އިނގިރޭސި ރަސްގެފާނު ޗާލްސް ލަންޑަންގެ ބަކިންހަމް ޕެލެސްގައި މިއަދު ތަގުރީރުކުރައްވަނީ

އިނިގރޭސިވިލާތް

ރަސްގެފާނު ޗާލްސްގެ ފުރަތަމަ ތަގުރީރުގައި ވަފާތެރި ހިދުމަތެއްގެ ވައުދާއި ރާނީ އަށާއި އާއިލާއަށް ލޯބި

ރަސްގެފާނު ވިދާޅުވީ ހިދުމަތްކުރައްވާނީ އެންމެންނަށް ހަމަހަމަގޮތުގައި، 'ވަފާތެރިކަމާއި އިހުތިރާމާއި ލޯތްބާ އެކު' ކަމަށް

އިނގިރޭސިވިލާތުގެ އާ ރަސްގެފާނު ޗާލްސް ގައުމާ މުހާތަބުކުރައްވައި ކުރެއްވި ފުރަތަމަ ތަގުރީރުގައި، މަންމާފުޅު ރާނީ އެލިޒަބަތުގެ ނަމޫނާގެ މަތިން ހިދުމަތްކުރެއްވުމަށް ވައުދުވެޑައިގަންނަވައި މަންމާފުޅަށާއި އަނބިކަނބަލުން އަދި ދެ ދަރިކަލުންނަށް ހިތްޕުޅުގައި އޮތް ލޯބި ހާމަކުރައްވައިފި އެވެ.

ރަސްގެފާނު ޗާލްސް ވިދާޅުވީ މިހާތަނަށް ވެސް އަމަލުކުރައްވަމުން އައި ގޮތަށް ރައްޔިތުންނަށް ދެން ވެސް ހިދުމަތްކުރައްވާނީ ކޮންމެ ކަހަލަ، ކޮންމެ ދީނެއްގެ މީހެއް ވިޔަސް "ވަފާތެރިކަމާއި އިހުތިރާމާއި ލޯތްބާ އެކުގައި" ކަމަށެވެ.

ބަކިންހަމް ޕެލެސްގައި ހުންނަވައިގެން ޓީވީ މެދުވެރިކުރައްވައި ދެއްވި މޮޅިވެރި ތަގުރީރުގައި ރަސްގެފާނު ޗާލްސް، 73، ވަނީ އިއްޔެ އަވަހާރަވި ރާނީ އެލިޒަބަތު އެކަމަނާގެ ދިގު 70 އަހަރުގެ ރަނިކަމުގައި އަދާކުރެއްވި ދައުރަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފަ އެވެ. 

ރާނީ އެލިޒަބަތަކީ ހިތްވަރެއް އަދި ނަމޫނާއެއް ކަމަށާއި އާއިލާއަކުން މަންމައަކަށް ހިތުގެ އެންމެ ފުންމިނުން އަދާކުރަން ޖެހޭ ދަރަނިން އެމަނިކުފާނާއި އާއިލާ ދަރަނިވެރިވެފައިވާ ކަމަށް ރަސްގެފާނު ވިދާޅުވި އެވެ.

އާއްމު ހިދުމަތަށް ހުސްވެވަޑައިގަތުމަށް ރާނީ އެލިޒަބަތު އުމުރުފުޅުން 21 އަހަރުގައި 1947 ވަނަ އަހަރު ވެވަޑައިގެންނެވި މަޝްހޫރު ވައުދުގެ ހަނދާން ރަސްގެފާނު އާކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ހަމައެކަނި ވައުދެއް ނޫން ކަމަށާއި ރާނީގެ މުޅި ހަޔާތް އޭގެ މައްޗަށް ބައްޓަންވެގެންދިޔަ އަޒުމެއް ކަމަށެވެ. އަދި އެ ޒިންމާ އަދާކުރެއްވުމުގައި ރާނީ ގުރުބާނީތައް ވެވަޑައިގެންނެވި ކަމަށް ވިދާޅުވެ، މަންމާފުޅެކޭ އެއްގޮތަށް، އުމުރުގެ ބާކީ ހުރި ހުރިހާ ދުވަސްތައް ގައުމުގެ ދުސްތޫރީ އުސޫލުތައް ނެގެހެއްޓެވުމުގައި ހޭދަކުރެއްވުމަށް ވައުދުވެވަޑައިގެންނެވި އެވެ.

ރަސްގެފާނު ޗާލްސް މިއަދު ލަންޑަނަށް ފުރާވަޑައިގަތުމަށް ސްކޮޓްލެންޑުގެ އެބަޑީން އެއާޕޯޓުގައި. (ފޮޓޯ/ރޮއިޓާސް)

ރަސްގެފާނުގެ ރެކޯޑްކޮށްފައިވާ ތަގުރީރުގައި ވަނީ މިހާތަނަށް އެމަނިކުފާނަށް އޮތް ޕްރިންސް އޮފް ވޭލްސްގެ ޝަރަފްވެރި ލަގަބު ދޮށީ ދަރިކަލުން ވިލިއަމްއަށް ދެއްވިކަން އިއުލާންކުރައްވައިފަ އެވެ. އެއާ އެކު ވިލިއަމްގެ އަނބިކަނބަލުން ކޭޓްއަކީ މިހާރު ޕްރިންސެސް އޮފް ވޭލްސް އެވެ. އެ ލަގަބު އެންމެ ފަހުން އޮތީ ވިލިއަމްގެ މަންމާފުޅު ޕްރިންސެސް ޑަޔާނާ އަށެވެ.

ހަގު ދަރިކަލުން ޕްރިންސް ހެރީ އާއި ހެރީގެ އަނބިކަނބަލުން މޭގަން ދެކެ ލޯބިވެވަޑައިގެންނަވާ ކަމަށް ވެސް ރަސްގެފާނު ވިދާޅުވި އެވެ. ގައުމުން ބޭރުގައި ދިރިއުޅުއްވާ އެ ދެކަނބަލުންނާއި ޝާހީ އާއިލާއާ ދެމެދު ގުޅުން ގޯސްވެފައި ވަނިކޮށް ރަސްގެފާނުގެ ތަގުރީރުގައި އެ ގޮތަށް ވާހަކަފުޅު ދެއްކެވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

ރަސްގެފާނު ޗާލްސް އާއި ރާނީ ކަމިލާ މިއަދު ލަންޑަންގައި ބަކިންހަމް ޕެލެސްގެ ބޭރުން ހިންގަވާފައި ވަޑައިގަންނަވަމުން، ރާނީ އެލިޒަބަތަށް އިހުތިރާމް އަދާކުރުމަށް މީހުން ބަހައްޓާފައި ހުރި މާބޮނޑިތައް ބައްލަވާލައްވަނީ. (ފޮޓޯ/ރޮއިޓާސް)

އަނބިކަނބަލުން އަދި 'ރާނީ ކޮންސޯޓް' ކަމިލާއަށް ވެސް ރަސްގެފާނުގެ ތަގުރީރުގައި ތައުރީފުކުރައްވައި ކަމިލާގެ އެހީތެރިކަމަށާއި ވަފާތެރި ގައުމީ ހިދުމަތަށް ވަރަށް ބޮޑަށް ބަރޯސާވެވަޑައިގަންނަވާކަން ފާހަގަކުރެއްވި އެވެ.

ރަސްގެފާނު ޗާލްސް އާއި ރާނީ ކަމިލާ މިއަދު ލަންޑަންގައި ބަކިންހަމް ޕެލެސްއަށް ވަދެވަޑައިގަންނަވަނީ. (ފޮޓޯ/ރޮއިޓާސް)
ރަސްގެފާނު ޗާލްސް މިއަދު ލަންޑަންގައި ބަކިންހަމް ޕެލެސްގެ ބޭރުގައި އާއްމުންނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރޮއިޓާސް)
ރަސްގެފާނު ޗާލްސް މިއަދު ލަންޑަންގައި ބަކިންހަމް ޕެލެސްގެ ބޭރުގައި އާއްމުންނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރޮއިޓާސް)

ތަގުރީރުގެ ކުރިން ރަސްގެފާނު ޗާލްސް ވަނީ ބަކިންހަމް ޕެލެސްގެ ބޭރުގައި އާއްމުންނާ ސަލާމްކުރައްވައިފަ އެވެ. އެމަނިކުފާނު ލަންޑަނަށް ވަޑައިގަތީ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ސްކޮޓްލެންޑުގައި ހުންނެވުމަށް ފަހުގަ އެވެ. ރާނީ އެލިޒަބަތު އުމުރުފުޅުން 96 އަހަރުގައި އަވަހާރަވީ ސްކޮޓްލެންޑުގައި ހުންނަ އެކަމަނާގެ ގެކޮޅު ބެލްމޯރަލް ކާސްލްގަ އެވެ. ރާނީގެ ހާލުކޮޅު ދެރަވުމާ އެކު ޝާހީ އާއިލާގެ މެމްބަރުން އެ ތަނަށް ދަތުރުކުރައްވަން ފެއްޓެވި އެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާ ބޭއްވެންދެން އިނގިރޭސިވިލާތުގައި ގައުމީ ހިތާމައިގެ މުއްދަތެއް ވަނީ އިއުލާންކޮށްފަ އެވެ.

ޗާލްސްއަކީ ރަސްގެފާނުކަން ރަސްމީކޮށް އިއުލާންކުރުން މާދަމާ އޮންނާނެ އެވެ.

ރަސްގެފާނު ޗާލްސްގެ ފުރަތަމަ ތަގުރީރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް