ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދު މަޝްވަރާއެއްގައި: އެމްޑީޕީގެ ތެރެއިން މިހާ ބާރުގަދަ ދެ ވެރިންނެއް މީގެ ކުރިން އުފެދިފައެއް ނެތް

ސިޔާސީ

އެމްޑީޕީގެ އުފެދުމާއި މިހާރުގެ ބޮޑު ތެޅުން

ރިޔާސީ ޕްރައިމަރީއަކީ އެމްޑީޕީގެ 18 އަހަރުގެ ތާރީހުގައި އެތެރެއިން ކުރިމަތިވާ އެންމެ ބޮޑު ވާދަވެރިކަމާއި އެންމެ ނުބައި އަސަރެއް ވެސް ކުރުން ކައިރި ވޯޓެއް
24 ޖެނުއަރީ 2023
2

ރާއްޖޭގައި އެ ދުވަހު، 11 ނޮވެމްބަރު 2003، ރައީސް މައުމޫން އަބްދުލްގައްޔޫމް، އެމަނިކުފާނުގެ ވެރިކަމުގެ ހަ ވަނަ ދައުރުގެ ހުވާކުރެއްވީ އެވެ. އަވަށްޓެރި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުރި ފަސް ތަރީގެ ހޮޓާ، ގަލަދާރީގައި، ދިވެހިންގެ ސިޔާސީ ބަޔަކު، އެމްޑީޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދިކަން، ބައިނަލްއަގުވާމީ މީޑިއާގެ ކުރިމަތީގައި އިއުލާންކުރީ އެވެ.

ތާރީހީ ދުވަހެކެވެ. ވަކިވަކި ފަރުދުންގެ ގޮތުގައި މައުމޫންގެ ސަރުކާރަށް ޕްރެޝަރުކުރުމަށް ވުރެ ޕާޓީއެއްގެ ގޮތުގައި ނުކުތުން މާ ވަރުގަދަވާނެކަން އޭރު ރާއްޖޭގެ ސަރުކާރާ ދެކޮޅު، އޭރަށް ބަލާއިރު، ހިތްވަރު ވެސް ގަދަ ދިވެހިންގެ ބަޔަކަށް ވިސްނުނީ އެވެ.

ނަތީޖާ ގޯހެއް ނުވި އެވެ. އެމްޑީޕީން އެ ޖެއްސި ޕްރެޝަރުގައި މައުމޫން އިސްލާހީ އެޖެންޑާއެއް 2004ގައި އިއުލާންކުރައްވައި، ރާއްޖޭގެ ސިޔާސީ ދާއިރާ މުޅިން ބަދަލުކޮށްލުމުގެ ދަތުރަކަށް ފެއްޓެވި އެވެ.

އެކަމަކު ސްރީ ލަންކާގައި އެމްޑީޕީ އުފައްދަން ޖެހޭ ހިސާބަށް ރާއްޖޭގެ އެތެރޭގެ ހާލަތު 11 ނޮވެމްބަރު 2003 އައިއިިރު އޮތީ ގޮސްފަ އެވެ. މާފުށީ ޖަލުގައި ސިފައިން އަނިޔާކޮށްގެން އީވާން ނަސީމް މަރާލުމާއި އެ ދުވަހު ސިފައިން ބަޑި ޖަހައިގެން އެހެން ގައިދީންތަކެއްގެ ލޭ ވެސް އޮހޮރުވާލި ހާދިސާއާ އެކު ދިވެހިންގެ ވިސްނުން އެފުށް މިފުށަށް ޖެހުނީ އެވެ. އެހެންކަމުން 2004ގައި މައުމޫން އިއުލާންކުރެއްވި އިސްލާހީ އެޖެންޑާގެ ބައެއްގެ ގޮތުން 2005ގައި، ސިޔާސީ ޕާޓީ އުފެއްދުމުގެ ފުރުސަތު ހުޅުވާލި އެވެ.

ރައީސް ސޯލިހު އިއްޔެ އއ. ތޮއްޑޫގައި: މިއީ އެމްޑީޕީގެ ފަރާތުން ރާއްޖޭގައި ވެރިކަން ކުރައްވާ ދެ ވަނަ ރައީސް (ފޮޓޯ/ކެމްޕޭނު ޓީމް)

އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީއަށް އެމްޑީޕީ ވެ، މިއަދު ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ވެސް އޮތީ އެ ޕާޓީގެ އަތުގަ އެވެ. ނަމަވެސް އެ ހުރިހާ ބާރާ އެކު ވެސް އެމްޑީޕީ މިހާރު އެ ދަނީ ތާރީހުގައި ފެނިިފައި ނެތް ހަލާކެއްގެ ތެރެއަށް ކަމަށް، ޕާޓީގެ ބައެއް މެމްބަރުންނާއި ބޭރުން ހާލަތު ބަލަމުން އަންނަ އެތައް ބަޔަކަށް ގަބޫލުކުރެވެ އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރި ރިޔާސީ ޕްރައިމަރީގެ ކެމްޕޭން އޮތީ ފާޑެއްގެ ރުޅިވެރިކަމެއްގަ އެވެ. ޕާޓީ އުފެދުނީއްސުރެ އަޑިންނާއި މަތިން އެމްޑީޕީ ކޮންޓްރޯލް ކުރައްވަމުން ގެންދެވި ނަޝީދަށް އޭގެ ކުރިން މިހާ ވަރުގެ ވާދަވެރިކަމެއް އެތެރެއިން ކުރިމަތިވެފައެއް ނުވެ އެވެ. ކުރިން ނަމަ އެމަނިކުފާނަކީ އެމްޑީޕީގެ ފަރާތުން ރާއްޖޭގެ ރައީސްކަންކުރެއްވި ހަމައެކަނި ބޭފުޅެވެ. ނަމަވެސް މިހާރު ނަޝީދުގެ ކުރީގެ އެންމެ ގާތް އެއް އެކުވެރިޔާ ރައީސް ސޯލިހު ވެސް ހުންނެވީ ޕާޓީގެ ބޮޑެތި ބާރުތަކެއް ނަންގަވައިގެންނެވެ.

މިއީ ވަރުގަދަ ތެޅުމެކެވެ. މިއީ ޕީޕީއެމްގެ ތެރޭގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް މައުމޫނާ ދެމެދު އުފެދުނު ފަދަ ތެޅުމެކެވެ. ރިޔާސީ ޕްރައިމަރީއެއްގައި ދެބެއިން ވާދަކުރެއްވީކީ ނޫނެވެ. ޕާޓީގެ ކޮންޓްރޯލް ހޯއްދެވުމުގެ އެތެރޭގެ  ހަނގުރާމައެއް ހިނގީ އެވެ.

އެކަމަކު ޕީޕީއެމްއާ ހިލާފަށް އެމްޑީޕީއަކީ އެތައް ބައެއްގެ ގުރުބާނީއެއްގެ ސިޔާސީ ރަމްޒެކެވެ. އެތައް ބަޔަކު ބަންދުވެގެން، އެތައް ބަޔަކު ޖަލަށް ގޮސްގެން، އަދި މަގުމަތީގެ ހަރަކާތްތަކުން ސިފަ ޖެހުނު ޕާޓީއެކެވެ. އެހެންވެ ރާއްޖޭގެ ސިޔާސީ އެހެން ޕާޓީތަކަށް ވުރެ އެމްޑީޕީގެ އެތެރޭގައި އޮންނަ ރޫހު ވަރުގަދަ އެވެ. ޕްރައިމަރީއަކާ ހަމައަށް ދިއުމުގެ ކުރިން ބެލެވުނީ އެ ރޫހުގެ ސަބަބުން ޕާޓީއަށް ހިމާޔަތެއް ލިބޭނެ ކަމަށެވެ. ނަމަވެސް ބާރު ހުރި ދެ ވެރިން އުފެދިއްޖެ ނަމަ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މާޒީން ފެންނަ ރޫޅުންގަނޑާ މި އޮތީ ކުރިމަތިވެފަ އެވެ.

'ދައުރު'ގެ ޕޮޑްކާސްޓް 'އެޑިޓާސް ޓޯކް'ގައި އަޅުގަނޑާއި މެނޭޖިން އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު ދެއްކި ވާހަކާގައި، އެމްޑީޕީގެ އެތެރޭގެ މައްސަލަތަކަށް ބަލާލެވުނެވެ. އެމްޑީޕީއަށް ދެރައެއް ދިމާވެއްޖެ ނަމަ އެއީ ގައުމަށް ވެސް ދެރައެއް ކަމަށް، އަޅުގަނޑުމެން ދެ މީހުންނަށް ވެސް ގަބޫލުކުރެވުނެވެ. އޭގެ ސަބަބު އެބަ ހުއްޓެވެ.

ކުރީގެ ރައީސް ނަޝީދު އިއްޔެ އައްޑޫ ހިތަދުއަށް ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ދަންނަވަނީ  (ދައުރު ފޮޓޯ)

"އެމްޑީޕީގެ ހަރަކާތްތަކާ މެދު ހިތްހަމަނުޖެހޭ މީހުން ގިނަވެދާނެ. [އެކަމަކު] އެމްޑީޕީއަކީ ވަރަށް ގިނަ ކަންކަން އިސްލާހުކުރަން، ހައްގުތައް ހޯދައިދޭން މަސައްކަތްކުރި ޕާޓީއެއް،" މާޒީގެ ތެރެއަށް ވަންނަމުން އަޅުގަނޑު ބުނީމެވެ.

"އެމްޑީޕީ ރޫޅާލައިގެން، ހަލާކުކޮށްގެން، އެއީ ވަރަށް ބޮޑު މައްސަލައެއް. [އެކަމަކު މިހާރު] އެމްޑީޕީން މި ފެންނަނީ އެކަހަލަ އެއްޗެއް."

ހިރިގާ ޒާހިރު ދެކެނީ "ޑިމޮކްރެޓިކް ގޮތަށް އޮޕަރޭޓްކުރަނީ އެމްޑީޕީ" ކަމަށެވެ. އެކަމަކު މާޒީއަށް ބަލާއިރު އެމްޑީޕީގެ ތެރޭގައި އެއްވަރަށް ބާރު ހުރި ދެ ވެރިންނެއް ފެންނާކަށް ނެތެވެ. އެހެންކަމުން އެމްޑީޕީގައި ކުރިން އޮތް ހަމަޖެހުމަށް މިހާރު މި އުފެދުނު ވާދަވެރިކަމުން ނުބައި އަސަރެއްކުރާނެ ކަމަށް އޭނާ ވެސް ދެކެ އެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕަށް ބަދަލު އަންނަތަން ފެންނަނީ ހަމަޖެހުމެއްގެ ތެރެއަކުންނެއް ނޫނެވެ. އެގޮތަށް އެކަން ވަނީ، އަޅުގަނޑުމެން ދެ ނޫސްވެރިންނަށް ވެސް ގަބޫލުކުރެވުނު ގޮތުގައި، ލީޑަޝިޕް ބަދަލުވާން ޖެހޭ ކަމަށް އޭރު ތިއްބަވާ ވެރިން ނުވިސްނަވާތީ އެވެ. އެއީ ދެއްވަން ޖެހޭ ފުރުސަތެއް ކަމަށް ވެސް ގަބޫލުނުކުރައްވާތީ އެވެ.

ހިރިގާ ޒާހިރު މިސާލު ދެއްކީ، މައުމޫންގެ ވެރިކަމުންނެވެ. ރާއްޖޭގެ ވެރިކަމަށް އާ ބޭފުޅަކު ގެންނެވުމުގެ ފުރުސަތު 30 އަހަރުގެ ވެރިކަމެއްގައި އޮންނާނެ އެވެ. އެކަމަކު އެގޮތަށް މައުމޫން ދުލެއް ނުދެއްވި އެވެ.

"މައުމޫން ބޭނުންފުޅުވި ޒުވާން ބޭފުޅުންނަށް ކެބިނެޓުން ފުރުސަތު ދެއްވަން. [ވަޒީރުން ނިސްބަތްވަނީ] އުތުރެއް ދެކުނެއް ނުބައްލަވާ. އެހެންނަމަވެސް ނުކުރެއްވި ކަމަކީ [ވެރިކަމަށް އެހެން ބޭފުޅަކު ގެންނެވުން]. އަނެއްކާވެސް ބާރުވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވީ،" ހިރިގާ ޒާހިރު ބުންޏެވެ.

މި ވާހަކަތަކުގެ ތެރޭގައި އަޅުގަނޑަށް ފެންނަ ގޮތެއް ބުނެލެވުނެވެ. ސިޔާސީ ޕާޓީއަކުން ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވައި ނާކާމިޔާބުވެއްޖެ ބޭފުޅަކަށް އަލުން އެ ފުރުސަތު ނުދިނުމެވެ. އެގޮތަށް ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދުގައި ލިއުމެވެ. ނަމަވެސް އެކަން ވާނީ ޕާޓީތަކުގެ މެމްބަރުން އެ ގޮތަށް އަޑުއުފުލައިގެންނެވެ. އެ އަޑު އުފުލަން ޖެހެނީ ނާކާމިޔާބުވުމުން އާ ލީޑަޝިޕަކަށް ފުރުސަތު ދިނުމުގެ މުހިންމުކަން ބޮޑުވުމުންނެވެ.

އެއްވެސް ޕާޓީއަކީ އެއްވެސް މީހެއްގެ 'އަޅަކަށް ނުހެދުމެ'ވެ.

އެކަމަކު ޕާޓީގައި ބާރު އޮތް ލީޑަރުންގެ ވިސްނުން އޮންނަނީ އަބަދުމެ، އެ ބާރުގައި ތިއްބަވާށެވެ. މައުމޫނާއި ނަޝީދާއި ޔާމީން ވެސް މެ އެވެ. ކުޑަ ޕާޓީތަކަށް ބަލާއިރު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އެ ލިސްޓްގައި ހިމެނެ އެވެ. ޕީޕީއެމުން ޔާމީނަށް ރިޔާސީ ޓިކެޓް ދިނީ، އެމަނިކުފާނަށް އަމާޒުކޮށް ސެނެޓުން އަސާސީ ގަވާއިދަށް ބަދަލު ގެނެސްގެންނެވެ. ކުރިއަށް އޮތް ޖޭޕީގެ ކޮންގްރެސްގައި ވެސް ގާސިމް ނޫން ބޭފުޅަކަށް ރިޔާސީ ޓިކެޓެއް ނުދޭނެ އެވެ.

އަންނަ ހޮނިހިރުދުވަހު އެމްޑީޕީ އެ ނުކުންނަނީ އެ ޕާޓީގެ 18 އަހަރުގެ ތާރީހުގައި، އެތެރޭގެ އެންމެ ބޮޑު ހިފުމަށެވެ. އެ ހިފުމުގެ އަސަރު ފެތުރިގެންދާނެ މިންވަރު ރަނގަޅަށް ލަފާކުރެވޭނީ ނަތީޖާ ނުކުތުމުންނެވެ. އެހާ ވެސް މި ވާދަވެރިކަމުގެ ހޫނުގަނޑު މައްޗެވެ.

ކޮމެންޓް (2)

ޢަސްލުވެސް

24 ޖެނުއަރީ 2023
އެމް.ޑީ.ޕީ އުފެދުނު ފަހުން ވާދަވެރި ޕްރައިމަރީއެއް ބޭއްވޭ ދެވަނަ ފަހަރު މިފަހަރު މީ . މިފަހަރުވެސް ބަޔަކު އެމް.ޑީ.ޕީން ބޭރުވާނެ.. ކުރީ ފަހަރުވެސް ޕާޓީގެ ރައީސް ޕާރޓީ ދޫކުރުއްވައި ވަޑައިގަތީ. މުފަހަރުވެސް އެމަންޒަރު ފެނުން ގާތް..
1 1

މަވެސް

24 ޖެނުއަރީ 2023
ނަޝީދަކީ ވަރަށް ޑިމޮކްރެޓިކް ލީޑަރެއް. ބަލިވިޔަސް އެބަލި ގަބޫލު ކުރައްވާނެ. އަދި އެކަން ނިމުނީމާ ނިމުނީ. އިބޫ ކާމިޔާބު ކުރައްވާނެ.އެކަން ވަރަށް ސާފު.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް