'އާބަން އައިލް' ޕްރޮޖެކްޓް ތަރައްގީ ކުރަން ހުޅުމާލޭން ކަނޑައަޅާފައިވާ ސަރަހައްދު - އިލަސްޓްރޭޝަން/ އެޗްޑީސީ

ޓޫރިޒަމް

ހުޅުމާލޭ އާބަން އައިލް ގައި 15 ގެސްޓްހައުސް އަޅަން ހުޅުވާލައިފި

އެޗްޑީސީ އިން ބުނީ އާބަން އައިލް މަޝްރޫއާ އެކު ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް އަންނާނޭ ކަމަށް

'އާބަން އައިލް'ގެ ނަމުގައި ހުޅުމާލޭ ދެވަނަ ފޭސްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން 15 ގެސްޓު ހައުސް އަޅަން ނިންމާ އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އާބަން އައިލް އަކީ ކޮބާ؟

  •  އެކި ފަންތީގެ ޓޫރިޒަމް ތަރައްގީ ކުރަން ހާއްސަކޮށްފައިވާ ޕްރޮޖެކްޓެއް

  • ޕްރޮޖެކްޓް ހިންގުމަށް ބިން ހާއްސަކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެންމެ އުތުރުކޮޅުގައި، ފުލްމޫން ރިސޯޓާ ވީކޮޅުގައި

  • 103،421 އަކަމީޓަރުގެ ސަރަހައްދެއް އެކަމަށް ކަނޑައަޅާފައިވޭ

ބުނީ ކީކޭ؟ - އެޗްޑީސީ އިން މިއަދު ބުނީ އާބަން އައިލްގައި 15 ގެސްޓް ހައުސް ތަރައްގީ ކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 2 ނިޔަލަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓު (އީއޯއައި) ހުށަހެޅޭނެ ކަމަށެވެ. އެގޮތުން:

  • އީއޯއައި ހުށަހަޅަން ޖެހެނީ އާބަން އައިލްގެ އިންވެސްޓާ ޕޯޓަލް މެދުވެރިކޮށް

  • 15 ފަރާތަށް ވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފި ނަމަ ޕްލޮޓު ދޭނީ ވާދަވެރި ބިޑަކަށް ގޮސްގެން 

  • ކޮންމެ ފަރާތަކަށް ވެސް ޝައުގުވެރިކަން ފާޅުކުރެވޭނީ އެއް ޕްލޮޓަށް

 އެޗްޑީސީ އިން ބުނީ ހުޅުމާލެ އާއި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައި ވުމުން ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށެވެ. އެޗްޑީސީއިން ބުނެފައިވާ ގޮތުގައި:

  • ގާތްގަނޑަކަށް 23 ހެކްޓަރުގެ އެ ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ  އެކޮމޮޑޭޝަން ފެސިލިޓީތަށް ހިމެނޭނެ 

  •  ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނޭ

އާބަން އައިލްގައި ހިމެނޭ ޔުޓިލިޓީ ނެޓްވޯކާއި އޯޕަން އެކްސެސް ނެޓުވޯކުގެ އިތުރުން  ސްމާޓް އިންފްރާސްޓްރަކްޗާ ގާއިމް ކުރުމުގެ މަސައްކަތް އެޗްޑީސީ އިން މިހާރު ދަނީ ކުރަމުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން ބުނީ އެންމެ އިސްކަންދެނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި ޕްރޮޖެކްޓު ތަރައްގީ ކުރުމަށް ކަމަށެވެ. އެގޮތުން:

  • ފަތުރުވެރި ކަމުގެ އިންޓަގްރޭޓަޑް މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ހިނގައިގަތުމުން މުޅި ދިވެހި އިގުތިސާދަށް އަދި ހާއްސަކޮށް މާލޭ ސަރަހައްދަށް ގިނަ ފައިދާތައް ކުރާނެ

  • މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ގިނަ ދާއިރާތަކަކުން  ވަޒީފާގެ ފުރުސަތުތަކެއް އުފެދޭނެ

  • އާބަން އައިލްގެ ސަބަބުން އިގުތިސާދީ ކުރިއެރުންތައް ލިބި،  ފަތުރުވެރިންނަށް ވެސް ހިތްގައިމު ތަޖުރިބާތަކެއް ލިބިގެންދާނެ

'އާބަން އައިލް' ޕްރޮޖެކްޓް ތަރައްގީ ކުރަން ހުޅުމާލޭން ކަނޑައަޅާފައިވާ ސަރަހައްދު - އިލަސްޓްރޭޝަން/ އެޗްޑީސީ

ތަފްސީލް - ހުޅުމާލޭ ތަރައްގީކުރުމުގެ މަޝްރޫއާ މުޅިން ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގަން ނިންމާފައިވާ އެ މަޝްރޫއުގެ ދަށުން ތަރައްގީކުރަން ނިންމާފައި ވަނީ:

  • މެދު ފަންތީގެ 10 ބުރީގެ ތިން ހޮޓާ - 19،103 އަކަމީޓަރުގެ ސަރަހައްދެއް

  • މަތީ ފަންތީގެ 10 ބުރީގެ ތިން ހޮޓާ - 50،681 އަކަމީޓަރުގެ ސަރަހައްދެއް

  • 8-10 ބުރީގެ ހަތަރު ސިޓީ ހޮޓާ - 2850 އަކަމީޓަރުގެ ސަރަހައްދެއް

  • ހަ ބުރީގެ 21 ގެސްޓްހައުސް - 9224 އަކަމީޓަރުގެ ސަރަހައްދެއް

  • ތިން ބުރީގެ 11 ލަގްޒަރީ ވިލާ - 5083 އަކަމީޓަރުގެ ސަރަހައްދެއް

  • 8-12 ބުރިއަށް، ސާވިސްޑް އެޕާޓްމަންޓް ހަދަން 10 ބިން 7006 އަކަމީޓަރުގެ ސަރަހައްދެއް

  •  ވިޔަފާރިތައް ތަރައްގީކުރަން ނުވަ ބިން 9474 އަކަމީޓަރުގެ ސަރަހައްދެއް

'އާބަން އައިލް' ޕްރޮޖެކްޓް ތަރައްގީ ކުރަން ހުޅުމާލޭން ކަނޑައަޅާފައިވާ ސަރަހައްދު - އިލަސްޓްރޭޝަން/ އެޗްޑީސީ

ވިޔަފާރިތައް ތަރައްގީކުރަން ދޫކުރާ ބިންތަކުގައި ޝޮޕިން މޯލްތަކާއި ސިނަމާ އާއި އެހެނިހެން މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅޭނޭ ތަންތަން ގާއިމްކުރަން ރާވާފައިވާ ކަމަށް ޕްރޮޖެކްޓަށް ހާއްސަކޮށްފައިވާ ވެބްސައިޓުގައި ހުރި ކުރެހުންތަކުން ދައްކަ އެވެ. އަދި އެ ތަނުގައި އުސް ޓަވަރެއް ވެސް ހެދުމަށް ޕްލޭންގައި ހިމަނާފައިވެ އެވެ.

އިތުރަށް ކިޔާލަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް