ތައިލެންޑް ކުޅުންތެރިން ރާއްޖެ ކޮޅަށް ގޯލް ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ފުރަތަމަ މެޗުން ތައިލެންޑް އަތުން ރާއްޖެ ބަލިވެއްޖެ

ރާއްޖެ އަށް ދެން އޮތީ އުޒްބެކިސްތާނާއި ސްރީ ލަންކާ މެޗު

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސީ ގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުން މިއަދު ހަވީރު ތައިލެންޑް އަތުން 3-0 އިން ބަލިވެއްޖެ އެވެ.

ފެންވަރަށް ބަލާއިރު މި ގްރޫޕުން ރާއްޖެ އަށް ނަތީޖާއެއް ނެރެވުމުގެ ފުރުސަތު އެންމެ ބޮޑު ދެ ޓީމުގެ ތެރެއިން އެއް ޓީމު އަތުން ބަލިވުމާ އެކު ދަށް ވެގެން ގްރޫޕުގެ ދެ ވަނަ ހޯދަން ރާއްޖެ އަށް މިވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

މި ދެ ޓީމުގެ އިތުރުން އުޒްބެކިސްތާނާއި ސްރީ ލަންކާ ހިމެނޭ މި ގްރޫޕުން އޭޝިއަން ކަޕަށް ކޮލިފައިވާނީ ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމެކެވެ. އެކަމަކު ހަ ގްރޫޕުގެ ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ފަސް ޓީމަށް ވެސް މުބާރާތަށް ކޮލިފައިވެވޭނެ އެވެ. އެހެންވެ ރާއްޖޭގެ ހަގީގީ ޓާގެޓް ކަމަށްވާ ދެ ވަނަ ހޯދަން، ރާއްޖެ އަށް ތައިލެންޑުގެ އިތުރުން ލަންކާ އަތުން ނަތީޖާއެއް ނެރެން އޮތީ ވަރަށް މުހިއްމު ވެފަ އެވެ.

ރާއްޖެ އަށް ދެން އޮތީ ހޮނިހިރު ދުވަހު އުޒްބެކިސްތާނާއި ދެކޮޅަށް ކުޅޭ މެޗާއި އަންނަ އަންގާރަ ދުވަހު ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ.

އުޒްބެކިސްތާނަކީ ދުނިޔޭގެ ރޭންކިންގެ 83 ވަނައިގައި އޮތް ގައުމެކެވެ. އެ ޓީމުގެ ކެޕްޓަނަކީ އިޓަލީގެ ރޯމާގެ ފޯވާޑް އެލްޑޯ ޝޮމުރްދޯފް އެވެ.

އުޒްބެކިސްތާނުގެ ގަރްޝީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައި ރާއްޖޭން ތައިލެންޑަށް ގޯލެއް ޖެހިޔަނުދީ ހިފެހެއްޓި އެވެ. ތައިލެންޑުން ލީޑު ނެގީ 41 ވަނަ މިނެޓުގައި ސަރަޗް ޔޫޔެން ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތު ޓީރަސިލް ޑަންގްޑާ ލީޑު ފުޅާކުރި އެވެ.

ދެ ވަނަ ހާފުގައި ރާއްޖޭން ކުޅުން ރަނގަޅުކުރި އެވެ. އަދި ފުރުސަތުތައް ވެސް ހޯދި އެވެ. އޭގެ ތެރޭގައި ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ފުރުސަތުތައް ފާހަގަކުރެވެ އެވެ. އެކަމަކު އޭގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ ތައިލެންޑުން 80 ވަނަ މިނެޓުގައި ޕަންސާ ހެމްވިބޫންގެ ގޯލުން ތިން ވަނަ ލަނޑު ޖެހުމެވެ.

ރާއްޖޭން މި މެޗުތަކާ ކުރިމަތިލީ ތައްޔާރުވުމުގެ އެއްވެސް މެޗެއް ނުކުޅެ އެވެ. އަދި ކުރިއާ ހިލާފަށް ޓްރެއިނިން ކޭމްޕެއް ވެސް ފުރިހަމަނުކުރެ އެވެ. އެފްއޭއެމުން ބުނީ އޭގެ ސަބަބަކީ އެކަށީގެންވާ ވަގުތު ނެތުމުން، އިތުރު ދަތުރެއް ކުރަން ޖެހިއްޖެ ނަމަ ކުޅުންތެރިންގެ ވަރުބަލިކަން ބޮޑުވާނެތީވެ، ޓެކްޓިކްސް އަށް މަސައްކަތްކުރަން އެ ވަގުތު ބޭނުކުރަން ކޯޗު ލަފާ ދިނުމެވެ.

ރާއްޖެ އަށް ތައްޔާރުވާން ވަގުތު ގެއްލުނީ ގައުމީ ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭ މާޒިޔާ އިން އޭއެފްސީ ކަޕުގައި ވާދަކުރަން ޖެހުމެވެ. އެ ޓީމުގެ ކުޅުންތެރިން އެނބުރި އައިސް ގައުމީ ޓީމުގެ ފުލް ސްކޮޑަށް އެއްކޮށް ތައްޔާރުވާން ލިބުނީ ދެ ހަފުތާއެއްހާ ދުވަހެވެ.

މިއީ ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު ރަސްމީ ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުން މާޗު މަހު ބަންގްލަދޭޝް އަތުން މާލޭގައި 2-0 އިން މޮޅުވި އެވެ.

މިއީ ތައިލެންޑާއި ރާއްޖެ ކުޅުނު ހަތަރު ވަނަ މެޗެވެ. މި ދެ ޓީމު 1996 ގެ އޭޝިއަން ކަޕް ކޮލިފައިންގައި ބެންކޮކުގައި ކުޅުނު ދެ މެޗު ވެސް ތައިލެންޑް ވަނީ 8-0 އިން  ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން 2012 ވަނަ އަހަރު އެކުވެރިކަމުގެ މެޗަކުން ތައިލެންޑް 3-0 އިން މޮޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް