ތ. ފުނައްޑޫ: އެ ރަށް ސަރުކާރަށް ގަނެ މިފްކޯއާ ހަވާލުކުރި އިރު ހާލަތު ވަނީ ދަށްވެފައި

މިފްކޯ

ފުނައްޑޫއަކީ ބުރައެއް ނޫން، ރަނގަޅު އިންވެސްޓްމަންޓަކަށް ވާނެ: މިފްކޯ

މިފަހުން ސަރުކާރުން ގަނެ މިފްކޯއާ ހަވާލުކުރި ވަރަށް ބޮޑަށް ހަލާކުވެފައިވާ މަސް ޕްރެސެސިން ފެކްޓަރީ، ތ. ފުނައްޑޫ އަލުން މަރާމާތުކޮށް އޮޕަރޭޝަނަށް ގެންނަން 10.2 މިލިއަން ޑޮލަރު (157.3 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން ޖެހުނަސް އެއީ ބުރައެއް ނޫން ކަމަށާއި އެއީ ރަނގަޅު އިންވެސްޓްމަންޓަކަށް ވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - މިހާރުވެސް މާލީ ހާލަތު އެހާ ރަނގަޅު ނޫން މިފްކޯއާ ހަވާލުކުރި ފުނައްޑޫއަކީ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް އާއި ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ މަސް ގަނެ އެކްސްޕޯޓް ކުރުމަށް 2004  ވަނަ އަހަރު 117 މިލިއަން ރުފިޔާގެ ލޯނު ނަގައިގެން ފެށި އިންވެސްޓްމަންޓެކެވެ. އެ ލޯނު ނުދައްކައިގެން ބީއެމްއެލް އިން އެތަން ވިއްކާލަން ތަކުރާރުކޮށް އިއުލާން ކުރި ނަމަވެސް ނުވިކުމުން ސަރުކާރަށް އެތަން ގަތީ އެވެ.

ފުނައްޑޫގެ ހާލަތު:

  • ބަނދަރު ހަލާކުވެ އެ ރަށަށް ކައިރިކުރެވޭނެ ގޮތެއް ނެތް

  • އެ ރަށުގައި ހުރި މަސް ޕްރޮސެސިން ޕްލާންޓް މަރާމާތު ނުކޮށް ބޭނުން ކުރެވޭކަށް ނެތް

  • ވަރަށް ބޮޑަށް ރަށް ވަނީ ވީރާނާވެފައި

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ޕީއެސްއެމް)

ބުނީ ކީކޭ؟ - ފުނައްޑޫ ތަރައްގީކުރަން މިފްކޯއިން އަނެއްކާ ވެސް ބޮޑު ލޯނަކަށް ދާން ޖެހުމަކީ ކިހާ ވަރެއްގެ ބުރައެއްތޯ 'ދައުރު'އިން ސުވާލުކުރުމުން މިފްކޯ މެނޭޖިން ޑިރެކްޓަރު ފައުޒީ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފްކޯގެ މަސް ޕްރޮސެސިން ޕްލާންޓްތައް ހުރުން މުހިންމު ކަމަށެވެ. އެގޮތުން ފުނައްޑޫގެ ސަބަބުން ލިބޭނޭ ފަސޭހަތަކުގެ ގޮތުގައި ފައުޒީ ވިދާޅުވީ:

  • ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިން ބާނާ މަސް ކިރުވޭނޭ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހުމަށް އެޅޭނެ ފިޔަވަޅެއް

  • މޫސުމީ މަސްވެރިކަމެއް ރާއްޖޭގައި އޮންނަ އިރު މިފްކޯގެ ޕްރޮސެސިން ޕްލާންޓްތަކުގެ އަދަދު އިތުރުވުމަކީ މަސްވެރިންނަށް ލިބޭނޭ ފަސޭހައެއް 

  • ދޯނިތައް އިތުރުވަމުން އަންނައިރު މަސް ޕްރޮސެސް ކުރާ ގިނަ ކާރުހާނާ ބޭނުންވޭ، ތ. އަތޮޅުގައި ވެސް ދޯނިތައް އަންނަނީ އިތުރުވަމުން

  • އެ ސަބަބުތަކާ ހުރެ ލޯނެއް ނަގައިގެން ފުނައްޑޫ ތަރައްގި ކުރުމަކީ ރަނގަޅު އިންވެސްޓްމަންޓަކަށް ވާނޭ ކަމަށް އޭނާ ވިދާޅުވި

"އެ ހިސާބުން ހިރިލަންދޫ ހިސާބުގައި ވެސް ދޯނިތައް ވެސް މި އަންނަނީ އިތުރުވަމުން. ގިނަ އަދަދަކަށް ދޯނި އުޅޭ ސަރަހައްދެއް އެއީ. އެހެން ވީމާ އިތުރު ޕްލާންޓެއް، އެ ސަރަހައްދުގައި ހެދުމަކީ ކުންފުންޏަށް ރަނގަޅު އެސެޓެއް މުހިންމު އިންވެސްޓްމަންޓެއް،" ފައުޒީ ވިދާޅުވި އެވެ.

މިފްކޯ އިން ޅ. ފެލިވަރުގައި ހިންގާ މަސް ފެކްޓްރީގައި މަސްތަކެއް ސާފުކުރުމުގެ މަސައްކަތް ކުރަނީ. (ފޮޓޯ/ޕީއެސްއެމް)

ތަފްސީލް - އޭނާ ވިދާޅުވީ ފުނައްޑޫ ތަރައްގީ ކުރުމުން ދުވާލެއްގެ މައްޗަށް 100 ޓަނުގެ މަސް އެ ރަށަށް ކިރޭނޭ ކަމަށެވެ. އަދި އެ ރަށުގައި 50 ޓަނުގެ މަސް ފިނިކުރެވޭނެ ނިޒާމެއް ގާއިމްކުރާނެ ކަމަށް ފައުޒީ ވިދާޅުވި އެވެ. އެވެ. އަދި މަސް ރައްކާކޮށްފައި ބެހެއްޓޭ، ސްޓޯރޭޖް ފެސިލިޓީ 1،500ޓަނަށް އިތުރު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ފުނައްޑޫ ތަރައްގީ ކުރުމަށް މިފްކޯއިން ލޯނެއް ނަގަނީ މިވަގުތު ސަރުކާރުގެ މާލީ ހާލަތު ހުރިގޮތުން ސަރުކާރަށް އެ ފައިސާ ދެވެން ނެތިގެންނެވެ. އެގޮތުން މިފްކޯއަށް ލޯނެއް ހޯދުމަށް 2-3 މަސް ނަގާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް