓްރަލް ބޭންކުން އިންޓްރެސްޓް ރޭޓު %69.5 އަށް މަތިކޮށްފި އެވެ.

މިއީ އާޖެންޓީނާގެ ސެންޓްރަލް ބޭންކުން އިންޓްރެސްޓް ރޭޓު ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭ މަތިކުރި ދެވަނަ ފަހަރެވެ. މިފަހަރު އިންޓްރެސްޓް ރޭޓު މަތިކޮށްފައި ވަނީ %9.5 އިންނެވެ.

އާޖެންޓީނާގެ ސެންޓްރަލް ބޭންކުން އިންޓްރެސްޓް ރޭޓު އަނެއްކާވެސް ބޮޑުކޮށްފައި މިވަނީ އެ ގައުމުގެ އިންފްލޭޝަން ރޭޓު 20 އަހަރު ތެރޭ އަރާފައިވާ އެންމެ މަތީ މިންވަރަށް، %70 އަށް އަރާފައިވާ ކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދެއްކުމާ ގުޅިގެނެވެ.

އާޖެންޓީނާގެ އިންފްލޭޝަން ރޭޓު އިތުރަށް މައްޗަށް ނުދާނެ ކަމަށް އަންދާޒާކޮށް އެމެރިކާއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކުން ލިބުނު އުއްމީދުތައް ވަނީ ގެއްލިގެން ގޮސްފަ އެވެ.

އާޖެންޓީނާގެ ސެންޓްރަލް ބޭންކުން ވަނީ މީގެ ދެ ހަފްތާ ކުރިން އިންޓްރަސްޓް ރޭޓު %8 މައްޗަށް ޖައްސާފަ އެވެ. އެއީ އެ ބޭންކުން އިންޓްރަސްޓް ރޭޓު މި އަހަރު މަތިކުރި އަށްވަނަ ފަހަރެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރު ނިމޭއިރު އާޖެންޓީނާގެ އިންފްލޭޝަން ރޭޓު ހުންނާނީ %90 ގަ އެވެ.

ދެކުނު އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގައި އުފުލެމުންދާ އަގުތަކާއި އިތުރުވަމުންދާ ލޯނުތަކާއި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަކީ އާޖެންޓީނާގެ އިގްތިސާދީ ވަޒީރު ސަރްޖިއޯ މައްސާއަށް މިވަގުތު އޮތް އެންމެ މުހިންމު މަސައްކަތެވެ.

މައްސާ އަކީ މިދިއަ ދެ މަސް ދުވަސް ތެރޭ އާޖެންޓީނާގެ އިގްތިސާދީ ވަޒީރުކަމުގެ މަގާމު ފުރުއްވާ ތިންވަނަ ބޭފުޅާ އެވެ. މިފަހުން އެ މަގާމު ފުރުއްވި ބޭފުޅުންނާ ހިލާފަށް އިގްތިސާދު ހަމައަކަށް އެޅުވުމަށް މައްސާ ގެންގުޅުއްވަނީ ތަފާތު ވިސްނުމެކެވެ. އިންޓްރެސްޓް ރޭޓު މަތިކުރެއްވުމުގެ އިތުރުން މައްސާ ވަނީ ސަރުކާރުގެ ހަރުދަތަކަށް ފައިސާ ޕްރިންޓް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އާޖެންޓީނާގެ މާލީ ވަޒީރުކަމުގައި ދެ އަހަރާއި ބައި ހޭދަކުރެއްވުމަށް ފަހު މާޓީން ގަޒްމަން އިސްތިއުފާ ދެއްވާފައި ވަނީ ހުސްވި ޖުލައި މަހު އެވެ. އެއަށް ފަހު އެ މަގާމާ ހަވާލުވެވަޑައިގެންނެވި ސިލްވީނާ ބަޓަކިސް އެމަގާމު ފުރުއްވީ އެއް މަސް ދުވަހު އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ނަގާފައިވާ 44 ބިލިއަން ޑޮލަރުގެ ލޯނަކަށް ދައްކަން ޖެހޭ ފައިސާ މި އަހަރުގެ ކުރީކޮޅު އާޖެންޓީނާއަށް ދެއްކުނީ ކިރިޔާ އެވެ. އަދި އައިއެމްއެފްއާ އެކު ހަދާފައިވާ ޑީލުގެ ސަބަބުން އާޖެންޓީނާގެ ސަރުކާރުން ތަންފީޒު ކުރަން ޖެހޭ ސިޔާސަތުތަކާ މެދު އެ ގައުމުގެ ގިނަ ރައްޔިތުންތަކެއްގެ މެދުގައި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.

ރައީސް އަލްބާޓޯ ފެނާންޑޭސްގެ ސަރުކާރުން އިގްތިސާދު ހަމައަކަށް އެޅުވުމަށް ފޭލުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ވެރިރަށް ބުއެނަސް އައިރިސްގެ މަގުތަކަށް ފާއިތުވެދިޔަ ހަފްތާތަކުގައި ނުކުމެ މުޒާހަރާކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް