މެންކް ކާނިވަލުގެ ސްޓޭޖުގައި މިރޭ ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ހިތްހަމަޖެހޭ ބަހަކީ، އެތައް ޑޮލަރަކަށް ވުރެ އަގުހުރި ސަދަގާތަކަށް ވެދާނެ: މެންކް

މެންކު ވިދާޅުވި ގޮތުގައި، ނަފްސާނީ ބަލީގެ ޝިކާރައަކަށްވީ އީމާންތެރިކަން ދަށްވެގެންނޭ ނުބުނެވޭނެ؛ އެކަމަކު އެކަމުން އަސަރުކުރާ މިންވަރު ކުޑަކުރަން، ﷲއާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރަން ޖެހޭ
29 އޮކްޓޯބަރު 2022

މީހަކަށް އެހީވުމަށް، ދެވެން އޮތް އެންމެ ކުޑަ މިންވަރަކީ ހިތްހެޔޮކަމާ އެކު ބަހެއް ބުނެލުން ކަމަށް ވިޔަސް އެކަން ކުރުން މުހިއްމު ކަމަށާއި ބައެއް ފަހަރު އެ ބަހަކީ، އެތައް ހާސް ޑޮލަރަކަށް ވުރެ އަގުހެޔޮ ސަދަގާތަކަށް ވުން އެކަށީގެންވާ ކަމަށް، ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މޫސާ މެންކް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މެންކު ވަނީ' ޑިޕްރެޝަން، އެންގްޒައިޓީ އަދި ސްޓްރެސް'އާ ގުޅޭގޮތުން މިރޭ މާލޭގައި ދަރުސްއެއް ދެއްވާފަ އެވެ. ކާނިވަލުގައި އޮތް އެ ދަރުސްއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން، އެތައް ހާސް ބަޔަކު ދިޔަ އެވެ.

މެންކްގެ ދަރުސް އަޑުއެހުމަށް މިރޭ ގޮސް ތިބި މީހުން ކާނިވާ ސަރަހައްދު ފުރާލާފައި (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - އެ ދަރުސްގައި، ޒިމްބާބްވޭގެ ދީނީ އިލްމުވެރިޔާ އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެއް ކަމަކީ، އެކަކު އަނެކަކަށް އަޅާލުމާއި އަނެކާގެ ވާހަކަތައް އަޑުއަހައި، އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އިސްލާމްދީނުގެ މަތިވެރި އަގީދާގެ މަތީގައި ގާއިމްވެ ތިބެ، ނަފްސާނީގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމާއި ﷲގެ ހަޒުރަތުން ރައްކާތެރިކަން ހޯދުމުގެ މުހިއްމުކަމެވެ.

މެންކު ވިދާޅުވި ގޮތުގައި ބައެއް ފަހަރު މީހަކު ބޭނުންވާ ހަމައެކަނި އެއްޗަކީ، އޭނާގެ ވާހަކަތައް އަޑުއަހާލާނެ ކަންފަތަކަށް ވެސް ވެދާނެ އެވެ. އެހެންވެ، އެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި އަނެކާ ހިތްހަމަޖައްސައިދިނުމަށް ބުނާ ބަސްތަކަކީ ކިތަންމެ ކުޑަ އެހީއެއް ކަމުގައި ހީކުރެވުނު ނަމަވެސް އެތައް ހާސް ޑޮލަރަކަށް ވުރެ އަގުހުރި ސަދަގާތަކަށް އެކަން ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރުސްގައި މެންކް (ވ) މިރޭ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (މ) އާއި ފަސްޓް ލޭޑީ ފަޒުނާ އަހުމަދު އަރިހުގައި (ފޮޓޯ/ރައީސް އޮފީސް)

އެ މައުލޫއުގައި ވާހަކަ ދައްކަވަމުން މެންކް ވަނީ، ދަރިން ދައްކާ ވާހަކަތައް ވެސް މައިންބަފައިން ކަނުލާ އެހުން މުހިއްމުކަން ފާޙަގަ ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ދަރިން ބުނާ ވާހަކައަކީ، ކިތަންމެ ހިތްހަމަނުޖެހޭ، ގަބޫލުނުކުރެވޭ ވާހަކައަކަށް ވިޔަސް، މައިންބަފައިން އެ އަޑުއަހަން ޖެހޭނެ 

  • އަދި ހުޝިޔާރުކަމާ އެކު އެއަށް ޖަވާބުދާރީވެ، ދަރިފުޅަށް ވިސްނޭނެހެން ޖަވާބު ވެސް ދޭން ޖެހޭނެ 

  • ޖަވާބުދޭން ނޭނގިއްޖެ ނަމަ، އެކަން އެނގޭ މީހެއް ކައިރިން ސާފުކޮށްގެން ވިޔަސް އިޖާބަ ދޭން ޖެހޭނެ ކަމަށް ވިދާޅުވި 

"އެކަމަކު އަޅުގަނޑުމެން ގިނަ ފަހަރަށް ކަންކަމުގައި ފަހަތަށް ޖެހިފައި މިވަނީ، އެ ސުވާލުތައް ހުއްޓުވާތީ. ބުނާނެ ސުވާލު ނުކުރާށޭ. މަޑުން ހުންނާށޭ. ... ދެން އޭނާ އޭގެ ޖަވާބު ހޯދަނީ ނުބައި މީހެއް ކައިރިން. ނުބައި ގޮތަކަށް،" މެންކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައިންބަފައިންނަށް ދަރިންނަށް ޖަވާބުދާރީ ނުވެވުމުގެ ސަބަބުން ވެސް، ބާކީވެފައިވާ ކަމުގެ އިހުސާސް ކުރެވި، އެ ކުދިން މާޔޫސްވާ ކަމަށެވެ. އަދި އަމިއްލަ ނަފްސާ މެދު އިތުބާރު ކުޑަވެ، ހާސްކަމުގެ ތެރެއަށް ގެނބިގެންދާ ކަމަށް ވިދާޅުވި އެވެ.

މެންކް މިރޭ ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ނަފްސާނީ ބަލިތަކާ ގުޅުން ހުރި ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، މެންކް ވިދާޅުވީ މާތްﷲ އަހަރެމެން ދުނިޔެއަށް ފޮނުއްވާފައިވަނީ، އެންމެ ރަނގަޅުގޮތުގައި ދިރިއުޅުން ކުރިއަށް ގެންދަން ވަކި ނިޒާމަކާއި ތާވަލެއް ކަނޑައަޅުއްވާފައި ކަމަށެވެ. ރޭގަނޑުވުމުން ނިދާފައި، ދުވާލު، މަސައްކަތާއި ދިރިއުޅުމުގެ އެހެން ކަންކަން ކުރިއަށް ގެންދާ ގޮތަށެވެ.

އެ ޕްލޭނާ އެއްގޮތަށް ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދާ ނަމަ، މައްސަލައިގެ އެއްބައި ހައްލުވީ ކަމަށާއި އެކަމަކު ގިނަ ފަހަރަށް އެއާ ހިލާފަށް ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރެވުމުން، ހިތާމަ އާއި ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ރަސޫލާ ވެސް ހަދީސް ކުރައްވާފައިވޭ، އިޝާ ނަމާދަށް ފަހު މާ މުހިއްމު/ބޭނުންތެރި ކަމެއް ނެތް ނަމަ ދެންް ނިދުމަށް. އޭގެ ފައިދާ އާއި ތަފްސީލެއް އޮޅުންފިލުއްވައި ނުދެއްވި ނަމަވެސް، މިއީ ﷲގެ އެންގެވުންތައް. މިހާރު ސިއްހީ މާހިރުން ވެސް ބާރަށް މި ދައްކަނީ ހަމަ މި ވާހަކަތައް،" މެންކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ރޫޓިންގެ ތެރެއަށް ވަނުމަށް، އަމިއްލަ ނަފްސަށް އެކަމަށް ބާރު އަޅަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަފްސާނީ ބައްޔާ ކުރިމަތިލާން ޖެހެނީ، މީހާގެ އީމާންތެރިކަން ދަށްވެގެންނޭ ނުބުނެވޭނެ އެވެ. އެކަމަކު އެ އެންޒައިޓީ އާއި ޑިޕްރެޝަންގެ އަސަރު ކުރާ މިންވަރު، ﷲއާ ގުޅުން ބަދަހިކުރާ ވަރަކަށް ކުޑަވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

ހިތާމަ އާއި ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހުމަކީ އިންސާނެއްގެ ހަޔާތުގައި ކުރިމަތިވާނެ ކަންކަން ކަމަށާއި އެކަމަކު އެ ހިތާމަތައް، ތިމާގެ ނަފްސު ހަލާކުކޮށްލިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް މުފްތީ ވިދާޅުވި އެވެ. އެއީ، ދުނިޔެ އާއި އާހިރަތުގައި ވެސް އެންމެ މޮޅު ގޮތް ކަމަަށް ވިދާޅުވި އެވެ.

"ޑިޕްރެސްވެފައިވާ މީހާ ކައިރީ، އީމާންތެރިކަން ވަރުގަދަ ކުރާށޭ ބުނާތަންް ފެނޭ. އެކަމަކު އެއީ ގޯހެއް. އެހެން ބުނާކަށް ނުޖެހޭނެ. އޭގެ ބަދަލުގައި ޖެހޭނީ އެ މީހަކަށް ހިތްވަރު ދޭން،" މެންކު ވިދާޅުވި އެވެ. 

މެންކްގެ ދަރުސް އަޑުއެހުމަށް މިރޭ ގޮސް ތިބި މީހުން ކާނިވާ ސަރަހައްދު ފުރާލާފައި (ފޮޓޯ/ރައީސް އޮފީސް)

އޭނާ ވިދާޅުވި ގޮތުގައި ބައެއް މީހުންނަކީ ކަންކަމާ ކުރިމަތިލުމުގައި ވަރަށް ހިތްވަރުގަދަ މީހުންނެވެ. ކޮންމެ ހިތާމައަކާ ވެސް އެ މީހުން ކުރިމަތިލަނީ ހިނިތުންވެ ތިބެގެންނެވެ. އެކަމަކު ހުރިހާ އެންމެންނަކަށް އެހެނެއް ނުވާނެ ކަމަށާއި އެހެންވެ، އޭނާއާ ދިމާއަށް އިނގިލި ދިއްކޮށްފައި، އީމާންތެރިކަން ވަރުގަދަކުރާށޭ ނުބުނެވޭނެ ކަމަށް ވިދާޅުވި އެވެ.

މެންކު ވިދާޅުވި ގޮތުގައި ﷲ ކޮންމެ އިންސާނަކު ވެސް ތަފާތުކޮށް ހެއްދެވި އިރު، އޭނާގެ ހަޔާތުގައިވާ މައްސަލަތަކާއި ގޮންޖެހުންތައް ދެނެވޮޑިގަންނަވަ އެވެ. އަދި އަމިއްލަ ނަފްސު އެނގޭ ވަރަށް ވުރެ ﷲ އެ މީހަކު ދެނެވޮޑިގަންނަވާ ކަމަށާއި އެހެންވެ، ކުރިމަތިވާ ހާސްކަމާއި ހިތާމައިގައި އެ ކަލާނގެއަށް ދަންނަވައި ރައްކާތެރިކަން ހޯދަން ނަސޭތްތެރިވެ ވަޑައިގެންނެވި އެވެ. 

ދަރުސްގައި މެންކް ސަރުކާރުގެ އިސް ވެރިން އަރިހުގައި (ފޮޓޯ/ރައީސް އޮފީސް)

ކަންބޮޑުވުމާއި ހިތާމައާއި ކަންނެތްކަމުން ރައްކާތެރިކަން ހޯއްދެވުމަށް ރަސޫލާ ވެސް ދުއާ ކުރައްވާ ކަމަށާއި އެހެންވެ، އަހަރެމެން ވެސް އެއީ އާދައަކަށް ހަދަން ޖެހޭނެ ކަމަށް މެންކު ވިދާޅުވި އެވެ.

"އެންމެ ދުއާއެއްގައި ކަންނެތްކަމާއި ހިތާމަތަކާއި ކަންބޮޑުވުންތަކުން ދުރުކުރުމަށް އޮތުމުން، އޭގައި، އެއް ކަމަކާ އަނެއް ކަމަކާ ގުޅުން އޮތްވަރު އެބަ ބުނެދޭ. ކަންނެތްވުމުން، ގޮންޖެހުންތަކާއި ކުރިމަތިލާން ބޭނުން ނުވެދާނެ. އޭގެ ސަބަބުން އޮޓަމެޓިކުން ހިތާމައިގެ ތެރެއަށް އެބަ ގެނބިގެންދޭ،" މެންކު ވިދާޅުވި އެވެ.

"އެހެންވެ، ކަންނެތްކަމާ ވެސް ހަނގުރާމަ ކުރަން ޖެހޭ. މީހަކަށް އެކަން ކުރެވެންޏާ ތިމާއަށް ވެސް އެކަން ކުރެވޭނެކަން އަމިއްލަ ނަފްސަށް ވިސްނައިދީ، އެކަމަށް އަޒުމު ކަނޑައަޅާ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް